Roadha Mihaaru
ބީއެމްއެލްގެ ފުރަތަމަ އިސްލާމިކް ފައިނޭންސް ގެދޮރަށް

ގެދޮރު ގަތުމަށް ހާއްސަ ބީއެމްއެލްގެ ފުރަތަމަ އިސްލާމިކް ފައިނޭންސް ސްކީމް އަންނަ މަހު ތައާރަފްކުރަނީ

29 ސެޕްޓެމްބަރ 2016

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކިން އަށް ހާއްސަ ކޮށްގެން މިރޭ ހުޅުވި ބްރާންޗުން، އިސްލާމިކް ފައިނޭންސް ހިދުމަތުގެ ގޮތުގައި ގެދޮރު އެޅުމަށާއި ގެދޮރު ގަތުމަށް ފައިސާ ދޭ ދެ ސްކީމެއް އަންނަ މަހު ތައާރަފް ކުރަން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކިން އަށް ހާއްސަ ކޮށްގެން މިރޭ ހުޅުވި ބްރާންޗުން، އިސްލާމިކް ފައިނޭންސް ހިދުމަތުގެ ގޮތުގައި ގެދޮރު އެޅުމަށާއި ގެދޮރު ގަތުމަށް ފައިސާ ދޭ ދެ ސްކީމެއް އަންނަ މަހު ތައާރަފް ކުރަން ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ބީއެމްއެލްގެ އިސްލާމިކް ބޭންކިން އަށް ހާއްސަ ބްރާންޗް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އެވެ. އޭގެ އިތުރުން ވެސް އެހެން ސްކީމްތަކެއް ކުރިއަށް އޮތް ތަނުގައި އިސްލާމިކް ފައިނޭންސްގެ ދަށުން ތައާރަފް ކުރާނެ ކަމަށް އެންޑްރޫ ވިދާޅުވިޔަސް، އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ބީއެމްއެލްގެ އިސްލާމިކް ބްރާންޗް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ އެންޑްރޫ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީއެމްއެލްގެ އިސްލާމިކް ބްރާންޗް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ އެންޑްރޫ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، ބީއެމްއެލް އިން ފަހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި "ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް" ސްކީމްގެ ދަށުން ފައިސާ ލިބޭނީ އަލަށް ގެދޮރު ގަންނަން ބޭނުންވާ ދިވެހިންނަށެވެ. އެ ސްކީމްގެ ދަށުން، އަލަށް ހަދާ ފްލެޓާއި ހައުސިން ޔުނިޓު ގަންނަން ވެސް ފައިސާ ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ދެން ތައާރަފް ކުރާ "ބީއެމްއެލް އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން" އަމާޒުކޮށްފައި ވަނީ، ބީއެމްއެލް އިން ބުނި ގޮތުގައި، އަމިއްލަ މީހުންނަށާއި އާއިލާތަކުން އަމިއްލަ ގެ ހަދަން ނުވަތަ މަރާމަތު ކުރަން ބޭނުންވާ ފައިސާ ހޯދުމަށެވެ.

މި ދެ ސްކީމްގެ ތަފްސީލެއް ބީއެމްއެލް އިން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، އެ ބޭންކުން ބުނީ ވާދަވެރި ރޭޓެއް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން މިހާރު ވެސް އާއްމު ބޭންކިންގެ އުސޫލުގެ ދަށުން ގެދޮރު ހެދުމަށާއި ގެދޮރު ގަތުމަށް ލޯނު ދޫކުރެ އެވެ. އެ ގޮތުން، ގެދޮރު ހެދުމަށް 50،000 ރުފިޔާ އާއި 15 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ލޯނު ދޫކުރާއިރު، ގެދޮރު ގަންނަން ލޯނު ދެނީ ގަންނަން ބޭނުންވާ ތަނެއްގެ އަގަށް ބަލައިފަ އެވެ. މި ދެ ލޯނުގައި ވެސް އެހެން ބޭންކުތަކާއި މާލީ ތަންތަނާ ވާދަވެރި އިންޓަރެސްޓް ރޭޓުތަކެއް ހިމެނެ އެވެ.

ބީއެމްއެލް އިން އިސްލާމިކް ފައިނޭންސްގެ ހިދުމަތް ފަށާއިރު، އިސްލާމިކް ބޭންކިންގެ ހިދުމަތް އެ ބޭންކުން ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ތައާރަފުކޮށްފަ އެވެ. އެ ގޮތުން، އެ ބޭންކުގެ ހުރިހާ ބްރާންޗަކުން މިހާރު ވެސް "ވަދީޣާ"ގެ ނަމުގައި އަމިއްލަ އަދި ވިޔަފާރިތަކަށް އެކައުންޓް ހުޅުވައިދެ އެވެ. އަދި "ބީއެމްއެލް އިސްލާމިކް ވިސާ ޑެބިޓް ކާޑު"ގެ ނަމުގައި ކޭޝް ކާޑެއް ވެސް ދޫކުރެ އެވެ.

ބީއެމްއެލްގެ އިތުރުން އިސްލާމިކް ފައިނޭންސްގެ ހިދުމަތް ދޭ ތަންތަނުގެ ތެެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި ހައިސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ހިމެނެ އެވެ.