Roadha Mihaaru

ދޮންފަނުގެ ބިން ނުހިއްކިޔަސް ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ: މިނިސްޓަރު

ބ. ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް އެ ރަށުގެ ބަނދަރު ހަދައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ދޮންފަނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ:މިނިސްޓަރު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

09 ސެޕްޓެމްބަރ 2025

ބ. ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް އެ ރަށުގެ ބަނދަރު ހަދައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ރަށުގެ ބިން ހިއްކުމާއި ބަނދަރުގެ ނެރު ބަދަލުކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިނިސްޓްރީން ހަވާލުކުރީ މިދިޔަ މަހު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާ ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމުން ރައީސް މިއަދު ވަނީ އެ ރަށު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމަވައިފަ އެވެ.

ރަައީސްގެ އެ ނިންމެވުމާ ގުޅިގެން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަަމަށެވެ.

އެ ރަށު ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގައި 73 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި 1276 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 314 މީޓަރުގެ ބޮޑުހިލައިގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި ދެ މީޓަރުގެ ދިގު 24 މީޓަރުގެ ފުޅާ ޖެޓީ ހެދުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ދޮންފަނުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން އެ ރަށުގައި ބިން ހިއްކަން ސަރުކާރުން ނިންމުމަށް ފަހު، ބަދަލު ގެންނަން ޖެހުނީ، ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް އެކަން ނުކުރަން ގޮވާލަމުންދާތީ އެވެ.

ހަނިފަރު އޮންނަނީ ދޮންފަނުގެ އިރުން ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ކައިރީގަ އެވެ.

ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ "ހަނިފަރު ބޭ" އަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި އޮންނަ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ކަނޑުގެ އެކި ދިރުންތަކުން މުއްސަނދި އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ.

ސަރުކާރުން 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުގައި އޮއި ދައުރުވަނީ އެހެން ސަރަހައްދުތަކާ ވަރަށް ތަފާތު އަދި ހާއްސަ ގޮތަކަށެވެ.