ރާއްޖޭގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އއ. އުކުޅަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގަތުމުން މަރުހަބާ ކިޔުމަށް ނިކުތް ރައްޔިތުންގެ ތެރެއިން ކުޑަކުއްޖަކު އެ މަނިކުފާނަށް ދިއްކޮށްލީ ސިޓީއެކެވެ.
20 އޯގަސްޓް 2025
ރާއްޖޭގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އއ. އުކުޅަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގަތުމުން މަރުހަބާ ކިޔުމަށް ނިކުތް ރައްޔިތުންގެ ތެރެއިން ކުޑަކުއްޖަކު އެ މަނިކުފާނަށް ދިއްކޮށްލީ ސިޓީއެކެވެ.
އެ ވަގުތު އެ ސިޓީގައި އޮތް އެއްޗެއް ވިދާޅުނުވި ނަމަވެސް މިރޭ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާ އަށް ރައީސް ވަޑައިގަތީ އެ ސިޓީ ހިއްޕަވައިގެންނެވެ. އެއީ އެ ސިޓީގައި ލިޔެފައި އޮތް އެއްޗެއް ބުނެދޭން އެންމެ ރަނގަޅު މާހައުލަކަށް ވާނީ ރައްޔިތުންގެ ބައްދަލުވުން ކަމަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި އަތޮޅުގެ ރަށްތަކަށް ކުރި ދަތުރުގައި ފާހަގަވި ކަމެއް، އެ ވާހަކަ ދައްކަން ހުއްޓާ މިއަދު މި ރަށަށް ފޭބި ތަނާ މި ރަށު ކުޑަކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް. އަޅުގަނޑު އަތަށް ލިބުނު މެސެޖެއް. ހަމަ އޮތް ގޮތަށް ކިޔާލާނަން،" ރައްޔިތުންނާއެކު ބެއްވި ބައްދަލުވުމުގައި އެ ކުއްޖާގެ ސިޓީ އިއްވަވަން ފައްޓަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް ރެސްޓޯރެންޓުގައި ވެސް މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،" ކުޑަކުއްޖާގެ ސިޓީގައި އޮތް އިބާރާތް އިއްވަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި އެއީ "ވަރަށް ރީތިކޮށް ކުރާހާފައި އޮތް ކުރެހުމަކާ އެއްކޮށް" އެ ކުދިން އެ މަނިކުފާނަށް އެރުވި މެސެޖެކެވެ.
ރައީސް މުއިއްޒު އުކުޅަހަށް މިރޭ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން އެއްވި ކުދިންތަކެއް ކިއޫގައި.
އެ ސިޓީގައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.
ޓޫރިޒަމް އިންޑަސްޓްރީ ފުޅާކޮށް ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން ބޭނުންވި ނަމަވެސް އެ ލިބޭ މުއްސަނދިކަން ހޯދާއިރު އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ނުކުރުމަށް ރައީސް އެދިވަޑައިގަތެވެ.
ރަށްރަށުގައި ޓޫރިސްޓް އެނދުތައް އިތުރު ކުރަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ ވަކި ރިސޯޓުތަކެއް ނޫން. ރިސޯޓުތަކާއި ސަފާރީތަކުގައި ކުރެވޭ ކަންކަމެއް މި ތަންތާކު ނުކުރެވޭނެ. ގާނޫނުތަކުގެ ތެރެއިން ހަނި ފުރުސަތުތައް ހޯދައިގެން އަޅުގަނޑުމެން ގާނޫނުގެ ތެރެއިން އަދި އިސްލާމް ދީނުގައި ހުއްދަ ނުކުރާ ކަމެއްގެ ތެރެއިން އެ މުއްސަނދިކަން ހޯދަން ދާ ކަމުގެ ވަންޏާ އެއީ އަޅުގަނޑުމެން އަމިއްލަ އަށް މުސްތަގުބަލް ހަލާކު ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ގެސްޓް ހައުސްތަކާއި ޓޫރިޒަމް ދާއިރާ ވެސް ކުރިއަރުވަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިންކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އޭރުން ވިޔަފާރީގައި ބަރަކާތް ލައްވާނެ ކަމަށެވެ.
ރައީސް މުއިއްޒު އުކުޅަހުގެ ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.
އއ. އަތޮޅުގެ ބައެއް ރަށްރަށަށް ދާ ޓޫރިސްޓުން އުކުޅަހާ މާ ދުރު ނޫން ހިސާބުތަކުގައި އަޅާފައި އޮންނަ ސަފާރީތަކަށް ބަނގުރާ ބުއިމަށް ގެންގޮސް އަނބުރާ ރަށަށް ގެންނަ މައްސަލާގައި ރައީސް ވިދާޅުވީ އެ އޮޅުވައިލެވެނީ ހެއްދެވި ފަރާތަށް ކަމަށެވެ.
އެހެންވެ، ﷲ ހަރާމް ކުރެއްވި ކަންކަން ފާޅުގަ އާއި ސިއްރުގައި ނުކުރުމަށް ރައީސް މުއިއްޒު ނަސޭހަތްތެރިވެ ވަޑައިގަތެވެ.
އއ. އަތޮޅަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ އަތޮޅެކެވެ. ގިނަ ރަށްރަށުގައި ޓޫރިސްޓުންނަށް ހާއްސަ "ބިކިނީ ބީޗް"ތައް ހަދާފައި ހުރެ އެވެ.
ޓޫރިޒަމް ފައްކާވެފައި އޮތް އަތޮޅަކަށް ހދ. ހަދާނަން
ލޯކަލް ޓޫރިޒަމް ހިންގަންވާނީ ދީނީ އިމުގައި: ރައީސް
ގޮއިދޫ ފަޅުގައި ރިސޯޓް ހަދަން މިމަހު ސޮއިކުރަނީ
ހަލާލް ޓޫރިޒަމަށް ރަށްތަކެއް ކަނޑައަޅަން ނިންމައިފި
ޓޫރިޒަމް ފުޅާކުރަން ފަސް އަތޮޅަކަށް ހާއްސަ ލުއިތަކެއް
ޓޫރިޒަމްދުވަސް:"އެކުވެރިކަމާއި ސުލްހަ ދަމަހައްޓަންޖެހޭ"
މިއަހަރު 20 ރިސޯޓު ހުޅުވަން އަމާޒު ހިފައިފި
ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ
ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން
ޗައިނާ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް