Roadha Mihaaru
ހައްޖު ކޯޓާގެ މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފި

ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކުގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

25 މެއި 2017

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް، ހައްޖު ގްރޫޕަކުން އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް، ހައްޖު ގްރޫޕަކުން އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފި އެވެ.

މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި 16 ކުންފުންޏަކުން ކުރިމަތިލުމުން ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު، އިސްލާމިކް މިނިސްޓްރީން ނިންމީ އަމިއްލަ ފަސް ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށް ހުއްދަ ދިނުމަށެވެ. ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ބައެއް ކުންފުނިތަކުން އޭސީސީ އަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން ދަނީ މައްސަލަ ބަލަމުންނެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުލިބުނު ކުންފުންޏެއް ކަމަށްވާ އަސްކޮއި އިންވެސްޓްމަންޓުންނެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމަށް ފަހު ޕޮއިންޓް ދިނުމުގައި އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ އެ ކުންފުނިން ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ނިމެންދެން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މަޑުޖައްސާލަން އެ ކުންފުނިން އެ ކޯޓުގައި ވަނީ ވަގުތީ އަމުރަކަށް އެދިފަ އެވެ.

އެފަދަ އަމުރަކަށް އެ ކުންފުނިން އެދުނުއިރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ އިތުރު ކަމެއް ނުކުރަން އެ އޭސީސީން ވެސް އެންގުމުން އެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އެދި ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލޭޓް ކުރި ގޮތުގެ ރިޕޯޓް ބުނާގޮތުން އަސްކޮއި ކުންފުންޏަށް ހުއްދަ ނުލިބުނީ ޓެކްސް ކްލިއަރެންސް ރިޕޯޓް އެ ކުންފުނިން ހުށަހަޅާފައި ނުވާތީ އެވެ.

އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ރާއްޖެ އަށް ލިބުނު 1،000 ކޯޓާގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު ބާކީ ހުރި ކޯޓާ ފަސް ކުންފުނީގެ މެދުގައި ހަމަހަމަ އަށް ބެހުމަށެވެ.

ހުއްދަ ލިބުނު ފަސް ކުންފުންޏާ ސަރުކާރާ ދެމެދު އެކަމުގެ އެއްބަސްވުންތަކުގައި ސޮއި ނުކުރަނީސް އެ ގްރޫޕްތަކުން އާންމުން އަތުން ފައިސާ ނަގަމުންދާ ކަމަށާއި އެ ފަރާތްތަކަށް މިވަގުތު ފައިސާ ނުދައްކަން އޭސީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.