Roadha Mihaaru
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި

ގާސިމްގެ ކުންފުނިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި

04 ނޮވެމްބަރ 2016

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން އަނެއްކާ ވެސް ފަށްޓަވާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުންޏަކުން ހިންގާ ގދ. ކާޑެއްދޫ އެއާޕޯޓުގެ އިންސްޕެކްޝަނެއް ސަރުކާރުން މިއަދު ހަދައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން އަނެއްކާ ވެސް ފަށްޓަވާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުންޏަކުން ހިންގާ ގދ. ކާޑެއްދޫ އެއާޕޯޓުގެ އިންސްޕެކްޝަނެއް ސަރުކާރުން މިއަދު ހަދައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއާޕޯޓްސްގެ ޓީމެއްގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޓީމެއް މިއަދު ވަނީ ގާސިމްގެ ވިލާ އެއާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓަށް ގޮސް، އެ ތަނުގެ ފެންވަރު ބެލުމުގެ ދިރާސާތަކެއް ކޮށްފަ އެވެ. އެކަމަކު، އެ ކަންކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެފަދަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަކަން ސީދާ ޔަގީންކޮށް ނުދެއްވިޔަސް، ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓުތަކެއްގެ އިންސްޕެކްޝަން ކޮންމެ އަހަރަކު ވެސް ހަދާ ކަމަށެވެ. އެ ގޮތުން، ތާވަލެއް ކަނޑައަޅައިގެން އެ އިދާރާ އާއި ސިވިލް އޭވިއޭޝަންގެ ޓީމުތައް އަހަރު ތެރޭގައި ހުރިހާ އެއާޕޯޓަކަށް ވެސް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިއީ ވެސް ހަމަ ރޫޓިން، އާއްމުކޮށް ކުރާ ކަހަލަ އިންސްޕެކްޝަނެއް،" ސާމީ ވިދާޅުވި އެވެ.

މައުމޫނާއި ގާސިމް ބައްދަލުކުރައްވަނީ: ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލައިގެ ތެރޭގައި ގާސިމް ހުންނެވީ އެ ޕާޓީގެ ރައީސް މައުމޫންގެ ކޮޅުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުމޫނާއި ގާސިމް ބައްދަލުކުރައްވަނީ: ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލައިގެ ތެރޭގައި ގާސިމް ހުންނެވީ އެ ޕާޓީގެ ރައީސް މައުމޫންގެ ކޮޅުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެފަދަ އިންސްޕެކްޝަންތަކުގައި ބަލަނީ އެއާޕޯޓުގައި ހުންނަ ވަސީލަތްތަކާއި ދޭ ހިދުމަތްތަކުގެ ފެންވަރު ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ފެތޭތޯ އެވެ. އަދި އެއާޕޯޓު ހިންގަން ދޫކޮށްފައިވާ ހުއްދައާ އެއްގޮތަށް އެ އެއާޕޯޓެއްގައި ހުރިހާ ކަމެއް ފުރިހަމަކޮށްފައިވޭތޯ ވެސް ބަލާކަން ސާމީ ފާހަގަކުރެއްވި އެވެ.

"އެއާޕޯޓުތަކުގެ ފެންވަރު ދެމެހެއްޓުމަށް މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުރާ ކަމެއް،" ކާޑެއްދޫގެ މައްސަލަ "މީޑިއާތަކުން ބޮޑުކޮށްލަނީ" ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވި އެވެ.

ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓު ދިނީ ނޮވެމްބަރު 2013 ގަ އެވެ. އެކަމަކު، ސަރުކާރު ކޯލިޝަނުން ވަކިވެ، އިދިކޮޅު އެމްޑީޕީއާ އެކު ގާސިމް މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، ކާޑެއްދޫ އެއާޕޯޓު އަތުލަން ނިންމައި އެކަމުގެ ނޯޓިސް އޮގަސްޓް 2014 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެވެ. ވިލާ އިން ކޯޓަށް ދިއުމުން އެ ނޯޓިހަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، ސަރުކާރުން ވަނީ ސެޕްޓެމްބަރު 2014 ގައި ކާޑެއްދޫ އެއާޕޯޓު އަލުން ވިލާ އަށް ދީފަ އެވެ.

އެ ދުވަސްވަރު، ވިލާ އެއާ އިން ދ. މާމިގިލީގައި ހިންގާ އިންޓަނޭޝަނަލް އެއާޕޯޓު ޑޮމެސްޓިކް އެއާޕޯޓަކަށް ވެސް ބަދަލުކުރި އެވެ. އަދި ވިލާގެ އެހެން ކުންފުނިތަކަކަށް ދޫކޮށްފައިވާ ރަށްތަކެއް ވެސް އަތުލައި، ދައުލަތަށް ނުދައްކާ ހުރި ރަށްރަށުގެ ކުއްޔާއި އެހެނިހެން ފީ އަދި ޖޫރިމަނާ ހިމެނޭ ގޮތަށް ޖުމްލަ 90.4 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ދައްކަން އެންގި އެވެ. އަދި އެ ފައިސާ ނުދެއްކުމުން ވިލާގެ އެކައުންޓުތައް ވެސް ފްރީޒް ކުރި އެވެ.

ކާޑެއްދޫ އެއާޕޯޓު އަނބުރާ ވިލާ އަށް ދީ އަދި ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް އުވާލީ، ސަރުކާރަށް ފާޑު ވިދާޅުވުން ގާސިމް ހުއްޓާލެއްވުމުންނެވެ. އަދި އޭގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވަނީ ސަރުކާރާ އެއްކޮޅަށް ބައެއް ކަންކަން ވެސް ކުރައްވައިފަ އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލައިގެ ތެރޭގައި ގާސިމް ހުންނެވީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮޅުގަ އެވެ. އަދި ސަރުކާރަށް ފާޑު ވިދާޅުވާން އަނެއްކާ ވެސް ފަށްޓަވާފައި ވާތީ، ޕީޕީއެމް ކޮންޓްރޯލް ކުރާ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ދަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެއާ އެކު، ގާސިމްގެ ވިޔަފާރިތަކަށް ދަތިތައް ކުރިމަތިކުރަަން ސަރުކާރުން ފަށާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫންގެ ފެކްޝަނުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތުކުރެ އެވެ.