Roadha Mihaaru
ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން

ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން: މިނިސްޓަރު

15 ޖެނުއަރީ 2024

މިއީ ރާއްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ކުރިއަށް ޖެއްސުމަށް މުޅި އެ ސިނާއަތު އެއްކޮށް ތެދުވާން ޖެހޭ ދަނޑިވަޅު ކަމަށާއި އެހެންވެ އެ ކަމަށް އެންމެންގެ އެއްބާރުލުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެދިވަޑައިގެންފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މިއީ ރާއްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ކުރިއަށް ޖެއްސުމަށް މުޅި އެ ސިނާއަތު އެއްކޮށް ތެދުވާން ޖެހޭ ދަނޑިވަޅު ކަމަށާއި އެހެންވެ އެ ކަމަށް އެންމެންގެ އެއްބާރުލުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެދިވަޑައިގެންފި އެވެ.

އޭނާ އެ ކަމަށް އެދިވަޑައިގަތީ އިންޑިއާގެ ލަކްޝަދީބް ޕްރޮމޯޓް ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހިންގެވި ކެމްޕެއިނަކާ އެކު، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސޯޝަލް މީޑިއާގައި މޮދީ އަށް މަލާމާތްކޮށް ދެއްކެވި ވާހަކަތައް ހޫނުވެ، ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އިންޑިއާގެ ބައެއް ފަރާތްތަކުން ހަރަކާތްތަކެއް ފަށާފައިވަނިކޮށެވެ.

އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ސަސްޕެންޑު ކޮށްފަ އެވެ.

މިނިސްޓަރު ފައިސަލް "މިހާރު" އަށް ވިދާޅުވީ، ދިވެހި ސަރުކާރާއި ޓޫރިޒަމް ސިނާއަތުގެ އެންމެން ގުޅިގެން ހައްލުތަކެއް ހޯދޭނެ ކަމަށެވެ.

"އެހެންވެ އަޅުގަނޑު މި ގޮވާލަނީ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންނަށް ސަރުކާރާ އެކު ދެމިތިއްބަވާށޭ. އިންޑަސްޓްރީގެ ބޭފުޅުން ކަންބޮޑުވާ ކަމެއް އޮތިއްޔާ އެ ބޭފުޅުންގެ އަޑުއަހައިގެން އެ ކަމަކަށް ހައްލު ހޯދަން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ މުޅި ޓޫރިޒަމް އިންޑަސްޓްރީ ސަރުކާރާ އެކު އެކުވެރިކަމާ އެކު ދެމިތިބުން. ރައީސް ޑރ. މުއިއްޒުގެ ވަރަށް ދުރު ވިސްނުން އެބަހުރި. އެއާޕޯޓް ބޮޑުކުރުމަކީ ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ހަރުފަތަކަށް ގެންދިއުން. ރާއްޖޭގެ ޓޫރިޒަމް ދުވަހަކު ނުގެންދެވޭހާ ރަނގަޅަށް ރައީސް ޑރ. މުއިއްޒުގެ ދައުރުގައި ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރެވެނީ."

އިއްޔެ ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް (ވ) އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު: ފައިސަލް ވިދާޅުވީ، މިއީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އެންމެން ގުޅެން ޖެހޭ ވަގުތު ކަމަށް.

އިއްޔެ ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް (ވ) އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު: ފައިސަލް ވިދާޅުވީ، މިއީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އެންމެން ގުޅެން ޖެހޭ ވަގުތު ކަމަށް.

ފައިސަލް ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އޭނާ އަށް ވަރަށް ބޮޑެވެ.

ހާއްސަކޮށް ޗައިނާގެ މާކެޓް ކުރިއަށް ވުރެ ވަރުގަދަކޮށް، އެ ގައުމުގެ ޓޫރިސްޓުން އިތުރު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޓޫރިޒަމް އިންޑަސްޓްރީން ވީހާ ވެސް ގިނަ ބަޔަކު ބައިވެރި ކޮށްގެން ޗައިނާގައި ބޮޑު ފެއާއެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ، އެ ގައުމުގެ ޓޫރިސްޓުން އިތުރު ކުރުމަށް ޗައިނާގެ އެންމެ މަތީ ފެންވަރުގައި މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

އަޅުގަނޑުގެ އެދުމަކީ މުޅި ޓޫރިޒަމް އިންޑަސްޓްރީ ސަރުކާރާ އެކު އެކުވެރިކަމާ އެކު ދެމިތިބުން. ރައީސް ޑރ. މުއިއްޒުގެ ވަރަށް ދުރު ވިސްނުން އެބަހުރި.--- ފައިސަލް

ޗައިނާގެ ޝިއާމަން އެއާލައިނުން ރާއްޖެ އަށް ސީދާ ފްލައިޓްތައް ޗައިނާގެ މި ފިނި މޫސުމުގައި ފެށުމަށްޓަކައި އެ އެއާލައިނުން ވަނީ ކަނޑައަޅާފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޗައިނާގެ ޝިއާމަން އިން މާލެ އަށް، މާލެ އިން ޝިއާމަން އަށް ޑައިރެކްޓް ފްލައިޓްސް އޮންނާނެ. އޭގެ އިތުރަށް އެކިއެކި ދާއިރާތައް ވެސް އިރާދަކުރެއްވިއްޔާ އިތުރުކުރެވިގެން ދާނެ. ޑައިރެކްޓް ފްލައިޓްތައް ވެސް އިތުރުވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކޮވިޑްގެ ކުރިން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާ އިން ކަމަށް ވާއިރު، އަނެއްކާ ވެސް އެ ރެކޯޑް ދަމަހައްޓަން މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެހެންވެ، ކޮވިޑުގެ ކުރިން ޗައިނާގެ ޓޫރިސްޓުން އައި އަދަދުގެ ދެ ގުނަ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު ކުރުމަށްޓަކައި ޗައިނާގެ ދަތުރުފުޅުން ކަންކަން ތަރުތީބު ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.