Roadha Mihaaru

މަނަދޫގައި 50 އެނދުގެ އާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި

ނ. އަތޮޅުގެ ރަށްތަކުން ސިއްހީ ހިދުމަތަށް ބަރޯސާވެފައިވާ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

މަނަދޫގައި 50އެނދުގެ އާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ޖުލައި 2025

ނ. އަތޮޅުގެ ރަށްތަކުން ސިއްހީ ހިދުމަތަށް ބަރޯސާވެފައިވާ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅީ ނ. އަތޮޅުގެ 13 ރަށަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގަ އެވެ.

އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އެ މަސައްކަތް ހަވާލުކުރި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އާއި އެ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކްގެ އިތުރުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހެވެ.

މަނަދޫގައި ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން އެމްޓީސީސީއާ އެކު ސޮއި ކުރީ މިދިޔަ އަހަރުގެ އޭޕްރީލް 20ގަ އެވެ. އެއީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެ ތަންތަން ނިންމަން 185 މިލިއަން ރުފިޔާއަށް ދީފައި ވަނީ ދެ އަހަރުގެ މުއްދަތެކެވެ.

ނ. މަނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރު ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނ. މަނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރު ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތާއެކު އިތުރު އާ ހިދުމަތްތަކެއް ތައާރަފް ވެގެންދާނެ ކަމަށެވެ. އޭގެތެރޭގައި ފިޒިއޮތެރަޕީ އާއި މެންޓަލް ހެލްތު އަދި ސްޕީޗް ތެރަޕީ ފަދަ ހިދުމަތްތައް ހިމެނޭކަން ފާހަގަކުރެއްވި އެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހަދާ އިމާރާތެކެވެ.

އޭގެ އިތުރުން ހަކަތައަށް ކުރާ ހަރަދު ކުޑަކުރަން އެ ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކޮށް ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަނާއި މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.