09 ޖުލައި 2017
ދަރުބާރުގޭގެ ސިޑިން މައްޗަށް އެރިއިރު ވެސް ފެނުނީ، އަމިއްލަ ގެއެއް (ފްލެޓް، އެޕާޓްމަންޓް، ގެ، މިއިން ކޮންމެ ނަމެއްގެ ތެރެއަށް ފެތުނަސް ވަރިހަމަ އެވެ.) ލިބޭނެ ދުވަހެއްގެ ހުވަފެނުގައި ތިބި މީހަކަށް، އިތުރު ހުވަފެނެކެވެ. ހުޅުމާލޭގެ ފިތުރޯނު ގަސްތަކުގެ މަންޒަރުތަކެއްގެ ސިފާގައި، މުޅި ތަން އޮތީ ޒީނަތްތެރިކޮށްފަ އެވެ. އެ މަންޒަރުތަކަށް ބަލަމުން ގޮސް، ވަދެވުނީ، "ހުވަފެނީ ގެތައް" އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ ސްޓޯލްތަކަށެވެ.
ދަރުބާރުގޭގެ ސިޑިން މައްޗަށް އެރިއިރު ވެސް ފެނުނީ، އަމިއްލަ ގެއެއް (ފްލެޓް، އެޕާޓްމަންޓް، ގެ، މިއިން ކޮންމެ ނަމެއްގެ ތެރެއަށް ފެތުނަސް ވަރިހަމަ އެވެ.) ލިބޭނެ ދުވަހެއްގެ ހުވަފެނުގައި ތިބި މީހަކަށް، އިތުރު ހުވަފެނެކެވެ. ހުޅުމާލޭގެ ފިތުރޯނު ގަސްތަކުގެ މަންޒަރުތަކެއްގެ ސިފާގައި، މުޅި ތަން އޮތީ ޒީނަތްތެރިކޮށްފަ އެވެ. އެ މަންޒަރުތަކަށް ބަލަމުން ގޮސް، ވަދެވުނީ، "ހުވަފެނީ ގެތައް" އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ ސްޓޯލްތަކަށެވެ.
އެކި ޑިޒައިންތަކުގެ އެޕާޓްމަންޓްތަކެވެ. އެއް ކޮޓަރި އާއި ދެ ކޮޓަރި އާއި ތިން ކޮޓަރި އެވެ. ބިޔަ ޕެންޓްހައުސްތަކެވެ. ހުރިހާ މައުލޫމާތެއް ލިބޭނެ ލުއި ފޮތްތައް، ދިއްކޮށްލަ އެވެ. ވަކި ގޮތަކަށް ތަމްރީންކޮށްފައި ތިބި، ނުވަތަ ތަމްރީނެއް ނުލިބުނަސް، "ބޯކާލެވޭނެ" ހުނަރު ހުރި ދެ ޖިންސްގެ ޒުވާން ކުދިންގެ ހިތްހެޔޮ ބަސްތަކެވެ.
އެއް ކުއްޖަކު ދައްކާލީ ގޮނޑިއެކެވެ. ގޮސް އިށީނުމާ އެކު، ބިއްލޫރި މޭޒު މަތީގައި އޮތް ބޮޑު ފޮތެއް ހުޅުވާލި އެވެ. އެއީ އެ ކުންފުނިން ހުޅުމާލޭގައި މިހާރު ފަށާފައިވާ އެޕާޓްމަންޓް ބްލޮކްގެ މުޅި ޑިޒައިނެވެ. ކުލަކޮށް ޗާޕްކޮށްފައި ވަނީ ހުރިހާ މައުލޫމާތެއް ހިމަނައިގެންނެވެ.
"ކިތައް ކޮޓަރީގެ ތަނެއްތޯ ބޭނުންވަނީ؟" ރީތި ހިނިތުންވުމަކާ އެކު، ޒުވާން އަންހެން ކުއްޖާ، ސުވާލުކުރި އެވެ.
"ހިނގާ އެއް ކޮޓަރިން ފަށަމާ."
އެހެން ބުނުމާ އެކު، 1.9 މިލިއަން ރުފިޔާގެ އަގު ދައްކާލި އެވެ. ދެ ކޮޓަރީގެ ބަޔަށް ޖެހިލުމުން، އަގު މައްޗަށް ދިޔައީ 2.9 މިލިއަނުން ފެށިގެން 4.3 މިލިއަނަށެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓްތައް އުޅުނީ 7.2 މިލިއަނުން 8.5 މިލިއަންގަ އެވެ.
މިއަށް ވުރެ ތަންކޮޅެއް އަގުހެޔޮ ބައެއް އެޕާޓްމަންޓްތައް، ކުރީގެ ސްޓޯލްތަކުން ފެނުނެވެ. އެހެންކަމުން މި އިށީދެވުނީ، ކުރިން ބޯ ކަހަން ޖެހުނު އަގުތަކަށް ވުރެ ތަންކޮޅެއް މަތީ ފެންވަރެއްގެ ތަނެއްގައޭ ހިތަށްއެރި އެވެ. އެކަމަކު ކުރިމަތީގައި އިން ކުއްޖާ ދެމުން ދިޔަ ފުރިހަމަ ތަފްސީލުތައް ރަނގަޅުވުމުން، އަޑުއަހަން އިނދެވުނެވެ.
"އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގެ އަގުތައް އަދި މާ މައްޗަށް ދާނެހެން،" އެއް ބައި އިނގިރޭސިން، އަނެއް ބައި ފަހަރު ދިވެހިން، ވާހަކަ ދެއްކި ޒުވާނާ ބުނެލި އެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިމިފައި އަދި ނުނިމި ހުރި މަސައްކަތްތައް ދައްކާލަނީ: ހުޅުމާލޭގައި ގެދޮރުގެ އެތައް މަޝްރޫއެއް ދަނީ ކުރިއަށް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ސުވާލެއް ނުކޮށް އިނީމެވެ. އަގުތައް މައްޗަށް ދާނެ ސަބަބު ވެސް އޭނާ ކިޔައިދިނެވެ.
"މާލެއަކީ މިހާރު އުޅެވޭނެ ތަނެއް ނޫން، ދެއްތޯ. އަޅުގަނޑު ވެސް އަސްލު އުޅޭކަށް ބޭނުމެއް ނޫން. އޮފީސްތައް، ވިޔަފާރިތައް ވެސް، އެހެން ތަންތަން ވެސް، ބަދަލުވާނީ ހުޅުމާލެއަށް. އަޅުގަނޑަށް އެ ތަން ނުފެނުނަސް، އަޅުގަނޑުގެ ދަރިންނަށް އެ ތަން ފެންނާނެ،" އޭނާ ބުންޏެވެ.
އެހާ ހިސާބުން ސުވާލެއް ކޮށްލަން ހިތަށްއެރި އެވެ.
"އުމުރު ކިހާ ވަރެއް؟"
"އެކާވީސް އަހަރު،" އޭނާ ޖަވާބުދިނެވެ.
"ހާދަ އަވަހަކަށް މަރުވަން ތި ހިތަށްއަރަނީ. މިހާރު ދިވެހި އަންހެނުންގެ އެވްރެޖް އުމުރު 75 އަހަރަށް އެހެރަ ދަނީނު."
އޭނާ ހިނިތުންވެފައި، "އާދެ، ރަނގަޅު ވާހަކައެކޭ" ބުނެލި އެވެ.
"އެންމެ ރަނގަޅު. މިހިރީ އަގުތައް، 1.9 މިލިއަނުން މި ފެށެނީ،" އޭނާއާ ދިމާއަށް އެހެން ބުނެފައި މޮބައިލް ފޯނުން ހިސާބު ހަދާލީމެވެ.
"ތި އަގުގެ އެއް ކޮޓަރީގެ ފްލެޓެއް ގަންނަންޏާ 380،000ރ ފުރަތަމަ ވެސް ދައްކަން މި ޖެހެނީ، އެހެންނު. ދެ ކޮޓަރި ނަމަ މި އޮއް އަރަނީ 580،000ރ އަށް. މިއީ ދޯ މައްސަލައަކީ؟"
"އާދެ، ތިއީ މައްސަލައެއް،" ކުޑަކޮށް ރަކި ހިނިތުންވުމެއްގައި އިނދެ އޭނާ ބުންޏެވެ. ދެން ހަމަ އެ ނޭވާގައި، އޭގެ "ހައްލުތައް" ވެސް ކިޔައިދޭން ފެށި އެވެ.
"ތި ބޭފުޅާގެ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވިދާނެ. ނޫނީ ވައިފް، ދަރިންނާ ގުޅިގެން ވެސް ނެގިދާނެ. މި އެކްސްޕޯގައި މިހާރު ވެސް އަޅުގަނޑުމެން އަތުން ދެ ބެއިން އައިސް ފްލެޓެއް ބުކްކޮށްފި."
"އޯކޭ، ހިނގާ ޕެންޝަން ފަންޑުގެ ވާހަކަ ދައްކަން،" އެހެން ބުނުމުން އަންހެން ކުއްޖާ ސަމާލުވި އެވެ.
"އާންމު ގިނަ މީހުންނަށް ނޭނގިދާނެ. ޕެންޝަން ފަންޑުގައި ހުންނަ ފައިސާއެއް ނޫން އެޑްވާންސަށް އެ ދައްކަނީ. ލޯނު ނަގާ ބޭންކުން އެ ބައި ވެސް އަސްލު އެ ލަނީ. އެހެންވީމާ ވާ ގޮތް އެނގޭތަ؟"
އަންހެން މުވައްޒަފު، މިފަހަރު ސަމާލުކަން ދިނީ ތަންކޮޅެއް ސީރިއަސް ބެލުމަކުންނެވެ. އަޑުއަހަން އޭނާ އިނެވެ.
"އަހަރެންގެ ޕެންޝަން ފައިސާ ބޭންކުން ބަލަނީ ސެކިއުރިޓީއެއްގެ ގޮތަށް. އޭރުން ލޯނު އަނބުރާ ދައްކާ އިރު، ޕެންޝަން ފަންޑުން ކޮލަޓަރައިޒްޑް ކުރާ އަދަދު އެއްވާނެ މުޅި ލޯނަށް. އޭރުން ލޯނު އަނބުރާ ދައްކާއިރު، އެއްކަލަ ޕެންޝަން ފަންޑުގައި ހުރި ފައިސާ އަށް ވެސް އަހަރެންގެ އަތުން އެބަ ދޭ އެތައް ލައްކަ ރުފިޔާއެއް، އިންޓަރެސްޓަށް."
"ތިއެއް އަޅުގަނޑަކަށް ނޭނގެ،" އޭނާ ބުނެލި އެވެ.
"އޯކޭ އަސްލު މައްސަލަ އަކީ މިއީ. އާންމު މީހާއަށް ގަނެވޭނެ ތަނެއް މިއިން ތާކު ނެތީ. ދޮގެއްތަ؟"
"ތިއީ ވެސް ރަނގަޅު ވާހަކައެއް. އެކަމަކު އަޅުގަނޑުމެންގެ ތަންތަން އެބަ ވިކޭ،" އޭނާ ބުންޏެވެ.
ޒުވާން އެ އަންހެން ކުއްޖާއާ ދެއްކި ވާހަކަތައް މެދުކަނޑާލަމާ ހިނގާށެވެ.
އަސްލު ހަގީގަތަކީ، ރޭ ނިމުނު ފައިނޭންޝަލް އެކްސްޕޯގައި ދައްކަން ހުރި އެޕާޓްމަންޓްތަކުގައި، އެތަނަށް ޒިޔާރަތްކުރި 90 ޕަސެންޓް މީހުންނަށް އަތް ނުލެވޭނެ ކަމެވެ. ހުޅުމާލޭގެ ފިތުރޯނު މަގުގެ އެއް ކޮޅުން އަނެއް ކޮޅަށް މިހާރު އިމާރަތްކުރަމުން އަންނަ، ބިންގާ އަޅަމުން އަންނަ، ބިން ވަކިކުރަމުން އަންނަ، ތަންތަނަކީ އަނެއްކާވެސް، "އަހަރެންގެ ހުވަފެނީ ގެ" މިލްކުކުރުމުގެ އުއްމީދުގައި ތިބި އެތައް ހާސް ބަޔަކަށް ހަމަ ހުވަފެނެކެވެ.
މުޅިން ވެސް ހުރަސްތަކެވެ. އެޑްވާންސަށް އެތައް ލައްކަ ރުފިޔާއެއް ދައްކާ މީހުންނަށް ވެސް، ލޯނު ޝަރުތު ހަމަނުވެދާނެ އެވެ. ލޯނު ދެއްކުމުގެ ގާބިލްކަން، އޭނާގެ ޖުމްލަ އާމްދަނީގައި ނެތް ނަމަ، ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެންކަމުން، އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި، އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވި، ލިބޭ މުސާރައަކުން ގެދޮރު ގަނެވޭނެ ދުވަހެއް، ރާއްޖޭގައި، މިހާރު މި އޮތް ސިޔާސަތުތަކުގެ ތެރެއަކުން ނާންނާނެ އެވެ.
"މި އަގުތަކުގައި އަޅުގަނޑަކަށް އަތެއް ނުލެވޭނެ،" އަންހެނުންނާއި ކުޑަ ފިރިހެން ދަރިފުޅު ގޮވައިގެން، އެކްސްޕޯ އަށް ޒިޔާރަތްކުރި ޒުވާން ފިރިހެނަކު، ދަރުބާރުގެ އިން ނުކުންނަމުން ބުންޏެވެ.
"އަގު ތިރިކޮށްގެން އަޅުގަނޑުމެންނަށް މިކަމާ އުޅެވޭނީ."
އެކަން ކުރާނީ ކޮން ބައެއް ހެއްޔެވެ؟ ކޮންމެ ސަރުކާރަކުން ވެސް ބޯހިޔާވަހިކަމުގައި ދައްކަނީ ހުވަފެނެވެ. މަހު މުސާރަ ލިބި، 20، 30 އަހަރު މަސައްކަތްކޮށް އުމުރު ދުއްވާލާ އިރު، އަމިއްލަ ގެއެއް ނުހުރެ އެވެ. ކުއްޔަށް މަހަކު 15، 20 ހާސް ރުފިޔާ ހޭދަކުރާ އެތައް ހާސް އާއިލާއެކެވެ. އެކަމަކު ބޮޑު އެޑްވާންސް ނުދެއްކި، އިންޓަރެސްޓް މަތި ލޯނުތައް ނުލިބި، އަދި އާމްދަނީން ޝަރުތު ހަމަނުވާތީ، އެ މީހުންނަށް އަމިއްލަ ތަނަކަށް އެ ފައިސާ ހޭދަކުރެވޭނެ ފުރުސަތެއް ވެސް ނެތެވެ.
ސިޔާސަތު ކަނޑައަޅުއްވާ ވެރިންގެ ހިނިތުންވުން: ބޯހިޔާވަހިކަމުގެ މައްސަލަ އަށް އަވަސް ހައްލެއް ނެތް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ކޮންމެ ސަރުކާރަކަށް ވެސް އަނގަތަކެއް ތެޅިދާނެ އެވެ. އެކަމަކު ހުވަފެނީ ގެއަށް ވަދެވޭނެ ހަގީގަތްތަކެއް ފެންނާކަށް ނެތެވެ. އެ ގެ ހޯދައިދޭން އެކަށީގެންވާ ސިޔާސަތުތަކެއް ވެސް ކަނޑައެއް ނޭޅެ އެވެ. އެހެންކަމުން ގިނަ މީހުން، އެކި ސްޓޯލްތަކުން މައުލޫމާތު ސާފުކޮށް ނުކުމެގެން ދަނީ ހަޔާތުގެ އެންމެ ބޮޑު އެއް އުއްމީދުގައި ކުލަ ޖެއްސޭނެ ގޮތް ނެތް ހާލުގަ އެވެ.
އެއްކަލަ އަންހެން ކުއްޖާ ކައިރިއަށް އަދި ޖެހިލަމާ ހިނގާށެވެ. ބޮޑު ފޮތުގެ އެންމެ ފަހަތު ބައިގައި ހުރީ އެ އިމާރާތުގެ އެންމެ މަތީގައި ހަދާ ބިޔަ ޕެންޓްހައުސްތަކެވެ. އޭގެ އަގު އަހާލުމުން އެ ކުއްޖާ ގާތަށް އައީ ހިންޏެވެ. އާއެކެވެ. ހިނިއަންނާނެ އެވެ. އާދައިގެ އެޕާޓްމަންޓެއް ނުގަނެވޭ މީހަކަށް ޕެންޓްހައުސްގެ އަގު އެނގުމުގެ ބޭނުމެއް ނޯންނާނެ އެވެ.
"ޕެންޓް ހައުސްގެ މައުލޫމާތު ދޭނީ މާކެޓިން މެނޭޖަރު،" އޭނާ ބުންޏެވެ. އެކަމަކު ތަކުރާރުކޮށް ސުވާލުކޮށްލުމުން، ހަތަރު ޕެންޓްހައުސްގެ އަގު، ހިނިތުންވަމުން، ބުނެލި އެވެ. ވަކި ޕޫލަކާއި ވަށައިގެން ބޮޑު ބަގީޗާއެއް ވެސް ހިމެނޭ އެ ޕެންޓްހައުސްތަކުގެ އަގުތައް، މި ތަނުގައި ހާމަކުރުމުގެ ބޭނުމެއް ނެތެވެ.
ފައިނޭންޝަލް އެކްސްޕޯ ރީއްޗެވެ. ގެދޮރާ ގުޅޭ ގިނަ މައުލޫމާތުތައް ލިބުނެވެ. އެކަމަކު ދަރުބާރުގެ އިން ނުކުމެގެން އެތައް ހާސް ބަޔަކު ދިޔައީ، "ހުވަފެނީ ގެ" މިލްކުކުރެވޭނެ ތަނަވަސްކަން ނެތްކަމުގެ ހިތާމައިގަ އެވެ. ގިނަ މީހުން މަރުވެދާނީ ވެސް އެ ހިތާމައާ އެކުގައި ކަމަށް ވެދާނެ އެވެ.
ގެދޮރު ލޯނުގެ އިންޓަރެސްޓް ދަށްކުރަން ޖެހޭ: އަޒީމާ
މިދަނީ 40،000 ހައުސިން ޔުނިޓް އަޅަމުން: މުއިއްޒު
ފްލެޓް ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ކަނޑުންނާއި ފަޅުން ދިން ގޯތި އަތުލަންޖެހޭ: އައްބާސް
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
600ގޯތި ހަވާލުކޮށް، 400 ގޯތީގައި ކަންމުޑިޖަހައިފި
ހުޅުމާލެ 2 އިން 538 ގޯތި ހަވާލުކޮށްފި
ފަސް ޕަސެންޓުގައި ހައުސިން ލޯނު ސްކީމް އިފުތިތާހުކޮށްފި
ފަސް ޕަސެންޓަށް ވުރެ އިންޓްރެސްޓް ބޮޑު ނުވާ ލޯނުތަކެއް