Roadha Mihaaru
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"

ނުހެދި ހުރި ރަށްރަށަށް ގޮތްތަކެއް ހޯދައިފި، ވަރަށް އަވަހަށް އިއުލާން ކުރަނީ

10 ފެބުރުއަރީ 2024

އަމާޒަކީ ނުހެދި ހުރި ރަށްތަކުގެ ތެރެއިން 25 ވަރަކަށް ރަށުގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފެށޭވަރު ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަމާޒަކީ ނުހެދި ހުރި ރަށްތަކުގެ ތެރެއިން 25 ވަރަކަށް ރަށުގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފެށޭވަރު ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، މިނިސްޓަރުކަމުގައި ހުންނަވައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރިސޯޓުތައް ހެދުމަށް ދޫކުރި ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓި، ދައުލަތަށް އާމްދަނީއެއް ނުވަންނަ ރަށްރަށުގެ މައްސަލަ ހައްލު ކުރައްވަން ކަމަށެވެ.

އޭނާ ވިދާޅުވީ، ނުހެދި ގާތްގަނޑަކަށް 63 ރަށް އޮތް އިރު އޭގެ ތެރޭގައި، ހަވާލުކުރިތާ 20-25 އަހަރު ވެފައިވާ ރަށްތައް ވެސް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ، ރަށްތަކުގެ ތެރެއިން މަސައްކަތް ފަށާފައިވާ 25 ވަރަކަށް ރަށުގެ މަސައްކަތް ނިންމައި ދައުރުގެ ތެރޭގައި ހުޅުވުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.

އޭނާ ވިދާޅުވީ، ގިނަ ރަށްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފަންޑު ނެތުން ކަމަށެވެ. ހުރި މައްސަލަތައް ދަނެގަނެ ރިސޯޓުތައް ހެދުމަށް ދޫކުރި ފަރާތްތަކަށް ހައްލުތަކެއް ހޯދައި ދިނުމަށް އިކޮނޮމިކް ކައުންސިލުން ގޮތްތަކެއް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވަރަށް އަވަހަށް ކެބިނެޓަށް އެކަންކަން ހުށަހަޅައި އިއުލާނުކުރާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ރިސޯޓެއްގައި ޓޫރިސްޓުންތަކެއް މޫދު ސަރަހައްދުގައި ހިނގާލާފައި ދަނީ. ނުހެދި ހުރި ރަށްތަކުގެ ތެރޭގައި 20 ހަވާލުކުރިތާ 20 އަހަރުވެފައިވާ ރަށްރައް ވެސް ހިމެނޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރިސޯޓެއްގައި ޓޫރިސްޓުންތަކެއް މޫދު ސަރަހައްދުގައި ހިނގާލާފައި ދަނީ. ނުހެދި ހުރި ރަށްތަކުގެ ތެރޭގައި 20 ހަވާލުކުރިތާ 20 އަހަރުވެފައިވާ ރަށްރައް ވެސް ހިމެނޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އޭގައި ހުރި ގިނަ ރަށްތަކެއް މާކެޓަށް ނެރެވޭނެ. އަދި ނުހެދި [އެއްވެސް މަސައްކަތެއް ނުފަށައި] ހުރި ރަށްތައް ގަވައިދާއި އުސޫލުތައް ކަނޑައަޅައިގެން ޓޫރިޒަމްގެ ދަށަށް ގެނެވި އަލުން ހުޅުވާލެވޭނެ. ދެން އިންވެސްޓް ކޮށްފައި ހުރި ރަށްތަކަށް އަޅުގަނޑުމެން ވަރަށް އިންސާފު ހުރި ގޮތްތަކެއް ހޯދައިދޭނަން،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، ދައުލަތަށް އެންމެ ފަސޭހައިން އާމްދަނީ އިތުރު ކުރެވެނީ ޓޫރިޒަމް ދާއިރާއިންނެވެ. އެހެންވެ، ނުހެދި ގިނަ ރަށްތަކެއް ހުރުމަކީ ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން" ގައި ވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްގޮތަކަށް ވެސް ކުރިއަށް ނުގޮސް ހުއްޓިފައި ހުރި ރަށްތަކުން 1.7 ބިލިއަން ޑޮލަރު (26 ބިލިއަން ރުފިޔާ) ކޮންމެ އަހަރަކު ގެއްލެ އެވެ.

ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ރިސޯޓުތައް ނުހެދި ހުއްޓިފައި ހުރީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގައި މަސައްކަތް ހުއްޓި، އޮޕަރޭޝަން ނުފެށި 29 ރިސޯޓެއް އެބަ އޮތެވެ. ގއ. އަތޮޅުގައި މަސައްކަތް ހުއްޓިފައި އޮތް 10 ރަށް އެބަ އޮތެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަނީ ނުހެދި ހުރި ރަށްތަކުގެ މައްސަލަ ހައްލުކުރުމަށް އެކި ފަހަރު މަތިން މަސައްކަތް ކޮށްފަ އެވެ. އެގޮތުން، 2021 ވަނަ އަހަރު ވަނީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިހުރި ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓި، ބޮޑެތި އަދަަދުތަކުން ޖޫރިމަނާ ދައްކަން ޖެހިފައިވާ ކުންފުނިތަކަށް ކުލި ނުދައްކައިގެން އަރާ ޖޫރިމަނާ 18 ޕަސެންޓަށް ކުޑަކޮށްދީފަ އެވެ. ކުލި ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި ކުރިން 182 ޕަސެންޓު ދައްކަން ޖެހެ އެވެ.

"ވަރަށް އުންމީދު އެބައޮތް އޭގެ ތެރެއިން އެޓްލީސްޓް 30 ނުވަތަ 25 ޕަސެންޓު ރަށްތަކަށް މާކެޓަށް ނެރުމަށް،" މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.