Roadha Mihaaru

މަތިވެރި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ، އއ. މަތިވެރި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މަތިވެރި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 އޯގަސްޓް 2025

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ، އއ. މަތިވެރި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ގިނަ އަދަދެއްގެ ރިސޯޓު ހިންގާ އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު، މަތިވެރީގައި އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ތަން ތަރައްގީކޮށް އޮޕަރޭޓް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން ހަވާލުކުރީ ރޭގަ އެވެ.

އެ އެއާޕޯޓު ބިން ހިއްކަން ފެށީ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ ރައީސް މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިނާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި އެ ރަށު ކައުންސިލް ރައީސް އަހުމަދު އަސްލަމެވެ.

މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަތިވެރި އެއާޕޯޓަށް އިންވެސްޓްކޮށް، އެ ތަން ހިންގައި ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެމްއޭސީއެލުން ކަމަށެވެ.

އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު މަތިވެރީގައި ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމްރާން (ވ) އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިރޭ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: ރައީސް އޮފީސް

އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު މަތިވެރީގައި ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމްރާން (ވ) އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިރޭ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: ރައީސް އޮފީސް

"މި މަޝްރޫއާ ގުޅިގެން ރަށަށް ބޭނުންވާ ރަށުގެ ތަރައްގީގެ އެކި ކަންކަމަށް، ބޯހިޔާވަހިކަމާއި އެކި ކަންކަމަށް 26.5 ހެކްޓަރުގެ ބިމާ އެކު އޭގެ އިތުރަށް އެއާ ގުޅިގެން އެއާޕޯޓު ތަރައްގީ ކުރެވޭނީ. މި އެއާޕޯޓަކީ ފުރިހަމަ އަށް ދެކޮޅު ޖެހޭނެ އެއާޕޯޓެއް، އޭގެ ހުރިހާ ހިސާބެއް ބަރާބަރަށް ދިމާވާ 100 ޕަސެންޓު ފީޒަބްލް ޕްރޮޖެކްޓެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މަތިވެރި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް 30 މަސް ދުވަސް ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމައި އެ ތަން ހުޅުވާނެ އެވެ.

ރައީސް އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި މަތިވެރި އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެއާޕޯޓެއް އެޅުމަކީ މަތިވެރި ދާއިރާ އަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ޓޫރިޒަމަށް ބަރޯސާ ވެފައިވާ މި އަތޮޅަށް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.

އެ ސަރަހައްދުގައި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރަންޖެހޭ ކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަމާޒަކީ ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިޒަމްގެ އެކިއެކި ފަހި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. ވިދާޅުވީ އެ ހުރިހާ ކަމަކާ އެކު ރައްޔިތުންނަށް އިގްތިސޯދީ ގޮތުން ކުރިއެރުންތައް ލިބޭ ތަން ފެންނާނެ ކަމަށެވެ.