Roadha Mihaaru
ޕިރްލޯގެ އެއް ވަނަ ޓާގެޓަކީ ޕޮގްބާ: ރިޕޯޓް

ޕިރްލޯގެ އެއް ވަނަ ޓާގެޓަކީ ޕޮގްބާ: ރިޕޯޓް

12 އޯގަސްޓް 2020

ޓިއުރިން (އޮގަސްޓް 12) - ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ބޮޑަށް ފާރަލާނެ ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޓިއުރިން (އޮގަސްޓް 12) - ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ބޮޑަށް ފާރަލާނެ ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީ އަށް ފަހު ޔުވެންޓަސްގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށް ޕިރްލޯ އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ދެއްކި ވާހަކަައިގައި އެންމެ ބޮޑަށް އަލިއަޅުވާލި އެއް ކަމަކީ ޔުވެންޓަސްގެ މެދުތެރެއަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަ އެވެ. ޔުވެންޓަސް އާއި އިޓަލީ އަށް ކުރިން ކުޅުނު ފޯވާޑް ލޫކަ ޓޯނީ ބުނީ އޭނާގެ ނަޒަރުގައި ޕިރްލޯ ބޭނުންވަނީ ޕޮގްބާ ކަހަލަ ކުޅުންތެރިއެކެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުވެންޓަސް އިން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ހަ ކުޅުންތެރިއަކު ދޫކޮށްލާނެ އެވެ. އަދި އެ ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިސާ ހަރަދުކޮށް ޕޮގްބާ ގެނެވޭނެ ފުރުސަތެއް އޮތްތޯ ބަލަން ޕިރްލޯ ވަނީ ޔުވެންޓަސް ބޯޑުގައި އެދިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޕިރްލޯގެ އެއް ވަނަ ޓާގެޓަކީ ޕޮގްބާ އެވެ. ޕިރްލޯ ބޭނުންވަނީ ޔުވެންޓަސްގެ މެދުތެރޭގައި އާތޫރު މެލޯ އާއި ޕޮގްބާގެ ޕާޓްނާޝިޕެކެވެ.

ޕޮގްބާ އަކީ ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބުމުން 2012 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ. ޕިރްލޯ 2011 އިން 2015 ވަނަ އަހަރާ ހަމައަށް ޔުވެންޓަސް އަށް ކުޅުނުއިރު ޕޮގްބާއާ އެކު ވަނީ އެކުގައި ގިނަ މެޗުތަކެއް ކުޅެފަ އެވެ. ޕޮގްބާ މޮޅު މިޑްފީލްޑަރެއްގެ ގޮތުގައި ކުރިއަރައިގެން ދިއުމުގައި ޕިރްލޯގެ ދައުރު ބޮޑުކަން އިޓަލީގެ ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފަ އެވެ. ޕިރްލޯގެ ކިބައިން ގިނަ ކަންތައްތަކެއް ދަސްވި ކަމަށް ޕޮގްބާ ވެސް ވަނީ ގިނަ އިންޓަވިއުތަކުގައި މީގެ ކުރިން ފާހަގަކޮށްފަ އެވެ.

ޔޫރޮޕާ ލީގުގެ ފަރިތަކުރުންތަކުގެ ތެރެއިން ޕޮގްބާ. -- ފޮޓޯ: އޭއެފްޕީ

ޔޫރޮޕާ ލީގުގެ ފަރިތަކުރުންތަކުގެ ތެރެއިން ޕޮގްބާ. -- ފޮޓޯ: އޭއެފްޕީ

އުމުރުން 27 އަހަރުގެ ޕޮގްބާ ޔުނައިޓެޑް ދޫކޮށްލާން އުޅޭ ކަމަށް ފާއިތުވި އަހަރު މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑާ ގުޅުނު ފަހުން އެ ޓީމުގެ ނަތީޖާތައް ރަނގަޅުވެ ޓީމު ރަނގަޅު މިސްރާބަކަށްދާތީ ޕޮގްބާ މިހާރު ބޭނުންވަނީ އެ ކްލަބާ އެކު ކުރިއަށްދާން ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ. ޕޮގްބާ މި ވަގުތު ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގައިވާގޮތުން ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް އާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް ވަކި ކަންތައްތަކެއް ފުރިހަމަ ނުވެ އޮވެއްޖެނަމަ ޕޮގްބާ ބޭނުންވެގެން ކޮންޓްރެކްޓް އެ ހިސާބުން ނިންމާލުމުގެ އިހުތިޔާރު ވެސް އޭނާ އަށް ލިބެ އެވެ.

ދާދި ފަހުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ޕޮގްބާ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ބުނެފަ އެވެ. އެކަމަކު ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ އެ ވާހަކަތައް ދޮގުކުރެ އެވެ. އޭނާ ބުނީ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާނީ ޔުނައިޓެޑުން ޕޮގްބާ އެދޭ ގިނަ ކަންތައްތަކެއް ފުރިހަމަކުރަން އެއްބަސްވުމުން ކަމަށެވެ. އެ ގޮތުން ޕޮގްބާ ޑިމާންޑްކުރާ އެއް ކަމަކީ ޔުނައިޓެޑުން އަލެކްސިސް ސަންޗޭޒަށް ދިން ވަރުގެ ބޮޑު މުސާރަ އަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން 2016 ވަނަ އަހަރު ޕޮގްބާގެ ސޮއި ހޯދީ އޭރު ދުނިޔޭގެ ރެކޯޑް އަގަކަށެވެ. އެއީ 105 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށެވެ. ޕޮގްބާ އަށް އެ އަގުދީފައި ގެނައީ އޭރު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ އެދުމަށެވެ.