06 ޖުލައި 2017
ހުޅުމާލޭގަ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފެންވަރުގެ 40،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށް އެބަ ދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގަ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފެންވަރުގެ 40،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށް އެބަ ދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިކަމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ދަރުބާރުގޭގައި މިއަދު ފެށި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ އަަޅަމުން އަންނަނީ އެކި ފެންވަރުގެ ތަންތަން ކަމަށެވެ.
"މީޑިއަމް ރޭންޖް، ހައި އެންޑް ސޯޝަލް ހައުސިން ހަމައެކަނި ހުޅުމާލޭގަ އެއް ނޫން ސަރުކާރުން ކުރިޔަށް ގެންދަނީ. އަތޮޅުތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިޔަށް ގެންދެވޭ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ހުޅުމާލޭގައި އެކަށީގެންވާ މިންވަރަށް ގެދޮރު އިމާރާތްކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެތަނުގައި މީހުން ދިރިއުޅެމުން އަންނަނީ ގާތްގަނޑަކަށް 2،400 ހައުސިން ޔުނިޓްގައި ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން މިދިޔަ ދުވަސްތަކަށް ބަލާއިރު މާލޭގެ ހައުސިން ސޮލިއުޝަނެއްގެ ގޮތުގައި ހުޅުމާލޭގައި އެޗީވްކުރަން ބަލާއިރު އެއީ ވަރަށް ކުޑަ އަދަދެއް. ރައީސް ޔާމީންގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ދެވަނަ ފިޔަވައްސެއް ހިއްކައި ހުޅުމާލެ ޔޫތު ސިޓީގެ ގޮތުގައި 240 އެއްހާ ހެކްޓަރު ވަނީ ހިއްކާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގެދޮރު އިމާރާތްކުރުމުގެ ގޮތުން އެތައް ހާސް ހައުސިން ޔުނިޓެއް އަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެތަނުގައި ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓްގެ ދަށުން 7،000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ހައުސިން މަޝްރޫއުތަކަށް ބޭނުންވާ މާލީ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން ފެށި ފައިނޭންޝަލް އެކްސްޕޯ ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ހުޅުވައިދެއްވަނީ -ފޮޓޯ: އެމްއެމްއޭ
"ކުރިޔަށް އޮތް ދުވަސްތަކުގައި ފެނިގެން މިދަނީ ވަރަށް ބޮޑެތި އަދަދުތަކުން ހައުސިން ޔުނިޓްތައް ހިމެނޭ ގޮތުން މަޝްރޫތައް ފެށޭތަން. ހަތް ހާސް ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ޔުނިޓް. މި ހައުސިން ޔުނިޓްތައް އެޅުމަށްޓަކައި އަމަލީ މަސައްކަތް ވަނީ ފެށިފައި،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގައި ހަދާ 7،000 ހައުސިން ޔުނިޓްގެ މަސައްކަތް، ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން، އެތަންތަނަށް ވަންނާނެ މީހުން ކަނޑައަޅައި، ހަވާލުކުރާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ނިމި މީހުންނާ ހަވާލުކުރަން އެތައް ސަތޭކަ ހައުސިން ޔުނިޓެއް ގިނަ ރަށްރަށުގައި އެބަހުރި ކަމަށެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން، އުތުރުގެ ބައެއް ރަށްތަކުގައި ވެސް އިމާރާތްތައް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ހުރިހާ ހައުސިން ޔުނިޓްތަކަށް ވެސް އެބަ ބޭނުންވޭ ފައިސާ ދައްކާނެ ލުއި ގޮތްތަކެއް ހަމަޖެހިގެންދާން. ބޭންކިން ސެކްޓަ އާއި ހައުސިން ދާއިރާއަށް މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ނަމަ ކުރިޔަށް އޮތް ދުވަސްތަކުގައި ގެދޮރު ބިނާކުރުމަށް ފަރުދީ ފަރާތްތަކަށް ވެސް މިހާރަށް ވުރެ ބޮޑަށް ފަސޭހަވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މަޝްރޫއުތަކަށް ބޭނުންވާ މާލީ ފުރުސަތުތަކާ ބެހޭ ގޮތުން ފެށި ފައިނޭންޝަލް އެކްސްޕޯގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މުއިއްޒު ވިދާޅުވީ ހައުސިން ލޯނު އާއްމު ފަރާތްތަކަށް މިހާރަށް ވުރެ ލުއި ގޮތަކަށް ލިބޭނެ ގޮތްތައް ރޭވިގެންދާން ޖެހޭ ކަމަށެވެ. އޭގެ ސަބަބުން ގެދޮރުވެރިކަމަށް ސަރުކާރުން ބޭނުންވާ މަންޒިލަށް ދާން މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މާލޭގައި ވެސް ވަރަށް ގިނަ ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރިޔަށް އޮތް ތަނުގައި ފެނިގެންދާނެ. މާލޭގައި އަޅުގަނޑުމެން ބޮޑަށް ވިސްނާފައި މިހިރީ މީޑިއަމް ރޭންޖް އަދި ހައި އެންޑް ހައުސިން ޔުނިޓް އެޅުމަށް. ހުޅުމާލޭގައި ބޮޑަށް ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ގިނަ ހައުސިން ޔުނިޓްތަކެއް އަޅަން ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރުސަތު ހުޅުވާލެވި އަދި މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން މެދު އަދި މަތީ ފެންވަރުގެ 1،400 އެއްހާ ހައުސިން ޔުނިޓް އަންނަނީ އަޅަމުންނެވެ. އަދި އެތަންތަން އިމާރާތްކުރަމުން އަންނައިރު އެތަންތަން ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފައިނޭންސް ހަމަޖެހޭނެ ގޮތްތަކެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ސޯޝަލް ހައުސިން ޔުނިޓްގެ ގޮތުގައި ހުޅުމާލޭގައި އިމާރާތްކުރަން ނިންމާފައިވާ އަދަދު ގާތްގަނޑަކަށް 40،000 އެބަ އަރާ. މިހާރު ހުޅުމާލޭގައި 2،400 އެއްހާ ހައުސިން ޔުނިޓްގައި މީހުން ދިރިއުޅޭއިރު، އަޅުގަނޑުމެން މަރުހަބާ ކިޔަން ޖެހޭ ކަމަށް އެބަ ބެލެވޭ 10،000 މީހުންގެ އާބާދީއަކަށް. އެއީ އަލަށް އިމާރާތްކުރި 704 ހައުސިން ޔުނިޓަށް އަންނަ މީހުން،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގައި އަމިން ކޮންސްޓްރަކްޝަނުން އިމާރާތްކުރާ "އަމިން އެވެނިއު"ގައި މި އަހަރު ފަހުކޮޅު މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ. އަދި އޭގެ އިތުރުން 1،400 އެއްހާ ހައުސިން ޔުނިޓް އަންނައިރު ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ ހައްލުތަކެއް ލިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ ގިނަބަޔަކު ސޮއިކޮށްފި
ގޯތި ވިއްކަން އޭސީސީން ވަނީ ހުއްދަދީފައި: މުއިއްޒު
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާން ކުރަނީ
ފްލެޓް ގަންނަން ރޭ ކިއު ޖެހުނު މީހުންގެ ވާހަކަތައް
ހިޔާ ފްލެޓްގެ އަގުކުޑަކޮށްފި ނަމަ ގެއްލުންވާނެ: އޮޑިޓް
ފްލެޓްގެ ފިނިޝިންއަށް ޕެންޝަން ފައިސާ ބޭނުންކުރެވެންޖެހޭ
ފްލެޓަށް 7،500ރ. އަކީ ހިތްދަތިކަމެއް: މުއިއްޒު
ފްލެޓް ކުލި 5،600ރ.އޭ ބުނަނީ ރަނގަޅަކަށް ނޫން
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!