Roadha Mihaaru
ރެއާލްގެ މަގާމު އެލެގްރީ ގަބޫލުކުރި ނަމަ ރަނގަޅުވީސް

ރެއާލްގެ ހުށަހެޅުން އެލެގްރީ ގަބޫލުކުރި ނަމަ މާ ރަނގަޅުވީސް: ކަޕެއްލޯ

26 ޑިސެމްބަރ 2021

ރޯމް (ޑިސެމްބަރު 26) - ޔުވެންޓަސް އަށް އެނބުރި ދިއުމަށް ވުރެ، ރެއާލް މެޑްރިޑުން ހުށަހެޅި މަގާމު މެކްސް އެލެގްރީ ގަބޫލުކުރި ނަމަ މާ ރަނގަޅުވީސް ކަމަށް، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރޯމް (ޑިސެމްބަރު 26) - ޔުވެންޓަސް އަށް އެނބުރި ދިއުމަށް ވުރެ، ރެއާލް މެޑްރިޑުން ހުށަހެޅި މަގާމު މެކްސް އެލެގްރީ ގަބޫލުކުރި ނަމަ މާ ރަނގަޅުވީސް ކަމަށް، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

މިދިޔަ ސީޒަނަށް ފަހު ރެއާލް މެޑްރިޑުގެ ކޯޗުކަން ޒައިނުއްދީން ޒިދާން ދޫކޮށްލުމުން، ރެއާލުން އެ މަގާމު އެންމެ ފުރަތަމަ ހުށަހެޅީ އެލެގްރީ އަށެވެ. އެކަމަކު ރެއާލްގެ ހުށަހެޅުމަށް އިޖާބަ ނުދީ އެލެގްރީ އަލުން ޔުވެންޓަސް އަށް ސޮއިކުރީ އެވެ.

ޔުވެންޓަސް އަށް ވެސް ކުރިން ކޯޗުކޮށްދިން ކަޕެއްލޯ ބުނިގޮތުގައި ދެވަނަ ފަހަރަށް ޔުވެންޓަސް އަށް އެލެގްރީ ބަދަލުވުމަކީ އޭނާ ހެދި ގޯހެކެވެ.

އަންޑްރެއާ ޕިރްލޯ މަގާމުން ވަކި ކުރުމަށް ފަހު، ޔުވެންޓަސްގެ ކޯޗުކަން އެލެގްރީއާ ހަވާލުކުރި ނަމަވެސް، އަދި މިހާތަނަށް ޔުވެންޓަސް ބޭނުންވާ ވަރުގެ ނަތީޖާއެއް އޭނާ އަކަށް ހޯދައި ނުދެވެ އެވެ. ސީޒަނުގެ ފުރަތަމަ ހާފު ނިމުނު އިރު ޔުވެންޓަސް އޮތީ ގަދަ ހަތަރަކުން ބޭރުގަ އެވެ.

ކަޕެއްލޯ ބުނީ އެލެގްރީ އަށް އަދި ކާމިޔާބު ނުހޯދުނަސް އޭނާގެ އެ ނިންމުން ރަނގަޅު ކަމަށް އޭނާ ގަބޫލު ކުރާހާ ހިނދަކު އެ ކަމަށް އިހްތިރާމް ކުރަން ޖެހޭ ކަމަށެވެ. އަދި އެލެގްރީ އަށް ކުރިމަތިވާ ފާޑުކިޔުންތައް ތައުރީފަށް ބަދަލު ކުރުމުގެ ގާބިލުކަން އެލެގްރީގެ ކިބައިގައި ހުންނާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް ވެސް ކަޕެއްލޯ ބުންޏެވެ.

"އޭނާ ނިންމި ނިންމުން އަހަންނަށް ރަނގަޅު. އެލެގްރީ އަށް އަބަދުވެސް އެނގޭނެ އޭނާ ދާނެ ދިމާއަކީ ކޮބައިކަން،" ކަޕެއްލޯ ބުންޏެވެ. "އޭނާ އަށް އޮތް ރެއާލް މެޑްރިޑްގެ ހުށަހެޅުން ވެސް ލިބިފައި. އެ ވަގުތަކީ ރެއާލް މެޑްރިޑަށް ދާން އެންމެ ރަނގަޅު ވަގުތު."

ކަޕެއްލޯ ބުނިގޮތުގައި ރެއާލް މެޑްރިޑަށް ނުދާން އެލެގްރީ ނިންމީ ރިސްކެއް ނުނަގަން ވެގެންނެވެ.

"ބުނަމާ ހިނގާ ޔުވެންޓަސް އަށް ދިއުމަކީ ފަސޭހަ ނިންމުމެކޭ. ގައުމުން ބޭރަށް ގޮސްގެން އާ ކުޅުންތެރިންތަކެއްގެ މިޒާޖު ދަސްކޮށްގެން ކުރިއަށް ދިއުމުގައި އުފެދޭނެ ސުވާލުތަކެއް ވެސް ހުރެދާނެ. ފެންނަ ފެނުމުގައި ފަސޭހަ ނިންމުމެއް އޭނާ ނިންމީ."