10 މެއި 2021
ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާއާ އެކު ހެދި އެއްބަސްވުން ސަރުކާރުން އުވައިލީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެތަން ވިލާ އެއާ އަށް އަނބުރާ ދޭން ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާއާ އެކު ހެދި އެއްބަސްވުން ސަރުކާރުން އުވައިލީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެތަން ވިލާ އެއާ އަށް އަނބުރާ ދޭން ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް 2013 ގައި ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް ދީފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ. ވިލާ އެއާ އިން ދައުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ އެއްބަސްވުން އުވައިލީ ގޯސްކޮށް ކަމަށާއި އެހެންވެ އެތަން އަނބުރާ ދިނުމަށެވެ. ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ވިލާ އެއާ އަށް އޮންނާނެ ކަމަށެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކާޑެއްދޫ އެއާޕޯޓާ ގުޅޭ ބައެއް ކަންކަން އިސްލާހު ކުރަން ވިލާ އެއާ އަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ފުރުސަތު ދީފައި ވިޔަސް، އެއާޕޯޓް ހިންގުން ހުއްޓާލަން އެ އޮތޯރިޓީން އަންގާފައި ނުވާ ކަމަށެވެ. އެ އިންސްޕެކްޝަން ހެދިި ފަހުން ވެސް އެއާޕޯޓް ހިންގުމުގެ ލައިސަންސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާ ކޮށްދީފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ ޚިލާފަށް ކާޑެއްދޫ ހިންގިިކަން ސާބިތު ކުރަން މޯލްޑިވިއަން ކުންފުނީގެ އެސެސްމަންޓް ރިޕޯޓެއް ދައުލަތުން ހުށަހެޅިޔަސް، އެ ރިޕޯޓަށް ބިނާކޮށް އެއްވެސް ކަމެއް ސާބިތެއް ނުވެ އެވެ.
މޯލްޑިވިއަން އަކީ ވިލާ އެއާގެ ވާދަވެރިއަކަށް ވާތީ، އެ ރިޕޯޓް ބަލައިގަންނަން ވިލާ އެއާ އިން ދެކޮޅު ހަދާއިރު އަދި އެ ރިޕޯޓު ހެދި ބަޔަކު ކޯޓަށް ހާޒިރުކޮށް، އެ ރިޕޯޓާ ބެހޭގޮތުން ސުވާލު ކޮށްފައި ނުވާތީ އެ ރިޕޯޓަކީ ކަމެއް ސާބިތު ކުރުމަށް ފުދޭ ލިޔުމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ރިޕޯޓް ހެދި ފަހުން ވެސް މޯލްޑިވިއަންގެ ބޯޓުތައް ކާޑެއްދު އަށް ދަތުރު ކުރަމުން ގޮސްފައިވާތީ، އެ ރިޕޯޓްގައި ފާހަގަކުރާ ކަންކަމުގެ ސީރިއަސް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އޭގެެ ފަހުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ކާޑެއްދޫ ހިންގަން ހުއްދަ ދީފައި އޮތުމުން ވިލާ އެއާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އެކަން އިތުރަށް ސާބިތުކުރަން ދައުލަތުން މަސައްކަތް ކޮށްފައި ނެތް ކަމަށް ހުކުމުގައިވެ އެވެ. އާދައިގެ ކަންކަން އިސްލާހު ކުރަން އެންގުމަކީ އެއްބަސްވުމެއް ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން ސިވިލް ކޯޓާއި ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަމުން ދަނީ ރީޖަނަލް އެއާޕޯޓްސްގެ ދަށުންނެވެ.
ކާޑެއްދޫ އަތުލަން ސަރުކާރުން އުޅޭތީ ގާސިމް ހައިރާންވޭ!
ކާޑެއްދޫ އެއާޕޯޓުގެ ބަދަލު ނުހޯދަން ނިންމައިފި
ގާސިމްގެ ރައްދު:ކާޑެއްދޫ އެ ހިންގަނީ ކުރީގެ ހާލަތުގައި
އެއާޕޯޓް ނެގުން ހުއްޓުވުމުން ނުރައްކާވެދާނެ: ދައުލަތް
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި
ދައުވާކުރީ ނުހައްގު އެއްޗެއް ހޯދާކަށް ނޫން: ގާސިމް
ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސުޕްރީމް ކޯޓަށް
ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭން ކުރި ހުކުމް ރަނގަޅު
ކާޑެއްދޫ އެއާޕޯޓުގެ މަރާމާތަށް ބޮޑު ހޭދައެއް ކުރަނީ
ކާޑެއްދޫ އެއާޕޯޓު ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި