Roadha Mihaaru
ފްލެޓް ގަންނަން ރޭ ކިއު ޖެހުނު މީހުންގެ ވާހަކަތައް

ފްލެޓްގެ ޑިމާންޑް ބޮޑު، ރޭ ކިއު ޖެހުނު މީހުންގެ ވާހަކަތައް

03 ޑިސެމްބަރ 2017

ރޭ ހުޅުމާލޭ ގާޒީ ސްކޫލްގެ ބޭރުގައި 150 އަށް ވުރެ ގިނަ މީހުން ކިއޫ ޖެހުނީ، މާލޭގެ ގާކޮށިންނާއި ކުރިން އަރަބިއްޔާ ހުރި ބިމުގައި ތަރައްގީ ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ވިއްކަން އިއުލާންކުރި 105 ފްލެޓަށް ފޯމް ހޯދާށެވެ. އެކަމަކު ކުއްލިއަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޓްވީޓަކާ އެކު، އެ އެންމެންނަށް ޖެހުނީ އެނބުރި ދާށެވެ.

ރޭ ހުޅުމާލޭ ގާޒީ ސްކޫލްގެ ބޭރުގައި 150 އަށް ވުރެ ގިނަ މީހުން ކިއޫ ޖެހުނީ، މާލޭގެ ގާކޮށިންނާއި ކުރިން އަރަބިއްޔާ ހުރި ބިމުގައި ތަރައްގީ ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ވިއްކަން އިއުލާންކުރި 105 ފްލެޓަށް ފޯމް ހޯދާށެވެ. އެކަމަކު ކުއްލިއަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޓްވީޓަކާ އެކު، އެ އެންމެންނަށް ޖެހުނީ އެނބުރި ދާށެވެ.

ހިތްހަމަނުޖެހުންތައް ބައިވަރެވެ. ކިއޫ ޖެހުނު މީހުންގެ ޝަކުވާތައް ވެސް ގިނަ އެވެ.

ކިއު ޖެހޭކަށް ވަކި ވަގުތެއް އެޗުޑީސީއަކުން ނުދެ އެވެ. މާލޭގައި ތިން ކޮޓަރީގެ ފްލެޓެއް މިހާރު ވިއްކާ އަގުތަކަށް ބަލާއިރު މަދުވެގެން މިލިއަނެއްހާ ރުފިޔާ ހެޔޮކޮށް ވިއްކަން އިއުލާންކުރި ފްލެޓްތަކަށް ފޯމު ދޫކުރާނީ ފުރަތަމަ އަންނަ ބަޔަކަށް ފުރަތަމަ ފޯމް ދޭ އުސޫލުންނެވެ. އެހެންކަމުން ފްލެޓް ލިބުމުގެ ފުރުސަތު ބޮޑުވާނީ އެންމެ ފުރަތަމަ އެތަނަށް ދާ 105 މީހުންނަށެވެ.

ރޭ އާންމުން ކިއު ޖެހުނީ އެކަން އެނގި ތިބެ އެވެ. ބޭންކުން 100،000ރ ގެ ގެރެންޓީއެއް ހޯދައިގެން ދިޔަ އެކަކު "މިހާރު" އަށް ބުނީ ދެ ދުވަސް ކުރިން ކިއޫއަށް އެރީ ޝަކުވާއެއް ނެތި ކަމަށެވެ.

"އަހަންނަށް އެނގޭ ހޯމަދުވަހުކަން ފޯމް ދޫކުރަނީ. އެކަން އެނގި ހުރެ ކިއޫގައި ޖެހުނީ. އެޗްޑީސީން އެ އޮތީ ބުނެފައި ފުރަތަމަ އަންނަ ބަޔަކަށޭ ފޯމް ދޫކުރާނީ،" ނަން ނުޖަހަށް ޝަރުތުކޮށް ވާހަކަ ދެއްކި އެމީހާ ބުންޏެވެ.

ކިއު ޖެހެން ފެށުމާ އެކު ބައެއް މީހުން އަމިއްލައަށް ކިއު ތަރުތީބު ވެސް ކުރަން ފެށި އެވެ. އެގޮތުން ދެ މީހަކު އިސްނަގައިގެން ނަންބަރުތަކެއް ހަދައިގެން ގެނެސް، އެ ނަންބަރުތައް ތަރުތީބުން ބެހި އެވެ. މިއީ ވެސް، އެކަކު ބުނި ގޮތުގައި، އެންމެންގެ މަސްލަހަތަށް ކުރި ކަމެކެވެ.

ބައެއް މީހުން ބުނީ ކިއޫ ތަރުތީބު ކުރުމުގައި ފުލުހުން ވެސް އެހީތެރިވި ކަމަށެވެ. އެގޮތުން ކިއޫ ފަޅާލާފައި ވަން ބައެއް މީހުން އެތަނުން ނެރެން ފުލުހުން އަ އެވެ. އެހެންކަމުން ކިއޫގައި ތިބި ބައެއް މީހުން ގަބޫލުކުރީ، އެޗުޑީސީން އެހީތެރިކަން ނުދިނަސް، ފުލުހުން އެ ހިސާބުގެ ކަންކަން ރަނގަޅަށް ބަލަހައްޓަމުން އައި ކަމަށެވެ.

"އަސްލު ކިއޫގައި ތިބި މީހުން ނިންމައިގެން ތިބީ މާދަމާ ފޯމު ދޫކުރާ ގަޑި ޖެހެންދެން ކިއޫގައި ތިބެން. އަހަރެމެންގެ ޝަކުވާއެއް ނެތް،" ކުރިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

އެކަމަކު ރޭ ގާތްގަނޑަކަށް 11 ޖަހާކަންހާ އިރު މިނިސްޓަރު މުއިއްޒު ޓްވީޓެއް ކުރައްވައި އިއުލާންކުރެއްވީ ފްލެޓް ވިއްކުން މަޑުޖައްސާލަން ނިންމެވި ކަމަށެވެ. މިއީ ބައެއް މީހުންނަށް ގަބޫލުކުރެވުނު ކަމެއް ނޫނެވެ.

"އަޅުގަނޑު ހިތަށް އަރަނީ އިއުލާނަކުން ރަސްމީކޮށް އިއުލާންކޮށް، ވަގުތު ދީފައި އޮތް ކަމެއް މިނިސްޓަރުގެ ޓްވީޓަކުން ކެންސަލްވާނެހޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި، އަދި ފްލެޓަށް ފޯމް ލާން އެއް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް ހޯދި މީހަކު ބުންޏެވެ.

މުއިއްޒުގެ ޓްވީޓްގައި ވިދާޅުވި އެއް ވާހަކަ އަކީ، "ރައްޔިތުން ކިޔޫ ހަދަން ޖެހުމަކީ ސަރުކާރުން ގަބޫލުކުރާ ކަމަކަށް ނުވާ" ކަމެވެ އެހެންކަމުން "...ފަސޭހަ ގޮތެއް ހަމަޖެއްސުމަށް، މި ފްލެޓްތައް ވިއްކުން މަޑުޖައްސާލެވިފައިވާ ވާހަކަ ދަންނަވަން،" ކަމަށް ޓްވީޓްގައި ވިދާޅުވި އެވެ.

ކިއޫގައި ތިބި މީހުން އެ ޓްވީޓާ މެދު ހިތްހަމަނުޖެހުނެވެ. ބައެއް މީހުންގެ ހިތުގައި ސުވާލުތައް އުފެދުމުގެ އިތުރުން ޝައްކުތަކަށް ވެސް ފުރުސަތު ލިބުނެވެ.

އެކަކު ބުނި ގޮތުގައި ކަންބޮޑުވާން ޖެހުނު ކަމަކީ، މި ފަހުން ދޫކުރި ފްލެޓްތަކަށް ވީ ގޮތް ހިތަށްއެރުމުންނެވެ. ވަރަށް ގިނަ ކަންކަން ސިއްރުކޮށް އެ ފްލެޓްތައް ދީފައި ވަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ވާތީ، މިފަހަރު ވެސް އެފަދަ ކަމެއް މެދުވެރިވަނީތޯ ސުވާލު އެފެދުނު ކަމަށް އޭނާ އޭނާ ބުންޏެވެ.

އޭގެ އިތުރުން ސަރުކާރުން އިއުލާންކުރާ ފްލެޓްގެ ކޮންމެ މަޝްރޫއުއަކަށް ވެސް ރައްޔިތުން ފޯމް ލާފައި ވަނީ ދިގު ކިއޫއެއްގައި އެތައް ވަގުތެއް ހޭދަކޮށްގެންނެވެ. އެހެންކަމުން ރޭގެ ކިއޫ ބޮޑުވެގެން ސަރުކާރުން "ހާސްވަން ޖެހެނީ" ކީއްވެގެންތޯ، އެއް ބަޔަކު، ސުވާލުކުރި އެވެ.

މުއިއްޒުގެ ޓްވީޓަށް ފަހު ވެސް މީހުން ކިއޫ ދޫކޮށް ނިދިއުމުން، އެންމެ ފަހުން އެޗުޑީސީގެ އޮފިޝަލަކު އެ މީހުންނާ ބައްދަލުކުރި އެވެ. އެކަމަކު އޭނާ ވެސް ދެއްކީ މުއިއްޒުގެ ޓްވީޓްގައި އޮތް ވާހަކަތަކެވެ.

މިހާރު މި އޮތީ އިއުލާނަކުން އަންގާފައި އޮތް ކަމެއް ހައުސިން މިނިސްޓަރުގެ ޓްވީޓަކުން "ކެންސަލްވެފަ" އެވެ. އެކަމަކު ކިއޫގައި ޖެހުނު މީހުން ގަބޫލުކުރާ ގޮތުގައި ޝަކުވާއެއް ނެތި އެ މީހުން ކިއޫގައި ތިބެން ތައްޔާރު އިރު ސަރުކާރުން ކަންބޮޑުވާން ޖެހޭނެ ކަމެއް ނެތެވެ.

"އެ އަގުގައި މާލެ އިން ފްލެޓެއް ބޭނުންވާތީ އަހަރެން ދިޔައީ،" ކިއޫގެ މެދުތެރެއިން ޖާގަ ލިބުނު މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"އެއަށް ވުރެ ހެޔޮކޮށް މާލެއަކުން އެވަރުގެ ފްލެޓެއް ނުލިބޭނެ. ކިއޫގައި ތިބީ ފްލެޓް ބޭނުން މީހުން. ކިއޫގެ ތަރުތީބުން ނަމަ އަހަންނަށް ފުރުސަތު ބޮޑުވީސް. އެކަމަކު ދެން ވާނެ ގޮތެއް ނޭނގޭ."

މި މައްސަލާގައި އެޗުޑީސީން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.