ބ. ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން އުވާލައި އެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ބ. ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން އުވާލައި އެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ކުރީގެ ސަރުކާރުން ޖުލައި 2023 ގައި އެ މަސައްކަތް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނިން އެ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ވެސް ފެށި އެވެ. އެއީ އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ހަދަން ނޮވެމްބަރު 22 ގައި އިބޫގެ ސަރުކާރުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
އެކަމަކު، އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އޮގަސްޓް މަހު ތުޅާދު އަށް ވަޑައިގެން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެހާ ހިސާބަށް ވެސް މަސައްކަތް ކުރިއަށް ނުދާ އެއާޕޯޓް އެ މަނިކުފާނުގެ ވެރިކަމެއްގައި ނިންމާނެ ކަމަށެވެ.
"ކުރަން ނުކުރަން އުޅޭ އެއާޕޯޓްގެ މަސައްކަތް ކޮށް ނިންމާފައި ދައްކާނަން. އަޅުގަނޑުމެންނަކީ ކުރަން ކުރަން އުޅޭ ބައެއް ނޫންކަން އެނގޭނެ. ކުރާނެ ކަމަށް ބުނެފައި އޮތިއްޔާ ކޮށްފައި ދައްކާނަން،" ރައީސް މުއިއްޒު އޭރު ވިދާޅުވެފައި ވެ އެވެ.
"ޝައްކު ނުކުރައްވާ. ރައްޔިތުން އެދޭ ކަންކަމުގައި އަޅުގަނޑުމެން ހުސް ވައުދެއް ނުވާނަން. ފައިނޭންސް ހޯދާނެ ގޮތާއި ކަމުގެ ޓެކްނިކަލް މައުލޫމާތު އަޅުގަނޑުމެން އަތުގައި ހުންނާނެ."
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ، 2023 ގެ އެއްބަސްވުން އުވާލައި ތުޅާދޫ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ދައުލަތުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތުގެ އަގަކީ 570,260,350.80ރ. އެވެ. ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމަންޖެހޭ މުއްދަތަކީ 660 ދުވަހެވެ.
ތުޅާދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖަމްޝީދު މިއަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އެމްޓީސީސީ
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި ތުޅާދޫގައި ހަދަނީ 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ކަމަށެވެ. އަދި އެއީ ކޯޑް 3C ގެ ރަންވޭއެއް ކަމަށް ބުންޏެވެ.
"އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1،677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ބުނީ، ތުޅާދޫގައި އެއާޕޯޓެއް އަޅަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުން ވިޔަސް އެންމެ ގިނައިރު ވެގެން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ގައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގާ ފުޅާކުރުމަށް ކަމަށެވެ.
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
އަލިފުށީ އެއާޕޯޓް، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައި
އަހަރު ނިމުމުގެ ކުރިން ތުޅާދޫ އެއާޕޯޓު ނިންމޭތޯ ބަލަނީ
އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅައިފި
މާވަރުލު އެއާޕޯޓުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެ