Roadha Mihaaru
ޕިރްލޯ ވަކިކޮށް، ޔުވެންޓަސް އިން އެލެގްރީ ގެންނަނީ

ޕިރްލޯ ވަކިކޮށް، އެލެގްރީ އެނބުރި ޔުވެންޓަސް އަށް

27 މެއި 2021

ޓިއުރިން (15 މެއި) - ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، ޔުވެންޓަސްގެ ކޯޗު ކަމަށް މަސިމިލިއާނޯ އެލެގްރީ އެނބުރި ގެންނަން އެ ކްލަބުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓިއުރިން (15 މެއި) - ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، ޔުވެންޓަސްގެ ކޯޗު ކަމަށް މަސިމިލިއާނޯ އެލެގްރީ އެނބުރި ގެންނަން އެ ކްލަބުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

މި ސީޒަންގައި ޔުވެންޓަސްގެ ކޯޗަކަށް ހުރި އަންދްރެއާ ޕިރްލޯ މިއަދުގެ ވަގުތެއްގައި ކޯޗުކަމުން ވަކިކުރާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. އެކަމަކު ޔުވެންޓަސް އިން ގޮތެއް ނިންމާނީ މަގާމުން އިސްތިއުފާ ދިނުމުގެ ފުރުސަތު ޕިރްލޯ އަށް ދިނުމަށް ފަހު ކަމަށްވެ އެވެ.

އިޓަލީގެ ޗެމްޕިއަންކަން މިދިޔަ ނުވަ އަހަރު ހޯދި ޔުވެންޓަސް މި ސީޒަން ނިންމާލީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. ހަތަރު ވަނައިގައި ވެސް ޔުވެންޓަސް އަށް ސީޒަން ނިންމާލެވުނީ ލީގުގައި ކުޅުނު ފަހު މެޗުން ވާދަވެރި ނަޕޯލީ މޮޅުނުވުމުންނެވެ.

ޕިރްލޯގެ އިރުޝާދުގެ ދަށުން އިޓާލިއަން ސުޕަ ކަޕާއި އިޓާލިއަން ކަޕް ޔުވެންޓަސް އިން ހޯދި އެވެ. ޔުވެންޓަސްގެ ކޯޗު ކަމަށް ޕިރްލޯ ހަމަޖެއްސީ، ލީގު ޗެމްޕިއަންކަން މިދިޔަ ސީޒަންގައި އެ ޓީމަށް ހޯދައިދިން، މައުރީޒިއޯ ސާރީ މަގާމުން ވަކިކުރުމަަށް ފަހު އެވެ. މިއީ ތިން އަހަރުގެ ތެރޭގައި ޔުވެންޓަސް އިން ކޯޗު ބަދަލުކުރާ ތިން ވަނަ ފަހަރެވެ.

އެލެގްރި ވަނީ ޔުވެންޓަސް އަށް ޖެހިޖެހިގެން ފަސް ފަހަރު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު އެ ޓީމު ގެންދިޔަ އެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން 2019 ގައި ޔުވެންޓަސް އަށް ހޯދައިދިނުމަށް ފަހު، ކޯޗު ކަމުން އެލެގްރީ އިސްތިއުފާ ދިނީ އަމިއްލައަށެވެ. އޭގެ ފަހުން އެއްވެސް ޓީމަކާ އޭނާ ހަވާލެއް ނުވެ އެވެ. ޕްރިމިއާ ލީގުގެ ކްލަބު ޓޮޓެންހަމް އިން އެލެގްރީ އަށް ގެންދަން މަސައްކަތްކުރި ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

މިއަދު ރެއާލް މެޑްރިޑްގެ ކޯޗް ކަމުން ވަކިވި ޒައިނުއްދީން ޒިދާންގެ ބަދަލުގައި، އެލެގްރީ އެ މަގާމަށް ގެންދަން އުޅުނު ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.

ޕިރްލޯ ވަކި ކުރާ ވާހަކަވެސް ނުވަތަ އެލެގްރީ އައްޔަން ކުރަން އުޅޭ ކަމަކަށްވެސް ޔުވެންޓަސް އިން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. އެހެން ނަމަވެސް މި ބަދަލަށް ޔުވެންޓަސް ތައްޔާރު ވަމުންދާ ކަން މީޑިއާތަކުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.