Roadha Mihaaru
މިސީޒަނަށް ފަހު އެލެގްރީ ޔުވެންޓަސް ދޫކޮށްލަނީ: ރިޕޯޓް

މި ސީޒަނަށް ފަހު އެލެގްރީ ޔުވެންޓަސް ދޫކޮށްލަން އުޅޭކަމުގެ ވާހަކަތަކެއް

20 މާޗް 2024

ޓިއުރިން (މާޗް 20) - ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އެލެގްރީ، މި ސީޒަނަށް ފަހު އެކްލަބް ދޫކޮށްލަން އުޅޭކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޓިއުރިން (މާޗް 20) - ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އެލެގްރީ، މި ސީޒަނަށް ފަހު އެކްލަބް ދޫކޮށްލަން އުޅޭކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެދުކެނޑުމަކަށް ފަހު ޔުވެންޓަސް އަށް ދެވަނަ ފަހަރަށް ކޯޗުކޮށް ދެމުން އަންނަ އެލެގްރީ އެ ކްލަބާ ދެވަނަ ފަހަރަށް ގުޅުނީ ޖޫން 2021 ގަ އެވެ. އޭރު އޭނާ އާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖޫން މަހު އެވެ.

އެކަމަކު އޭނާ އަށް އާ އެއްބަސްވުމެއް ދިނުމުގެ ވިސްނުން އެ ކްލަބުން ނުގެންގުޅޭތީ، އެލެގްރީ ބޭނުން ވަނީ ކޮންޓްރެކްޓް ހަމަވުމުގެ އެއް އަހަރު ކުރިން އެ ކްލަބް ދޫކޮށްލަން ކަމަށް އިޓަލީގެ ރިޕޯޓްތައް ބުނެ އެވެ.

ޔުވެންޓަސްގެ ކޮންޓްރޯލް އޮންނަ އެ ކްލަބްގެ ކުރީގެ ރައީސް އަންޑްރޭ އަގްނެލީގެ އާއިލީ ކުންފުނި އެކްސޯގެ ސީއީއޯ ޖޯން އެލްކަން ބޭނުންވަނީ އާ ވިސްނުންތަކަކާ އެކު ކުރިއަށް ދެވޭނެ ބަދަލުތަކެއް ގެންނާށެވެ. އެހެންވެ މިހާރު އޮތް ކޯޗިން ޓީމު ބަދަލު ކުރަން ވެސް އޭނާ ވިސްނުން ގެންގުޅެ އެވެ.

މިހާރު ވެސް ޓެކްނިކަލް ބައެއް ބަދަލުތައް އޭނާ ވަނީ ގެނެސްފަ އެވެ. މިދިޔަ ހޫނު މޫސުމުގައި އާ ސްޕޯޓިން ޑައިރެކްޓަރެއް ވެސް ހަމަޖެއްސި އެވެ. މިހާރުގެ ސްޕޯޓިން ޑައިރެކްޓާ ކްރިސްޓިއާނޯ ޖުންޓޮލީ މަގާމާ ހަވާލުވިތާ އަހަރެއްވާން ކައިރިވެފައި ވާއިރު އޭނާ ވެސް ލަފާ ދީފައި ވަނީ އަލުން ކާމިޔާބާ ހަމައަށް ޔުވެންޓަސް ވާސިލުވުމަށް އާ ވިސްނުމެއްގެ މައްޗަށް ކްލަބް ބިނާ ކުރުމަށެވެ.

އެލެގްރީގެ ފުރަތަމަ ފަސް އަހަރު 2014-2019 އަށް އޭނާ ވަނީ އެ ކްލަބަށް 11 ތަށި ހޯދައި ދީފަ އެވެ. އޭގެ ތެރޭގައި ވިދިވިދިގެން ހަތަރު ފަހަރު އިޓަލިއަން ލީގު ޗެމްޕިއަންކަން ވެސް އެ ޓީމަށް ހޯދައި ދިނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސްގެ މެނޭޖުމެންޓުން ޝައުގުވެރިވާ ކޯޗަކީ ބޮލޯނިއާގެ ކޯޗު ތިއާގޯ މޮޓާ އެވެ.