Roadha Mihaaru

ތަރައްގީކުރުމަށް ފަހު ހަނިމާދޫ އެއާޕޯޓް އެންމެ ލަސްވެގެން ނޮވެމްބަރުގައި ހުޅުވަނީ

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އިތުރަށް ތަރައްގީކުރަމުން އަންނަ އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެންމެ ލަސްވެގެން، އަންނަ ނޮވެމްބަރަށް ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓް ނޮވެމްބަރުގައި ހުޅުވަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 އޯގަސްޓް 2025

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އިތުރަށް ތަރައްގީކުރަމުން އަންނަ އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެންމެ ލަސްވެގެން، އަންނަ ނޮވެމްބަރަށް ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތްތައް ނިމި، އިންޓަނޭޝަނަލް ދަތުރުތަކަށް އެއާޕޯޓް ފުރިހަމައަށް ތައްޔާރު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވަހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވަހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއާޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަން ވެސް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރަށު ތެރޭގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމާއި ބީއެމްއެލް އާއި އެމްއައިބީގެ ރުފިޔާ އޭޓީއެމް ބެހެއްޓުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫ އެވެ. މިދިޔަ ޖުލައި މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އޭރު އެއާޕޯޓުގެ 88.7 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި ސެޕްޓެމްބަރު މަހު މަސައްކަތް އެއްކޮށް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.

ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެ އެއާޕޯޓު ތަރައްގީކުރަނީ އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.