Roadha Mihaaru
އެލެގްރީ ގެންދަން އާސެނަލުން މަޝްވަރާކުރަނީ: ރިޕޯޓް

އެލެގްރީ ގެންދަން އާސެނަލުން މަޝްވަރާކުރަނީ: ރިޕޯޓް

13 އެޕްރީލް 2017

ލަންޑަން (އޭޕްރިލް 13) - އާސެނަލްގެ ކޯޗަކަށް ޔުވެންޓަސްގެ މަސިމިލިއާނޯ އެލެގްރީ ގެންދަން ވާހަކަތައް ބާއްވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ އިން އަނެއްކާ ވެސް ރިޕޯޓްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (އޭޕްރިލް 13) - އާސެނަލްގެ ކޯޗަކަށް ޔުވެންޓަސްގެ މަސިމިލިއާނޯ އެލެގްރީ ގެންދަން ވާހަކަތައް ބާއްވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ އިން އަނެއްކާ ވެސް ރިޕޯޓްކޮށްފި އެވެ.

އެލެގްރީގެ ކޯޗުކަމުގެ ދަށުން ޔުވެންޓަސް އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ބާސެލޯނާ އަތުން 3-0 އިން މޮޅުވެފައިވާއިރު އެ ޓީމު ވަނީ އިޓާލިއަން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައި އަދި އިޓާލިއަން ކަޕުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ޔުވެންޓަސްއާ އެކު 2018 ވަނަ އަހަރުގެ ނިޔަލަށް އެލެގްރީ ކޮންޓްރެކްޓް ހަދާފައިވާއިރު ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ދައްކަން އެ ކްލަބުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

އިނގިރޭސި ވިލާތުގެ ދަ ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާސެނަލުން ވަނީ އެލެގްރީ އެ ކްލަބަށް ގެނައުމާ ބެހޭގޮތުން މަޝްވަރާކުރުމަށް، އެލެގްރީގެ މަންދޫބުންނާ އެކު ފާއިތުވި ހަފުތާއެއްހާ ދުވަހު ގުޅުންތައް ކުރިއަށްގެންގޮސްފަ އެވެ. ޕްރިމިއާ ލީގުގައި ކޯޗުކޮށްދިނުމުގެ ޝައުގުވެރިކަން އެލެގްރީ ވަނީ މީގެ ކުރިން ފާޅުކޮށްފަ އެވެ. އަނެއްކޮޅުން އޭނާ އިނގިރޭސި ބަސް ކިޔަވަމުން އަންނަ ކަމަށް ވެސް ވާހަކަދެކެވެ އެވެ.

އާސެނަލުން އާ ކޯޗަކު ހޯދުމަށް މަސައްކަތްކުރާ ކަމުގެ ވާހަކަ ދެކެވޭއިރު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ވެންގާ ވަނީ އިތުރު އެއް އަހަރު ކްލަބުގައި މަޑުކުރަން ނިންމައިފަ އެވެ. އެކަމަކު ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ އޭނާގެ ބަދަލުގައި އާ ކޯޗަކު ގެނައުމަށް ގޮވާލަމުންނެވެ.

އާސެނަލާ 1996 ވަނަ އަހަރު ހަވާލުވި ވެންގާއާ އެކު އެ ކްލަބުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވީ ނަމަވެސް ފަހަކަށް އައިސް ނަތީޖާތައް ރަނގަޅެއް ނޫނެވެ. މި ފަހަރު އެ ޓީމަށް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ލައްވާލުމުގެ ފުރުސަތު ކުޑައިރު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ވަނީ ކަޓައިފަ އެވެ.

ކޯޗިން ކެރިއަރު 2003 ގައި ފެށި އެލެގްރީ މަޝްހޫރުވީ 2010 ވަނަ އަހަރު އޭސީ މިލާނާ ހަވާލުވުމުންނެވެ. އެ ކްލަބަށް ފުރަތަމަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދިން އިރު ޖެހިގެން އައި ދެ ސީޒަނުގައި ވެސް ގަދަ ތިނެއްގައި ނިންމާލި އެވެ. މިލާނުން ވަކިކުރުމުން 2014 ވަނަ އަހަރު ޔުވެންޓަސްއާ ހަވާލުވެ އެލެގްރީ ވަނީ އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. މަޑުމައިތިރި ކޯޗެއްގެ ގޮތުގައި މަޝްހޫރު އެލެގްރީ އަކީ އިޓަލީގެ ފެޑެރޭޝަނުގެ ކޯޗިން ކޯސްތަކުގައި ކިޔަވައިދޭ އިންސްޓްރަކްޓަރެއް ވެސް މެ އެވެ. ޒަމާނީ ބައެއް ފޯމޭޝަންތަކުގައި އެލެގްރީ މިޑްފީލްޑަރު ބޭނުންކުރާ ޓެކްޓިކްސް އަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ ލިބިފަ އެވެ.