Roadha Mihaaru

މަކުނުދޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް: އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. އަތޮޅުގައި އެކަހެރިކޮށް މަކުނުދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ރަށުގައި އެއާޕޯޓް އެޅުމާއި ބިން ހިއްކުމުގެ އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

26 އޯގަސްޓް 2025

ހދ. އަތޮޅުގައި އެކަހެރިކޮށް މަކުނުދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ރަށުގައި އެއާޕޯޓް އެޅުމާއި ބިން ހިއްކުމުގެ އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މަކުނުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އެ ރަށު ބިން ހިއްކާ ނިމޭއިރު އެއާޕޯޓުގެ އިތުރުން ބޯހިޔާވަހި ކަމަށް ވެސް ހައްލު ލިބި އަދި އިގްތިސާދީ ގޮތުން ކުރިއަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދަތުރުފަތުރު ކުރުމަށް އެ ލިބޭ ކުރިއެރުމުގެ ސަބަބުން މި ރަށުގައި އިގްތިސާދީ ތަރައްގީ އެހެން ހަރުފަތަކަށް، މަތީހަރުފަތަކަށް ގެންދިއުމަށް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ވަސީލަތަކަށްވެ، ވަރަށް މުހިންމު ދޮރޯށްޓަކަށް މި އެއާޕޯޓް ވާނެ." ރައީސް ވިދާޅުވި އެވެ.

އެ އެއާޕޯޓު ހިންގާނީ އެމްއޭސީއެލްއިން ކަމަށާއި މަސައްކަތް ނިމުނުހާ އަވަހަށް އެ ކުންފުނިން އެއާޕޯޓާ ހަވާލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރައްވަނީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީގް ވިދާޅުވީ މަކުނުދޫގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަހެރިކޮށް އެ ރަށް އޮންނައިރު، ދަތުރުފަތުރު ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުން ކަމަށެވެ. އަދި މި ސަރުކާރުން އެ ރަށުގެ ރައްޔިތުން ބޭނުންވާ އެއާޕޯޓު މަސައްކަތް ކުރުމަށް ހަވާލުކުރުމަކީ ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ފެށި އެވެ. އަދި އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކްރޮސް ސަބްސިޑީ އުސޫލުން މަސައްކަތް އޭރު ހަވާލުކުރީ މަސް ބޭރުކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިގް ފިޝްއާ އެވެ.

މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން އޭރު ހިއްކީ އެ ރަށުގެ ދެކުނު ބިތުން ފެށިގެން, އެއް ފަޅެއްގެ ތެރޭގައި އޮންނަ ހުރައާ ދޭތެރޭގަ އެވެ. އޭރު ހިއްކީ ކިތައް ހެކްޓަރު ކަމެއް އަދި އޭގެ ފަހުން އެ މަސައްކަތް ގޮސްފައިވާ ގޮތުގެ ތަފްސީލެއް ފަހުން ނުދެ އެވެ.

އެ އެއްބަސްވުމުގެ ދަށުން 1،800 މީޓަރުގެ ދިގު ރަންވޭއެއް އެޅޭ މިންވަރަށް ބިން ހިއްކުމުގެ އިތުރުން އިޖްތިމާއީ ބޭނުންތަކަށް އިތުރު 22 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި އެއާޕޯޓް އެޅުމަށްފަހު އެތަން ހިންގުން ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާ އެވެ.

މަކުނުދޫއަކީ ރާއްޖޭގެ އެންމެ ބޮޑު ފަޅެއް އޮންނަ އެއް ރަށެވެ.