Roadha Mihaaru

ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު އެމްއޭސީއެލްއިން ރަނގަޅުކުރަނީ

އެމްއޭސީއެލްގެ ދަށަށް މިހާރު ބަދަލުކޮށްފައިވާ، ކުރިން ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، އެ ތަންތަނަށް ބަދަލު ގެނައުމުގެ މަސައްކަތް އެމްއޭސީއެލްއިން ފަށައިފި އެވެ.

ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު އެމްއޭސީއެލްއިން ބަލަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

07 ސެޕްޓެމްބަރ 2025

އެމްއޭސީއެލްގެ ދަށަށް މިހާރު ބަދަލުކޮށްފައިވާ، ކުރިން ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، އެ ތަންތަނަށް ބަދަލު ގެނައުމުގެ މަސައްކަތް އެމްއޭސީއެލްއިން ފަށައިފި އެވެ.

އެމްއޭސީއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ހަވާލުވެފައިވާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެށްޓެވި އެ މަސައްކަތުގެ ދަށުން ރާއްޖޭގެ 9 ޑޮމެސްޓިކް އެއާޕޯޓަކަށް އެ ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް, އެއާޕޯޓްތަކުގެ ހާލަތު ބަލައި އަދި ހަރުދަނާކުރުމަށް ކުރަން ޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން މިދިޔަ ހަފުތާގައި ފުވައްމުލަކު އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ ހާލަތު ބެލުމަށްފަހު, އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލު ކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ރީޖަަނަލް އެއާޕޯޓްސް ކުންފުނިި އުވާލައި، އެ ކުންފުނީގެ ދަށުގައި ހުރި އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެމްއޭސީއެލްއިން އެ އެއާޕޯޓުތަކާ ހަވާލުވީ މިދިޔަ މަހު އެވެ.

ޝަރީފް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގި އެއާޕޯޓްތަކާ އެމްއޭސީއެލްއިން ހަވާލުވިއިރު، އެ އެއާޕޯޓްތަކުގެ ހާލަތު އޮތީ ވަަރަށް ދަށްކޮށެވެ. ބައެއް ތަންތަނުގެ ފަޔާ ފައިޓިން އިކްއިޕްމެންޓް ހުރީ އެ ހުރި ހާލަތުގައި ބަހައްޓައިގެން އެއާޕޯޓް ނުހިންގޭ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެެހެންވެ، އެއާޕޯޓްތަަކަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމުގެ މަސައްކަތް އެމްއޭސީއެލްއިން މިހާރު ވަނީ ފަށައިފަ އެވެ.

ކުރިން ރީޖަނަލް އެއާޕޯޓްސްއިން ބެލެހެއްޓި ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ލޮރީ މިދިޔަ ހަފުތާގައި ހަލާކުވެ، އެ އެއާޕޯޓުގެ އޮޕަރޭޝަންސް ދެ ދުވަހަށް މެދުކަނޑާލަން ޖެހުނެވެ.