06 މާޗް 2017
ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު އަތުލައި، އެ ތަން ރީޖަނަލް އެއާޕޯޓްސްއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު އަތުލައި، އެ ތަން ރީޖަނަލް އެއާޕޯޓްސްއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ވިލާ އެއާއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުން އުވާލުމުން އެ ތަން ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
"އެތަނާ ހަވާލުވުމުގެ ކަންތައްތައް ކުރިޔަށް އެބަދޭ. އެ އެއާޕޯޓު ހިންގާނީ ކޮން ބައެއް ކަމެއް އަދި ސަރުކާރުން ނުނިންމާ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓު ހަވާލުކުރުން ލަސްވެގެން ގދ. ތިނަދޫގައި ތިބޭ ފުލުހުން އެ އެއާޕޯޓަށް ރޭ ދިޔަ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވިލާ އެއާގެ ބަހެއް ވެސް ލިބޭ ގޮތެއްނުވި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ އަތުން ގދ. ކާޑެއްދޫ އެއާޕޯޓް އަތުލަން ނިންމައި، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން އުވައިލީ މިދިޔަ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. އެ ނިންމުން ބާތިލުކުރުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުން ނިންމީ ހަވާލުކުރުން މަޑުޖައްސާލުމަށެވެ. ނަމަވެސް އެ އަމުރު ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އަދި ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވިލާ އެއާއިން ބުނެފައިވެ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނީ ވިލާ އެއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރިއިރު އެތަނުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން ވަޒީފާގައި ދެމިތިބޭނެ ކަމަށެވެ.
"އެތަން ހަވާލުކުރުމުގެ މަސައްކަތްކުރަމުން ދިޔަ ނަމަވެސް ފްލައިޓް އޮޕަރޭޝަނަށް އެއްވެސް ބަދަލެއް ނާންނާނެ. އަދި އެއިރޯޑްރޮމް ސެޓްފިކެޓް ވެސް މިއަދު ލިބޭނެ،" ސާމީ ވިދާޅުވި އެވެ.
ވިލާ އަށް ކާޑެއްދޫ އެއާޕޯޓް ދިނީ ނޮވެމްބަރު 2013 ގަ އެވެ. އެކަމަކު، ސަރުކާރު ކޯލިޝަނުން ވަކިވެ، އިދިކޮޅު އެމްޑީޕީއާ އެކު ގާސިމް މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، ކާޑެއްދޫ އެއާޕޯޓް އަތުލަން ނިންމައި އެ ކަމުގެ ނޯޓިސް އޮގަސްޓް 2014 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެވެ. ވިލާ އިން ކޯޓަށް ދިއުމުން އެ ނޯޓިހަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، ސަރުކާރުން ވަނީ ސެޕްޓެމްބަރު 2014 ގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ އަށް ދީފަ އެވެ. އެ ދުވަސްވަރު، މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ވެސް ބަދަލުކުރި އެވެ. އަދި ވިލާގެ އެހެން ކުންފުނިތަކަކަށް ދޫކޮށްފައިވާ ރަށްތަކެއް ވެސް އަތުލައި، ދައުލަތަށް ނުދައްކާ ހުރި ރަށްރަށުގެ ކުއްޔާއި އެހެނިހެން ފީ އަދި ޖޫރިމަނާ ހިމެނޭ ގޮތަށް ޖުމްލަ 90.4 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ދައްކަން އެންގި އެވެ. އަދި އެ ފައިސާ ނުދެއްކުމުން ވިލާގެ އެކައުންޓުތައް ވެސް ފްރީޒް ކުރި އެވެ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ވިލާ އަށް ދީ އަދި ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް އުވާލީ، ސަރުކާރަށް ފާޑު ވިދާޅުވުން ގާސިމް ހުއްޓާލެއްވުމުންނެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި މިހާރު ޖެހިފައިވާ މައްސަލައިގެ ތެރޭގައި ގާސިމް ވަނީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ. އެކަމަކު، އޭނާ ވަނީ ސަރުކާރަށް ފާޑު ވިދާޅުވުން ފަހުން އަނެއްކާ ވެސް ހުއްޓާލައްވައިފަ އެވެ.
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި
ކާޑެއްދޫ އެއާޕޯޓް ނަގައި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކަށް
ކާޑެއްދޫ އެއާޕޯޓުގެ ބަދަލު ނުހޯދަން ނިންމައިފި
ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭން ކުރި ހުކުމް ރަނގަޅު
100 މިލިއަން ޑޮލަރު ހޯދަން ވިލާއިން ކޯޓަށް ދަނީ
ކާޑެއްދޫ އެއާޕޯޓުގެ މަރާމާތަށް ބޮޑު ހޭދައެއް ކުރަނީ
ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކޮށްފި
ރަށެއް ނުލިބި، އެއާޕޯޓާ ހަވާލެއް ނުވެވޭނެ: ވިލާ އެއާ
ކާޑެއްދޫ މައްސަލާގައި ވިލާއަށް ސުޕްރީމް ކޯޓުން ކާމިޔާބު
ކާޑެއްދޫ އަތުލަން ސަރުކާރުން އުޅޭތީ ގާސިމް ހައިރާންވޭ!