Roadha Mihaaru

ފުވައްމުލަކު އެއާޕޯޓް ހުއްޓުމަކަށް އައުމުން، އައްޑޫއިން ފަޔާ ލޮރީއެއް ގެންދަނީ

ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވެ، ވަގުތީ ގޮތުން އެ އެއާޕޯޓަށް ދަތުރުތައް ހުއްޓާލުމުން، އައްޑޫއިން ފަޔާ ޓްރަކެއް ފުވައްމުލަކަށް މިރޭ ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

ފުވައްމުލަކު އެއާޕޯޓަށް އައްޑޫއިން ފަޔާލޮރީއެއް ގެންދަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

02 ސެޕްޓެމްބަރ 2025

ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވެ، ވަގުތީ ގޮތުން އެ އެއާޕޯޓަށް ދަތުރުތައް ހުއްޓާލުމުން، އައްޑޫއިން ފަޔާ ޓްރަކެއް ފުވައްމުލަކަށް މިރޭ ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

ފުވައްމުލަކު އެއާޕޯޓްގެ ފަޔާ ޓްރަކަށް އިއްޔެ ދިމާވި މައްސަލައާ ގުޅިގެން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް އެ އެއާޕޯޓްގެ ދަތުރުތައް މިއަދު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ރީޖަނަލް އެއާޕޯޓުތައް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އައްޑޫއިން ގެންދާ ފަޔާ ލޮރީ ލޭންޑިން ކްރާފްޓެއްގައި ފުވައްމުލަކަށް ގެންދިއުމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ފޮނުވާ އެ ފަޔާ ލޮރީ މިރޭ ފުވައްމުލަކަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވެފައިވަނީ ފުވައްމުލަކު އެއާޕޯޓުގައި އޮންނަ ފަޔަ ޓްރަކް، ރަންވޭ މަތީގައި އޮއްވާ އިންޖީނު ހަލާކުވެގެން ހުއްޓުނީ ކަމަށެވެ. އެ މައްސަލަ ހައްލުކުރަން އެމްއޭސީއެލްގެ ޓެކްނިކަލް ޓީމެއް ރޭ ކަނޑުމަގުން ފުވައްމުލަކަށް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވާލުމަށްފަހު އެމްއޭސީއެލްއާ ހަވާލު ކުރުމުން ރީޖަނަލް އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން އާއި ފަޔަ ފައިޓިން ސާމާނުގެ ހާލަތު އެމްއޭސީއެލްއިން ބަލަން ފަށާފައިވާ ކަމަށެވެ.

"އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. އަޅުގަނޑުމެން ގެންދިޔައީ އިމަޖެންސީކޮށް އެއްޗެހި ގަތުމުގެ ޕްރޮސެސްއެއް ފައްޓައިގެން. އެކަމަކު ފަޔަ ފައިޓިން އެއްޗެހި ގަންނައިރު ވަރަށް ބައިވަރު ކަންކަން އެބަ ބޭނުންވޭ ކަސްޓަމައިޒް ކުރަން،" ޝަރީފް ވިދާޅުވި އެވެ.

އެއާޕޯޓުތަކާ ހަވާލުވި ގޮތަށް އެ ތަކެތި ގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.