Roadha Mihaaru

ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 އޯގަސްޓް 2025

ހދ. ހަނިމާދޫގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުގެ ބިންގާ މިއަދު އަޅައިފި އެވެ.

ރައީސް ހދ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށު ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި، މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

އާރްޑީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 104,834,778.55ރ. އެވެ.

ދެހާސް ފައްސަތޭކައެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި އަޅަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ރޭ ހަނިމާދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ވެސް ފައްޓަވައި ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ލިބޭނެ ގޮތް ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ ހޮސްޕިޓަލް ހިމެނެނީ ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހީގައި ހަތް ރަށެއްގައި ހޮސްޕިޓަލް އެޅުމަށް 2022 ވަނަ އަހަރު އިއުލާނުކުރި ޕްރޮޖެކްޓު ތެރޭގަ އެވެ. ހަނިމާދޫ ހޮސްޕިޓަލްގެ މަސައްކަތް މީގެ ކުރިން 2023 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ.

ހަތް ރަށުގެ ހޮސްޕިޓަލްތަކަށް 686،089،524.22ރ. ކުވައިތު ފަންޑުން ހޭދަކުރަން ނިންމާފައި ވާއިރު ހަނިމާދޫގެ އިތުރުން ށ. މިިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އަޅަން ނިންމައި އެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކުރި އެވެ.