Roadha Mihaaru

ރީޖަނަލް އެއާޕޯޓްސްގެ ހުރިހާ އޮޕަރޭޝަނެއް އެމްއޭސީއެެލް އަށް، ނުވަ ޑޮމެސްޓިކް އެއާޕޯޓެއް ހިންގާނެ

ޑޮމެެސްޓިކް އެއާޕޯޓުތައް ކުރިން ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފި އެވެ.

ރީޖަަނަލް އެއާޕޯޓްސްގެ އެއާޕޯޓުތައް އެމްއޭސީއެލް އަށް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

02 ސެޕްޓެމްބަރ 2025

ޑޮމެެސްޓިކް އެއާޕޯޓުތައް ކުރިން ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފި އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ރީޖަަނަލް އެއާޕޯޓްސްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ހާމަކުރައްވައިފަ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއް ހިންގުމުގެ ހުރިހާ ކަމަކާ އެމްއޭސީއެލްއިން ހަވާލުވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލް އިން ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެ އެވެ.

"އަޅުގަނޑުމެން ޓޯޓަލް ޓޭކްއޯވާ ކުރިތާ ދެހަފުތާ ވަރު މިވީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރީޖަނަކް އެއާޕޯޓްސް އިން ހިންގި އެއާޕޯޓްތަކާ އެމްއޭސީއެލް އިން ހަވާލުވި އިރު އެ އެއާޕޯޓްތަކުގެ ހާލަތު އޮތީ ވަަރަށް ދަށްކޮށެވެ. އެގޮތުން ބައެއް ތަންތަނުގެ ފަޔާ ފައިޓިން އިކްއިޕްމެންޓް ހުރީ އެ ހުރި ހާލަތުގައި ބަހައްޓައިގެން އެއާޕޯޓް ނުހިންގޭ ހިސާބުގައި ކަމަށް އެމްޑީ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އެމްޑީ ޝަރީފު "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްއޭސީއެލްގެ އެމްޑީ ޝަރީފު "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެެހެންވެ، އެ އެއާޕޯޓްތަަކަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމުގެ މަސައްކަތް އެމްއޭސީއެލް މިހާރު ވަނީ ފަށައިފަ އެވެ.

ޝަރީފު ވިދާޅުވީ، ފުވައްމުލަކު އެއާޕޯޓްގެ ފަޔަ ޓްރަކް ހަލާކުވެ، އެއާޕޯޓަށް ކުރަމުން އައި ދަތުރުތައް ހުއްޓުނީ ވެސް އިކްއިޕްމެންޓް ގަތުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކަމަށެވެ.

"އެ ތަންތަނުގެ އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. ދެން އަޅުގަނޑުމެން އިމަޖެންސީކޮށް އެއްޗިހި ގަތުމުގެ ޕްރޮސެސް އެއް ފަށްޓައިފިން،" އޭނާ ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ހުރިހާ އެއާޕޯޓެއްގެ ގްރައުންޑް އޮޕަރޭޝަންތައް މިހާތަނަށް ބަލަހައްޓަމުން އައީ އައިލެންޑް އޭވިއޭޝަނުންނެވެ.

"ނަމަވެސް މި ނުވަ އެއާޕޯޓުގެ ގްރައުންޑް އޮޕަރޭޝަނާ ވެސް މި ހަވާލުވީ އަޅުގަނޑުމެން އެމްއޭސީއެލް އިން. ރީޖަނަލް އެއާޕޯޓްސްގެ މުވައްޒަފުންގެ ކަންކަން ވެސް މިހާރު ވާނީ އެމްއޭސީއެލް އަށް ބަދަލުކޮށްފައި،" ޝަރީފު ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމްއޭސީއެލްއާ އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. ސަރުކާރުގެ އެހެން ބައެއް ކުންފުނިތައް އެއްކޮށްލަން ވެސް އޭރު ނިންމި އެވެ.