Roadha Mihaaru

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބޯހިޔާވަހިކަން، ދޮޅު އަހަރު ތެރޭގައި ހަވާލުކުރާނީ ތަޅުދަނޑި

ހދ. ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ، އެރަށަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

ހިރިމަރަދޫން ހަނިމާދޫއަށް ހިޖުރަކުރާ މީހުންނަށް ގޯތި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

24 އޯގަސްޓް 2025

ހދ. ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ، އެރަށަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި ފުރަތަމަ ރަށަކަށް ވަޑައިގަތީ ހިރިމަރަދޫއަށެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެންމެ ގިނަވެގެން 18 މަސް ދުވަސް، ދޮޅު އަހަރު ތެރޭ ނިންމައި ހަވާލުކުރާނަން. ގޯތި ހަވާލުކުރާނީ އެއްކޮށް ނިންމައި ރައްޔިތު މީހާއަށް ތަޅުދަނޑި ހަވާލުކުރާ ގޮތަށް. އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރާނަން ބަދަލުވާކަން، ދާން ބޭނުން ރައްޔިތުންނަށް އެ ފުރުސަތު ދެނީ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެރަށުން ބަދަލުވާ ރައްޔިތުންނަށް އެލަވަންސެއް ދިނުމުގެ އިތުރުން އިގްތިސާދީ ނަފާއެއް ހޯދޭނެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހިރިމަރަދޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހިރިމަރަދޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއްވެފަ އެވެ. އެކަމާ ގުޅޭގޮތުން، ރަށު ކައުންސިލުން ސަރުކާރާއެކު އެތައް މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބޭއްވި އެވެ.

އެ ރަށު ކައުންސިލުން މީގެ ކުރިން ވަނީ އެރަށު ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން ވެސް އެދިފަ އެވެ. އަދި ތުލުސްދޫ ކައުންސިލުން އެކަމަށް މަރުހަބާ ކިޔެވެ. ނަމަވެސް ސަރުކާރުން ނިންމީ އެރަށުގެ ގިނަ ރައްޔިތުން ބޭނުންވި ގޮތަށް ހަނިމާދޫއަށް ބަދަލު ކުރުމަށެވެ. އެގޮތަށް ނިންމީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގެ ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.