Roadha Mihaaru

ޓޫރިޒަމް ފައްކާވެފައި އޮތް އަތޮޅަކަށް ހދ. ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް

ރާއްޖޭގައި ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި ހދ. އަތޮޅު ލޭބަލްވެފައި އޮތުން ކަނޑުވާލައި، ލޯކަލް ޓޫރިޒަމާ އެކު އިގްތިސާދީ ފުރުސަތުތައް ފަހި އަތޮޅަކަށް ހެދުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ފައްކާވެފައި އޮތް އަތޮޅަކަށް ހދ. ހަދާނަން
ފާތިމަތު އަޖްފާން
ހދ. ނައިވާދޫން ފާތިމަތު އަޖްފާން

25 އޯގަސްޓް 2025

ރާއްޖޭގައި ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި ހދ. އަތޮޅު ލޭބަލްވެފައި އޮތުން ކަނޑުވާލައި، ލޯކަލް ޓޫރިޒަމާ އެކު އިގްތިސާދީ ފުރުސަތުތައް ފަހި އަތޮޅަކަށް ހެދުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި އަތޮޅުގައި ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އޭގެ ތެރޭގައި ރަށްރަށް ލޯކަލް ޓޫރިޒަމަށް ހުޅުވާލައި، އަތޮޅުގައި ޓޫރިޒަމް ފުޅާކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ މިހާތަނަށް މި އަތޮޅުގައި ނުވެފައި އޮތް ކަމެއް. އެއްވެސް ބަޔަކަށް ޓޫރިޒަމް މި އަތޮޅުގައި ހިނގާނެ ގޮތެއް ނުހެދޭ. އަޅުގަނޑުމެން މިހާރު ވާނީ ވަރަށް މުހިއްމު ފިޔަވަޅުތަކެއް މިކަމަށް އަޅާފައި،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ މިހާތަނަށް މި އަތޮޅުގައި ޓޫރިޒަމް ނެތި މިދާ ލޭބަލް ކަނޑުވާލަދީ، ޓޫރިޒަމް ފައްކާކަމާ އެކު ހިނގާ އަތޮޅަކަށް ހަދަން،" ރައީސް

ރައީސް ވިދާޅުވި ގޮތުގައި ހދ. އަތޮޅު ހިމެނޭހެން ޓޫރިޒަމް ނެތް އަތޮޅުތަކަށް ފުރުސަތު ފަހިކޮށްދޭން ވަރަށް ބޮޑެތި ލުއިތަކަކާ އެކު ޓޫރިޒަމަށް ތަރައްގީކުރަން ރަށްތަކަކާއި ފަޅުތަކެއް ވަނީ އިއުލާންކޮށްފަ އެވެ. ބައެއް ރަށްތަކަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށް މިހާރު އޮތީ ބިޑް ހުށަހެޅުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.

ހދ. ނާވައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސާއި ވަޒީރުން. -- ފޮޓޯ | ރައީސް އޮފީސް

ހދ. ނާވައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސާއި ވަޒީރުން. -- ފޮޓޯ | ރައީސް އޮފީސް

ހދ. އަތޮޅުން އެކަނި ވެސް ރަށްތަކާއި ފަޅު ހިމެނޭހެން، ރައީސް ވިދާޅުވި ގޮތުުގައި، 10 ސަރަހައްދަކަށް ވަނީ ހުޅުވާލައިފަ އެވެ.

"އެހެންވީމާ މި އަތޮޅުގައި އަޅުގަނޑުމެން ޓޫރިޒަމް ފައްކާކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން އެބަކުރަން. އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް، އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަތޮޅުގެ ނާގޯށި ތަރައްގީ ކުރުމަށް މިހާރު އެމްޓީޑީސީއަށް މަގުތަކެއް ފަހިކޮށްދީ އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިއީ ހައްލު ނުވެ، ވަރަށް ދުވަސްވެފައި އޮތް މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު މިވަނީ މިކަން [ނާގޯށި] ހިނގާނެ ގޮތް މަގުފަހިކޮށްދީފައި. އެކަން އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ނައިވާދޫގެ ރައްޔިތުން ހުށަހެޅި ކަންކަމާއި ސަރުކާރުން މި ރަށަށް ކުރަން ހުރި ޕްލޭންތައް ތަންފީޒުކޮށް ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.