Roadha Mihaaru

ހަނިމާދު އަށް ބަދަލުކުރާތީ ހިރިމަރަދޫގައި ގޯތި ބެހުމުގެ ކަންކަން ނުކުރަން އެދިއްޖެ

ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދު އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެ މަސައްކަތް ކުރަމުންދާ މުއްދަތުގައި އެެއްވެސް މީހަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން މީހެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން ނުކުރުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ އެވެ.

ހިރިމަރަދޫގައި ގޯތި ބެހުމުގެ ކަންކަން ނުކުރަން އެދިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

26 އޯގަސްޓް 2025

ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދު އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެ މަސައްކަތް ކުރަމުންދާ މުއްދަތުގައި އެެއްވެސް މީހަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން މީހެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން ނުކުރުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ އެވެ.

ހަނިމާދު އަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރުގެ ތެރޭގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ސަރުކާރުން ވަނީ މިދިޔަ އާދީއްތަ ދުވަހު ހަވާލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެޗްޑީސީއާ އެކު ހެދި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު އިމާރާތްކުރުމާ ގުޅޭ ތަފްސީލީ ސާވޭތައް ހެދުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗާ ދެނެގަތުމާއި މުޅި މަޝްރޫއު އަށް ހިންގާނެ ފުރިހަމަ ހަރަދު ދިރާސާ އާއި ބަޖެޓް ތައްޔާރުކުރުން ހިމެނޭ ކަމަށެވެ.

އެ މަސައްކަތަށް ފަހު 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދު އަށް ބަދަލުކުރާނެ ކަމަށް ބުންޏެެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހިރިމަރަދޫން ހަނިމާދު އަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތިގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދު އަށް އަލަށް ބަދަލުވާ ސަރަހައްދުން ގެ ލިބޭނެ އެވެ. އަދި މިހާރު ގޯތި އޮވެ، އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށް ވެސް ގެ ލިބޭނެ ކަމަސް މިނިސްޓްރީން ބުންޏެވެެ.

"މި ހުރިހާ ފަރާތެއް ހިމެނޭ ގޮތަށް ކުރިއަށްދާ މި މަޝްރޫއުގެ ސަބަބުން ހިރިމަރަދޫން ހަނިމާދު އަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރެއް ނެތި ނުތިބޭނެކަން ކަށަވަރުކުރެވޭނެ އެވެ،" ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނީ ހިރިމަރަދޫން މި މަހުގެ 24 ގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށެވެ.

"އެހެންކަމުން އެއްވެސް ފަރާތަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމާއި ގޯތި ބައިކުރުމާއި އެއްމަދު ކުރުން ފަދަ ގޯތީގެ ރަޖިސްޓްރިއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަމެވެ."

ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިރިމަރަދު އަށް ވަޑައިގެން ވިދާޅުވީ އެ ރަށުގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެ ތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެ ރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު ރައީސް ވިދާޅުވި ގޮތުގައި ހިރިމަރަދޫން ބަދަލުވާ ރައްޔިތުންނަށް އެލަވަންސެއް ދިނުމުގެ އިތުރުން އިގްތިސާދީ ނަފާއެއް ހޯދޭނެ މަގު ސަރުކާރުން ތަނަވަސް ކޮށްދޭނެ އެވެ.