Roadha Mihaaru

މޮޓާ ވަކިކޮށް ޔުވެންޓަސްގެ ކޯޗުގެ މަގާމު އީގޯ ޓޫޑާ އަށް

ޔުވެންޓަސްގެ ކޯޗުކަމުން ތިއާގޯ މޮޓާ ވަކިކޮށް، ލާޒިއޯގެ ކުރިގެ ކޯޗު އީގޯ ޓޫޑޯ މަގާމަށް ހަމަޖައްސައިފި އެވެ.

މޮޓާ ވަކިކޮށް ޔުވެންޓަސްގެ ކޯޗުގެ މަގާމު ޓޫޑާ އަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

24 މާޗް 2025

ޔުވެންޓަސްގެ ކޯޗުކަމުން ތިއާގޯ މޮޓާ ވަކިކޮށް، ލާޒިއޯގެ ކުރިގެ ކޯޗު އީގޯ ޓޫޑޯ މަގާމަށް ހަމަޖައްސައިފި އެވެ.

މިދިޔަ ސީޒަނުގައި ބޮލޯނިއާގައި ކާމިޔާބު މަސައްކަތެއް ކުރި މޮޓާ، މި ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަމަށް ހަމަޖެއްސީ ތިން އަހަރުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެވެ.

އެކަމަކު އެ ކްލަބްގައި އޭނާ ހޭދަ ކުރި ނުވަ މަހުގެ މުއްދަތުގައި ހީކުރިވަރުގެ މަސައްކަތަކެއް ނުކުރެވުނެވެ.

ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ތަފާތު ބޮޑުކޮށް ބަލިވި އެވެ. ނަތީޖާ އަކަށް ވީ އެ ޓީމު ފަހަތަށް ފުރޮޅާލުމެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްވީ އަތުން ބަލިވެ ދެވަނަ ބުރަށް ޔުވެންޓަސްއަކަށް ނުދެވުނެވެ. މުޅިން އާ ފޯމެޓަކަށް މިފަހަރު ކުޅޭ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ދިޔައީ 20 ވަނަ އަށެވެ.

އީގޯ ޓޫޑޯ

އީގޯ ޓޫޑޯ

މޮޓާ ވަކި ކުރިކަން އޭނާ އަށް އެ ކްލަބުން އެންގީ އާއިލާއާ އެކު ޗުއްޓީގައި ހުއްޓަ އެވެ. އާންމުކޮށް ލިޔެކިޔުން ބަދަލުކޮށްގެން ކުރާ މުއާމަލާތް ޔުވެންޓަސްއިން ކުރީ އޭނާ އަށް ގުޅައިގެންނެވެ. އިންޓަނޭޝަނަލް ބްރޭކްގައި އޭނާ ހުރީ ޕޯޗުގަލްގަ އެވެ.

ޔުވެންޓަސް ކޯޗުކަން ހަވާލު ކުރީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ކޮރޮއޭޝިއާގެ އީގޯ ޓޫޑޯ (ނުވަތަ ޗޫޑޯ) އަށެވެ.

އޭނާ ވަނީ ޔުވެންޓަސްގައި އެ ޓީމުގެ ކުރީގެ ކޯޗު އަންޑްރެއާ ޕިރްލޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އެއް އަހަރު މަސައްކަތް ކޮށްފަ އެވެ.

އެ ކްލަބްގެ ކޯޗުކަމުގައި އޭނާގެ ފުރަތަމަ މެޗަށް އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ޖެނޯއާ އާ ދެކޮޅަށެވެ.