04 އެޕްރީލް 2021
ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ ވިލާ އެއާ އަތުން އަތުލި ގދ. ކާޑެއްދޫ އެއާޕޯޓް މިހާރު ވެސް ހިންގަނީ ކުރިން އޮތް ހާލަތުގައި ކަމަށް ވިދާޅުވެ، ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ދައުލަތަށް ރައްދު ދެއްވައިފި އެވެ.
ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ ވިލާ އެއާ އަތުން އަތުލި ގދ. ކާޑެއްދޫ އެއާޕޯޓް މިހާރު ވެސް ހިންގަނީ ކުރިން އޮތް ހާލަތުގައި ކަމަށް ވިދާޅުވެ، ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ދައުލަތަށް ރައްދު ދެއްވައިފި އެވެ.
ވިލާ އެއާއަށް ނޮވެމްބަރު، 2013 ގައި ސަރުކާރުން ދޫކުރި ކާޑެއްދޫ އެއާޕޯޓް 2017 ގައި ސަރުކާރުން ވަނީ އަތުލީ ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ނުފެތޭ ގޮތަށް އެއާޕޯޓް ހިިންގާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެތަން އަތުލީ އެއްބަސްވުމާ ޚިލާފަށް ކަމަށާއި އެހެންވެ، އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށެވެ. އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެއާޕޯޓް ހިންގަން ޖެހޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވިޔަސް، އޭގެ ހަތަރު އަހަރު ފަހުން 2017 ގައި އެއްބަސްވުން ބާތިލް ކުރުމާ ހަމައަށް ވެސް ވިލާ އެއާ އިން އެކަންކަން ފުރިހަމަ ނުކުރާ ކަމަށެވެ. ކާޑެއްދޫ ހިންގަން ވިލާ އެއާއަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކުރީ ވަގުތީ ލައިސަންސެއް ކަމަށާއި އެއްގޮތަށް އަމަލުކުރި ވެސް މިންގަނޑުތަކަށް އެތަން ނުފެތޭތީ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، އެ ހާލަތުގައި އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދައުލަތަށް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެއާޕޯޓް ހުއްޓާލަން ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭރު އަންގާފައި ނެތީ އެ ސަރަހައްދަށް ވައިގެ ދަތުރުފަތުރުތައް އެއްކޮށް ހުއްޓިގެންދިޔަ ނުދިނުމަށް ކަމަށެވެ. އަދި އެއާޕޯޓް ހުއްޓާލަން އަންގާފައި ނެތުމަކީ މިންގަނޑުތަކަށް އެތަން ފެތޭ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
އޭގެ ރައްދުގައި ގާސިމް ވިދާޅުވީ ދަތުރުތައް ހުއްޓިދާނެ ކަމަށް ބިރަށް ޓަކައި ކަމަށް ބުނެ، ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ ނުފެތޭ އެއާޕޯޓެއް ހިންގަން އެ އޮތޯރިޓީން ހުއްދަ ނުދޭނެ ކަމަށެވެ. އަދި ވިލާ އެއާ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލިތާ އެތައް އަހަރެއް ވީއިރު، މިހާރު ވެސް އެތަން އޮތީ ކުރިން އޮތް ހާލަތުގައި ކަމަށާއި ދައުލަތުން ދައްކާ ވާހަކަތަކުގައި އެއްވެސް އަގެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެ ދައްކަވާ ވާހަކަފުޅު އެއީ މާ ބޮޑު އަގެއް ހުރި ވާހަކައެއް ނޫންކަން އަގެއް ހުރި ވާހަކައެއް ނޫންކަން ސާބިތުކޮށް ދެނީ އަޅުގަނޑުމެން އެތަނުގައި ނެތަސް، އެއާޕޯޓް ރަނގަޅު ކުރަން ސްޓްރަކްޗަރަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ގެނައި ބަދަލެއް ނެތް އިނގޭތޯ." ގާސިމް ވިދާޅުވި އެވެ.
ވިލާ އެއާއިން ބުނީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ފެތޭތޯ ނުވަތަ ނޫންތޯ ނިންމޭނީ އެ އޮތޯރިޓީއަށް އެކަނި ކަމަށާއި އެކަމަކު އެއާޕޯޓް ހުއްޓާލަން އެއްވެސް އިރަކު އަންގާފައި ނެތް ކަމަށެވެ. އަދި ރަނގަޅު ކުރަން އަންގާފައިވަނީ އާންމު އުސޫލުން ކަންކަން ރަނގަޅު ކުރުމަށް ކަމަށާއި އެއީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ ޚިލާފަށް ކަންތައްތަކެއް ނަމަ، އެއާޕޯޓް ހުއްޓާލަން ނުވަތަ ސަސްޕެންޑް ކުރަން އަންގާފައި އޮންނާނެ ވިލާ އެއާއިން ބުންޏެވެ.
ވިލާ އެއާއިން ބުނީ މިންގަނޑުތަކާ ޚިލާފްވި ކަމަށް ބުނެ ދައުލަތުން ދައްކާ އެއް ސަބަބަކީ އެއާޕޯޓުގެ ފެންސުގެ 15 ޕަސެންޓް ފުރިހަމަ ނުވެ އޮތުން ކަމަށެވެ. އެކަމަކު ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކަން ފުރިހަމަ ކުރަން އޮތީ މުއްދަތު ދީފައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރަންވޭއަށް ގެއްލުންތަކެއް ހުރިކަމަށް ދައުލަތުން ބުނާއިރު، އެއީ އަބަދުވެސް ހުރިހާ އެއާޕޯޓްތަކެއްގައި ދިމާވާ މައްސަލަތަކެއް ކަމަށް ވިލާ އެއާއިން ބުންޏެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަން އިން ހެދި ރިޕޯޓެއްގައި ވެސް އެތަނަކީ ރައްކާތެރި އެއާޕޯޓެއް ކަމަށް ނިންމައި، ފްލައިޓްތައް ދަތުރު ކުރަމުންދިޔަ ކަމަށް ވިލާ އެއާއިން ބުންޏެވެ.
ވިލާ އެއާއިން ބުނިގޮތުގައި އެއްބަސްވުން އޮތްގޮތުން އެއްބަސްވުމާ ޚިލާފަށް ވިލާ އެއާއިން އަމަލު ކުރާ ނަމަ، އެކަން ސަރުކާރުން އެ ކުންފުނީގެ ސަމާލު ކަމަށް ގެންނަން ޖެހޭނެ އެވެ. އެހެންވެ، ސިވިލް އޭވިއޭޝަންގެ މިންގަނޑާ އެ ކުންފުނިން ޚިލާފްވި ކަމަށް ބުުނެ އެކަން ރަނގަޅު ކުރަން އަންގާފައި ނެތުމަކީ ވެސް އެ ކުންފުނިން އަމަލުކުރީ ރަނގަޅަށް ކަން ހާމަވާ ކަމެއް ކަމަށް ވިލާ އެއާއިން ބުންޏެވެ. ވިލާ އެއާ އިން އެދުނީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ދަމަހައްޓައި ދިނުމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިިރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.
ކާޑެއްދޫ މައްސަލާގައި ވިލާއަށް ސުޕްރީމް ކޯޓުން ކާމިޔާބު
ކާޑެއްދޫ އަތުލަން ސަރުކާރުން އުޅޭތީ ގާސިމް ހައިރާންވޭ!
ކާޑެއްދޫ އެއާޕޯޓުގެ ބަދަލު ނުހޯދަން ނިންމައިފި
ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސުޕްރީމް ކޯޓަށް
ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭން ކުރި ހުކުމް ރަނގަޅު
ކާޑެއްދޫ އެއާޕޯޓުގެ މަރާމާތަށް ބޮޑު ހޭދައެއް ކުރަނީ
އެއާޕޯޓް ނެގުން ހުއްޓުވުމުން ނުރައްކާވެދާނެ: ދައުލަތް
މާލެ އާއި ކާޑެއްދޫއާ ދެމެދު ފްލައިމީގެ ދަތުރުތަކެއް
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ