ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގެ ދުވަސްވަރު ބ. ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް އެ އެއްބަސްވުން އުވާލައި އެމްޓީސީސީއާ އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ބަދަލުތަކެއް ގެންނަ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
12 އޯގަސްޓް 2025
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގެ ދުވަސްވަރު ބ. ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް އެ އެއްބަސްވުން އުވާލައި އެމްޓީސީސީއާ އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ބަދަލުތަކެއް ގެންނަ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ޖުލައި 2023 ގައި އެ މަސައްކަތް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނިން އެ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ވެސް ފެށިކަން އިއުލާންކުރި އެވެ. އެއީ އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ހަދަން ނޮވެމްބަރު 2022 ގައި އިބޫގެ ސަރުކާރުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން އުވާލައި އެމްޓީސީސީއާ މި ސަރުކާރުން އެ ޕްރޮޖެކްޓް ހަވާލުކުރީ އިއްޔެ އެވެ.
ރައީސް މުއިއްޒު ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ތުޅާދު އަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ރަށުގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބަދަލުތަކަކާ އެކު ކަމަށެވެ. މަސައްކަތް ނިންމަން ޖެހެނީ 660 ދުވަހުގެ ތެރޭގައި ކަމަށް ވާއިރު، މި ސަރުކާރުން އެ ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކުރީ ބަދަލުތަކަކާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.
ތުޅާދޫގައި އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ކުރަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ، އެމްޓީސީސީން މަސައްކަތް ފެށީ ކުރީގެ އީއައިއޭ އަށް ބަލައިގެން ކަމަށް ވިޔަސް އެ އަށް ވެސް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ.
"އެ އީއައިއޭގައި މި އޮތީ ފަޅުތެރެއިން ވެލި ނަގައިގެން، ކަޓާ ސަކްޝަން ޑްރެޖިން ކޮންސެޕްޓުގައި މަސައްކަތް ކުރާ ގޮތަށް ފާސްކޮށްފައި. ރަށަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓު ބިން ހިއްކުމާއި ދެ ކަންތައް ވެސް މި އޮތީ އެ ގޮތަށް، އެ މެތޮޑް ބޭނުންކުރާ ގޮތަށް ފާސްކޮށްފައި،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގެންނާނެ ބަދަލަކީ މި މަޝްރޫއު ފެށިގެންދާ ދިއުމުގައި މި ފަޅުން ބޭރުން އެހެން ތާނކުން ވެލި ނަގައިގެން، އެއީ ފަޅުތެރެއިން ކަޓާ ސަކްޝަން ނުޖައްސައި ހޮފާ ޑްރެޖަރު ބޭނުންކޮށްގެން ކުރާ ގޮތަށް ބަދަލުކުރުން. އެ ގޮތަށް އިރާދަކުރެއްވިއްޔާ ބަދަލު ކޮށްދޭނަން."
ރައީސް މުއިއްޒު ތުޅާދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އެ ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ ފަޅުތެރެއިން ވެލި ނެގުން ހުއްޓުމުކަށް އައުމާއި އެ މަޝްރޫއުގެ ސްޕީޑް އެތައް ތަނަކުން އަވަސް ވުމެވެ.
"އެކަން އަޅުގަނޑު ކުރާނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓު ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ތުޅާދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށުން މިހާތަނަށް ލަސްވީ ފައިސާގެ ކަންތައްތަކަށް ވަގުތު ނެގުމުން ކަމަށާއި އެއާޕޯޓުގެ މަސައްކަތް ބާރު ސްޕީޑުގައި ގެންގޮސް ފުރިހަމައަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވި އެވެ.
އެ މަސައްކަތް ކުރާނީ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި ތުޅާދޫން ހިއްކަނީ 55.4 ހެކްޓަރުގެ ބިމެވެ.
ތުޅާދޫގައި 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާނެ އެވެ. އަދި އެއީ ކޯޑް 3C ގެ ރަންވޭއެއް ކަމަށް މިނިސްޓްރީން ބުންޏެވެ. ބިން ހިއްކުމުގެ އިތުރުން 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1،677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖަހާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ނިންމައި ދިނުމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ތުޅާދޫގެ ރައްޔިތުންނަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އޮގަސްޓް 2023 ގައި ތުޅާދު އަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެހާ ހިސާބަށް ވެސް މަސައްކަތް ކުރިއަށް ނުދާ އެއާޕޯޓް އެ މަނިކުފާނުގެ ވެރިކަމެއްގައި ނިންމާނެ ކަމަށެވެ.
"ކުރަން ނުކުރަން އުޅޭ އެއާޕޯޓްގެ މަސައްކަތް ކޮށް ނިންމާފައި ދައްކާނަން. އަޅުގަނޑުމެންނަކީ ކުރަން ކުރަން އުޅޭ ބައެއް ނޫންކަން އެނގޭނެ. ކުރާނެ ކަމަށް ބުނެފައި އޮތިއްޔާ ކޮށްފައި ދައްކާނަން،" ރައީސް މުއިއްޒު އޭރު ވިދާޅުވެފައި ވެ އެވެ.
"ޝައްކު ނުކުރައްވާ. ރައްޔިތުން އެދޭ ކަންކަމުގައި އަޅުގަނޑުމެން ހުސް ވައުދެއް ނުވާނަން. ފައިނޭންސް ހޯދާނެ ގޮތާއި ކަމުގެ ޓެކްނިކަލް މައުލޫމާތު އަޅުގަނޑުމެން އަތުގައި ހުންނާނެ."
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ތުޅާދޫ އެއާޕޯޓު ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
މަތިވެރި އެއާޕޯޓު އަޅައި ހިންގަން އެމްއޭސީއެލަށް
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
އިތުރު އެއާޕޯޓުތައް އަޅާނެ ރަށްތައް ކަނޑައަޅައިފި
ދެ ކޮމަންޑޫ ގުޅާލުން މި އަހަރު ނިންމަނީ
ކޮލަމާފުށި ކައިރީގައި ޑޮމެސްޓިކްއެއާޕޯޓެއް ހެދުން ކައިރި