Roadha Mihaaru
އައްޑު އާއި ފުވައްމުލަކަށް ފްލައިމީ އަލުން އުދުހެނީ

އައްޑު އާއި ފުވައްމުލަކަށް ފްލައިމީ އަލުން އުދުހެން ފަށަނީ

07 ޖޫން 2017

ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް އައްޑު އާއި ފުވައްމުލަކަށް ފްލައިމީގެ ދަތުރުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށާއި އަމާޒަކީ ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ އަށް ޝެޑިއުލް ދަތުރުތައް ބޭއްވުން ކަމަށް ވިލާ އެއާ އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް އައްޑު އާއި ފުވައްމުލަކަށް ފްލައިމީގެ ދަތުރުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށާއި އަމާޒަކީ ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ އަށް ޝެޑިއުލް ދަތުރުތައް ބޭއްވުން ކަމަށް ވިލާ އެއާ އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "މިހާރު" އަށް ވިދާޅުވީ ފުވައްމުލަކާއި ގަމަށް މި މަހުގެ ތެރޭގައި ދަތުރުތައް ބާއްވާނެ ކަމަށެވެ.

"އޭގެ ތައްޔާރީތަކުގައި މިހާރު އުޅެނީ. އަޅުގަނޑުމެންގެ މާކެޓިން ޓީމުން ވަރަށް އަވަހަށް ޓިކެޓްގެ އަގުތަކާއި ގަޑިތައް ވެސް އިއުލާން ކުރާނެ،" އޭނާ ވިދާޅުވި އެވެ.

"ދަތުރުތައް ބަންދާ ދިމާކޮށް ފެށުމަށް ފަހު، އަޅުގަނޑުމެންގެ ޓާގެޓަކީ ހަމަ ކުރިއެކޭ އެއްގޮތަށް ޝެޑިއުލް ދަތުރުތައް ބޭއްވުން."

ނާޝިދު ވިދާޅުވި ގޮތުގައި އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް އަލުން ބާއްވަން ނިންމީ ފްލައިމީގެ ފްލީޓްގައި މިހާރު ތިން ބޯޓް ވެސް އޮތުމާ އެކު ދައްޗެއް ނެތި އެކަން ކުރެވޭނެތީ އެވެ. އޭނާ ވިދާޅުވީ ފްލީޓަށް މިހާރު 48 މީހުންގެ ޖާގައިގެ ބޯޓެއް އިތުރު ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހުއްޓާލި ފަހުން ވެސް އައްޑު އާއި ފުވައްމުލަކުން ރިކުއެސްޓްތައް އާދޭ ދަތުރުތައް އަލުން ފަށައިދޭން. ކޮން އިރަކުންތޯ އަލުން ފަށާނީ އެ ސުވާލު އަބަދުވެސް ވަރަށް ގިނައިން އާދޭ،" ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ފްލައިމީގެ ދަތުރުތައް 2015 ގައި ދެކުނުގެ އަތޮޅުތަކަށް ހުއްޓާލި ހުއްޓާލުމަށް އިޝާރާތް ކުރައްވަމުން ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތުރުކުރާ މީހުންނަށް އިތުރު އޮޕްޝަނެއް އޮތުމަކީ އަބަދު ވެސް ވަރަށް ބޭނުން ވާނެ ކަމެއް ކަމަށެވެ.

"އެ ބަޔަކު ދަތުރު ކުރާނެ އެއާލައިނެއް ޗޫޒް ކުރަން އޮޕްޝަނެއް އޮތުމަކީ ކަސްޓަމަރުން އަބަދު ވެސް ވަރަށް ބޭނުން ވާނެ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ ވެސް ކަސްޓަމަރުންގެ ބޭނުންވާ ކަހަލަ، ފަސޭހަ ހިދުމަތެއް ފޯރުކޮށް ދިނުން،" ނާޝިދު ވިދާޅުވި އެވެ.

ފްލައިމީގެ ބޯޓެއް ގަން އެއާޕޯޓްގައި: އަލުން ދަތުރުތައް ފަށަން އަންނަނީ ތައްޔާރުވަމުން.---ފޮޓޯ/ އަހުމަދު އަދުޝަން

ފްލައިމީގެ ބޯޓެއް ގަން އެއާޕޯޓްގައި: އަލުން ދަތުރުތައް ފަށަން އަންނަނީ ތައްޔާރުވަމުން.---ފޮޓޯ/ އަހުމަދު އަދުޝަން

އައްޑު އާއި ފުވައްމުލަކަށް މިހާރު ޑޮމެސްޓިކް ދަތުރުތައް ކުރަނީ ހަމައެކަނި ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ.

އައްޑު އަށް ފްލައިމީން ދަތުރުތައް ބޭއްވިއިރު، ޚިދުމަތުގެ އަގަށް ހެޔޮ ބަދަލުތަކެއް އައިކަން ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

ފްލައިމީގެ ދަތުރުތައް އެންމެ ފުރަތަމަ ދެކުނަށް ބާއްވަން ފެށީ ފެބްރުއަރީ 2، 2013 ގަ އެވެ. އަދި ހުއްޓާލީ އޭގެ ދެ އަހަރު ފަހުން މާޗް 2015 ގަ އެވެ.