Roadha Mihaaru

ކާޑެއްދޫ އެއާޕޯޓަށް ހުވަނީގެ އުނދަގޫ ބޮޑުވެފައި

ގދ. ކާޑެއްދޫ އެއާޕޯޓުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައިވާ ވީޑިއޯތަކެއް އާންމުވެއްޖެ އެވެ.

ކާޑެއްދޫ އެއާޕޯޓަށް ހުވަނީގެ އުނދަގޫ ބޮޑުވެފައި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

15 މެއި 2025

ގދ. ކާޑެއްދޫ އެއާޕޯޓުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައިވާ ވީޑިއޯތަކެއް އާންމުވެއްޖެ އެވެ.

އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ އެ ރަށުގެ އެކި ތަންތަނުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައި އޮއްވާ އެވެ.

އޭނާ ބުނީ، ކުޑަކުދިންގެ ޕާކުގައި ވެސް ވަރަށް ބޮޑަށް ހުވަނި އަޅާފައިވާ ކަމަށާއި އެކަމަކު އަދިވެސް އެތަން އޮތީ ފުރަންދާ މީހުންނަށް ވަދެ، ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.

ކާޑެއްދޫގައި ހުވަނި އުޅޭތާ ގިނަ މިހާރު މަސް ދުވަސް ވެއްޖެ އެވެ. އެކަމަކު މި ދުވަސްވަރު ވަރަށް ބޮޑަށް ހުވަނީގެ އުނދަގޫ ބޮޑެވެ. ފަސިންޖަރުން އުޅޭ ސަރަހައްދާއި ކެންޓީން ކައިރީގައި ވެސް ހުވަނި ގިނަވެފައިވާ ކަމަށް އޭނާ ބުންޏެެވެ.

އެ ޕޯސްޓު އާންމުކޮށް އޭނާ ވަނީ ހެލްތު މިނިސްޓްރީ އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ އަދި ކާޑެއްދޫ އެއާޕޯޓު ހިންގާ ވިލާ އެއާލައިން ވެސް ޓެގްކޮށްފަ އެވެ.

ހުވަންޏަކީ އެ ޖެހުމުން މީހާގެ ގައި ވަރަށް ބޮޑަށް ހިރުވައި ކަހާ އަދި ގައިގައި އެ ޖެހޭ ހިސާބުގައި ފިތް ނަގާ އެއްޗެކެވެ.

ވިލާގެ ދަށުން ހިންގަމުން އަންނަ ކާޑެއްދޫ އެއާޕޯޓުގައި ހުވަނީގެ އުނދަގޫ އިންތިހާ އަށް ބޮޑުވިއިރު އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ބުންޏެވެ.

މިއީ ރާއްޖޭގެ އިތުރުން މި ހިސާބުގެ އެހެން ޖަޒީރާ ގައުމުތަކުގައި ވެސް ހުވަނީގެ އުނދަގޫ އާންމުކޮށް ވެސް ބޮޑު ދުވަސްވަރެކެވެ.