Roadha Mihaaru
ލަނޑުޖެހީމަ ރޮނާލްޑޯގެ ޒިންމާ ނިމުނީކީ ނޫން: އެލެގްރީ

ލަނޑުޖެހީމަ ރޮނާލްޑޯގެ ޒިންމާ ނިމުނީކީ ނޫން: އެލެގްރީ

28 ޖުލައި 2021

ޓިއުރިން (ޖުލައި 28) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އުންމީދު ކުރަނީ ގިނަ ލަނޑުތަކެއް ޖެހުން އެކަނި ނޫން ކަމަށާއި އޭނާގެ ފަރާތުން ނަމޫނާ ވެސް ފެންނަން އުންމީދު ކުރާ ކަމަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ޔުވެންޓަސްއާ ހަވާލުވި ކޯޗު މަސިމޯ އެލެގްރީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓިއުރިން (ޖުލައި 28) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އުންމީދު ކުރަނީ ގިނަ ލަނޑުތަކެއް ޖެހުން އެކަނި ނޫން ކަމަށާއި އޭނާގެ ފަރާތުން ނަމޫނާ ވެސް ފެންނަން އުންމީދު ކުރާ ކަމަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ޔުވެންޓަސްއާ ހަވާލުވި ކޯޗު މަސިމޯ އެލެގްރީ ބުނެފި އެވެ.

ޔުވެންޓަސް ދޫކޮށްލަން ބޭނުން ވެގެން ރޮނާލްޑޯ އުޅޭ ކަމަށް މީީޑިއާގައި ދެކެވޭ ވާހަކަތަކުގެ އަޑުގަދަ އެވެ. އެލެގްރީ ބުނީ އެހެން ކުޅުންތެރިންނާ ވާހަކަ ދެއްކި ފަދައިން ރޮނާލްޑޯއާ ވެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. ޔުވެންޓަސްގައި ރޮނާލްޑޯގެ ޒިންމާ ކުރިއަށް ވުރެ ބޮޑު ވާނެ ކަމަށް އެލެގްރީ ބުންޏެވެ.

"އަހަރެން އޭނާ ކައިރީ ބުނިން އަންނަ ސީޒަން ވަރަށް މުހިންމު ކަމަށް އަދި އޭނާއާ އެކު މަސައްކަތް ކުރަން އަލުން ފުރުސަތު ލިބުމުން ހިތްހަމަޖެހޭ ވާހަކަ ވެސް ބުނިން،" ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެލެގްރީ ބުންޏެވެ.

"ހަމައެއާ އެކު އޭނާގެ ޒިންމާ ކުރިއަށް ވުރެ ބޮޑު ވާނެ. ތިން އަހަރު ކުރިން އޭނާގެ ޒިންމާތައް އޮތް ގޮތަކަށް ނޫން މިހާރު އޮންނާނީކީ. އޭނާގެ ފަރާތުން އަހަރެން އުންމީދު ކުރަނީ ގިނަ ގޯލްތަކެއް އެކަންޏެއް ނޫން. ތަޖުރިބާކާރު ކުޅުންތެރިޔެއްގެ ފަރާތުން ފެންނަން ޖެހޭ ނަމޫނާ ފެނިގެން ދިއުމަށް ވެސް އަހަރެން އުންމީދު ކުރަން."

އެލްގްރީ ޔުވެންޓަސް އަށް އަލުން ދިޔައިރު އެ ޓީމުގައި ކުރިން އޭނާއާ އެކު މަސައްކަތްކުރި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ޖިއާންލުއީޖީ ބުފޮން އަދި މިޑްފީްލޑާ އަންޑްރެއާ ބަރްޒާއީ އެ ކްލަބުގައި ނެތެވެ. ބުފޮން ބަދަލުވީ އޭނާގެ ފުރަތަމަ ކްލަބު ޕާމާ އަށެވެ. ބަރްޒާއީ ވަނީ ކުޅުން ހުއްޓައިލައިފަ އެވެ.

އެލެގްރީގެ އެންމެ ފަހު ސީޒަންގައި ޔުވެންޓަސް އިން ވަނީ، ސެރީއާ އަދި ކޮޕާ އިޓާލިއާ ކާމިޔާބު ކޮށްފަ އެވެ. އޭނާ ނެތި ހޭދަވި ދެ އަހަރުގައި ދެ ކޯޗުން އެ ޓީމުގައި މަސައްކަތް ކުރި އެވެ. މައުރީޒިއޯ ސާރީގެ ކޯޗުކަމުގެ ދަށުން 2019 ގައި ސެރީ އާ ކާމިޔާބު ކުރި އެވެ. މިދިޔަ ސީޒަންގައި ކޯޗު ކޮށްދިން އެންޑްރެއާ ޕިރްލޯ އަށް ލީގުގައި ނާކާމިޔާބު ވުމުން އޭނާ މަގާމުން ވަކި ކުރީ އެވެ.

އެލެގްރީ ޔުވެންޓަސްއާ އަލުން ހަވާލުވީ، އޭނާ ގެންދަން ރެއާލް މެޑްރިޑުން ހުށަހަޅައިފައި ވަނިކޮށެވެ. އެލެގްރީ ބުނީ އޭނާ އަށް ރެއާލްގެ ހުށަހެޅުން ލިބުނު ކަމަށެވެ. ނަމަވެސް އޭނާ އިސްކަން ދިނީ ޔުވެންޓަސްއަށެވެ.