Roadha Mihaaru

ކެންދޫގައި އާ ބަނދަރެއް ހަދައި ބިން ހިއްކަން އެމްޓީސީސީއަށް

ބ. ކެންދޫގައި އާ ބަނދަރެއް ތަރައްގީކުރުމާ އެކު އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

11 އޯގަސްޓް 2025

ބ. ކެންދޫގައި އާ ބަނދަރެއް ތަރައްގީކުރުމާ އެކު އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ކެންދޫގައި އާ ބަނދަރެއް ހެދުމާ އެކު އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މިދިޔަ މާޗު މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅެކެވެ.

އެހެންވެ، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އެމަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންދޫއަށް ވަޑައިގެން މިއަދު އެވެ.

އެމްޓީސީސީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ އެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން 112،016 އަކަ މީޓަރުގެ ސަރަހަައްދެއް ހިއްކާނެ ކަމަށެވެ. އަދި 278 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 971 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 62 މީޓަރު ފައިކަށި ޖެހުމާއި 29 މީޓަރު ނެރު ފައިކަށި ޖެހުން ހިމެނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި 119.3 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކެންދޫގެ ބަނދަރު މަޝްރޫއު އާއި ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއި ކުރައްވަނީ.

ކެންދޫގެ ބަނދަރު މަޝްރޫއު އާއި ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއި ކުރައްވަނީ.

އެ ދަތުރުފުޅުގައި ރައީސް ވަނީ ކެންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ވެސް އިފްތިތާހުކޮށްދެއްވައިފަ އެވެ.