15 މާޗް 2021
ގދ. ކާޑެއްދޫ އެއާޕޯޓު، ވިލާ އެއާގެ އަތުން އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުން ކަމަށާއި އެކަން އެނގި ތިިބެ އަދިވެސް މި ސަރުކާރުން އެކަން ދިފާއު ކުރަމުންދާތީ ހިތާމަކުރާ ކަމަށް ކަމަށް ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. ކާޑެއްދޫ އެއާޕޯޓު، ވިލާ އެއާގެ އަތުން އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުން ކަމަށާއި އެކަން އެނގި ތިިބެ އަދިވެސް މި ސަރުކާރުން އެކަން ދިފާއު ކުރަމުންދާތީ ހިތާމަކުރާ ކަމަށް ކަމަށް ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު 50 އަހަރަށް ވިލާ އެއާ ކުންފުންޏަށް ދީފައި ވަނިކޮށް ޖެނުއަރީ، 2017 ގައި ޔާމީންގެ ސަރުކާރުން ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ. އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން 2019 ވަނަ އަހަރު އޮތީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުން ކާޑެއްދޫ އެއާޕޯޓް އަތުލީ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް އޭނާ ތެދުވެ ވަޑައިގަތުމުން ސަރުކާރުން ދިން ބޮޑު އަނިޔާއެއްގެ ތެރެއިން ކަމަށެވެ. އެއާޕޯޓް އަތުލީ އެއްބަސްވުމުގެ އެއްވެސް ކަމަކާ އެ ކުންފުނިން ޚިލާފުވެގެން ނޫން ކަމަށާއި އެކަން އެނގި ތިބެގެން މިހާރުގެ ބަންޑާރަ ނައިބުގެ ފަރާތުން އެކަން ދިފާއުކޮށް، އެ މައްސަލަ އިސްތިއުނާފު ކޮށްފައިވާތީ ހިތާމަ ކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ހައިރާންވޭ މިއަދު ސަރުކާރުގައި އިސްވެ ތިއްބެވި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން މި ދައުވާ ކުރައްވާއިރު، އެ ބޭފުޅުންނަށް ވެސް ސާފުކޮށް އެނގިވަޑައިގެން ތިއްބަވައިގެން މިކަމުގައި އިސްތިއުނާފު ކުރައްވައިގެން އުޅުއްވާތީ. ކަނޑައެޅިގެން ފާޅުކޮށް އެނގި އޮތް ކަމެއްގައި،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ލިސްޓުގެ ކުރީގައި އުޅުއްވި ގާސިމް ވިދާޅުވީ، ޔާމީންގެ ސަރުކާރުން ހިންގި އަނިޔާވެރިކަން އެނގިވަޑައިގަންނަވާނެ ބޭފުޅުން ފަނޑިޔާރުންގެ ބެންޗުގައި ވެސް އެބަތިއްބެވި ކަމަށެވެ. އެކަމަކު، އެ ވާހަކަތައް ހުއްޓުވައި، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މިއީ ކުރީގެ ސަރުކާރުގެ މައްޗަށް ހިންގާ ޝަރީއަތެއް ނޫން ކަމަށާއި އެހެންވެ، އެ ވާހަކަ ނުދެއްކެވުމަށެވެ.
ގާސިމް ވިދާޅުވިގޮތުގައި، ވިލާ އިން ކާޑެއްދޫ އެއާޕޯޓް ހިންގީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ އެއްގޮތަށެވެ. ކަންކަން އިސްލާހު ކުރަން ފުރުސަތު ދިނީ ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އަމިއްލައަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއާޕޯޓުގައި ފުރިހަމަ ނުވާ ކަމަށް ބުނާ ފަޔާ ލޮރީ ނުލިބުނީ އޭރުގެ ސަރުކާރުގެ ފިއްތުންތަކާ ހެދި ކުރިމަތިވި ކަންކަމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. އަދި އެއާޕޯޓް އަތުލިތާ ހަތަރު އަހަރު މިހާތަނަށް ވީއިރު ވެސް އެތަނުގެ ހާލަތު ބަދަލުވެފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ހަތަރު އަހަރު ވެގެންދާއިރު އަޅުގަނޑުމެންގެ އަތުން އެއާޕޯޓް އަތުލެއްވި ގޮތަށް އެ އޮތީ. އިތުރު އެއްވެސް ކަމެއް އެއާޕޯޓަށް ކުރައްވާފައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ދައުލަތުން ވިލާ އެއާއަށް ދޭންޖެހޭ ރަށް ސަރުކާރުން އެ ކުންފުންޏާ ހަވާލު ނުކުރާ ކަމަށާއި އެކަން މައްސަލަައަކަށް ނުވަނީތޯ ސުވާލު އުފެއްދެވި އެވެ. އެއީ ވެސް އެއްބަސްވުމުގެ މާއްދާއެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއީ އެގްރިމެންޓްގެ މާއްދާއަކާ ޚިލާފްވުން ކަމަށް ނުވޭތޯ؟. މިއީ ދައުލަތުން ކަނޑައެޅިގެން ޓަކައިގަތް މައްސަލައަކަށް ނުވޭތޯ؟." ގާސިމް ވިދާޅުވި އެވެ.
އެއްބަސްވުމުގެ ދަށުން ސަރުކާރުން ވިލާ އެއާއަށް ދޭންޖެހޭ ބ. މެންދޫ ކިޔާ ރަށުގެ ބޭނުމަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވުމުން ގާސިމް ވިދާޅުވީ އެއީ އެއާޕޯޓް ހިންގައިގެން ލިބޭ ގެއްލުންތައް ފޫބައްދަން ކުރި ކަމެއް ކަމަށެވެ.
ދައުލަތުން ބުނިގޮތުގައި އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފުވުމުން ކަމަށާއި އެއާޕޯޓް ހިންގަން ޖެހޭނީ އެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެއްބަސްވުމުގައި ސާފުކޮށް ބުނެފައިވާ ކަމަށެވެ. އެންމެ ލަސްވެގެން 2014 ވަނަ އަހަރުން ފެށިގެން އެކަންކަން ފުރިހަމަ ވާންޖެހޭއިރު، އޭގެ ތިން އަހަރު ފަހުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހެދި އޮޑިޓްގައި ވެސް އެކަންކަން ފުރިހަމަނުވާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަށް ވިލާއިން ދެކޮޅު ނަހަދާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ނުފެތޭ ގޮތަށް އެއާޕޯޓް ހިިންގުމަކީ އެއްބަސްވުމުގެ އަސާސީ މާއްދާއަކާ ވިލާ އެއާއިން ޚިލާފުވުމެވެ. އެއްބަސްވުމުގެ އަސާސީ މާއްދާއަކާ ޚިލާފްވާ އެ ހާލަތުގައި އެއްބަސްވުން ބާތިލް ކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ވިލާއަށް 156 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހުށަހެޅި ލިޔުންތަކުގައި ބުނެފައި ވިޔަސް، އޭގެ ސައްހަކަން މުޅިއަކުން ކަށަވަރު ނުވާ ކަމަށެވެ. އެ އަދަދު އައި ގޮތެއް ވިލާއިން ބުނެދީފައިނުވާ ކަމަށާއި އެއީ ލަފާކުރާ ލަފާ ކުރުމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއްބަސްވުން ދަމަހައްޓަން ވިލާ އެދިފައިވާއިރު، އެއްބަސްވުން ދަމަހައްޓަން އަމުރު ކުރަން ޖެހޭނީ ގެއްލުމުގެ ބަދަލު ދީގެން ވެސް ގެއްލުން ފޫނުބެއްދޭނެ ހާލަތްތަކުގައި އެކަނި ކަމަށް ދައުލަތުން ބުންޏެވެ.
ވިލާގެ ވަކީލުން ބުނީ އެއާޕޯޓް ހިންގުމުގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމުގެ ހައްގު އޮތީ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އެކަނި ކަމަށާއި އެކަމަށް ބަސް ބުނުމުގެ ހައްގު ދައުލަތުގެ އެހެން މުއައްސަސާއަކަށް ނޯންނާނެ ކަމަށެވެ. އަދި އެއްބަސްވުން ބާތިލް ކުރުމާ ހަމައަށް ވެސް، ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިލާ އެއާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި ހަމައެކަނި އޮތީ ކަންކަން ރަނގަޅު ކުރަން ދިން ފުރުސަތެއް ކަމަށް ވިލާގެ ވަކީލުން ވިދާޅުވި އެވެ.
ވިލާގެ ވަކީލުން ބުނިގޮތުގައި ސިވިލް އޭވިއޭޝަނުން އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ނުވަތަ ލައިސަންސް ބާތިލް ނުކުރުމަކީ އެ އެއްބަސްވުމާ ވިލާ އެއާއިން ޚިލާފް ނުވާކަން ހާމަވާ ކަމެކެވެ. އަދި އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަންގެ އިންސްޕެކްޝަން ހެދިތާ ދެ މަސް ފަހުން ކަމަށާއި އެހާ ސީރިއަސް ކަންތައްތަކެއް ހުރި ނަމަ ވަގުތުން ވަގުތަށް ސަރުކާރުން އެ އެއްބަސްވުން ބާތިލް ނުކުރީ ކީއްވެގެންތޯ ވިލާގެ ވަކީލުން ސުވާލު އުފެއްދެވި އެވެ.
އެއާޕޯޓްގެ ފެންސް ހަރުކޮށްފައި ނެތުން މައްސަލައެއްގެ ގޮތުގައި ދައުލަތުން ފާހަގަ ކޮށްފައިވާތީ އޭގެ ރައްދުގައި ވިލާގެ ވަކީލުން ބުނީ އެ ކުންފުނިން އެއާޕޯޓާ ހަވާލުވުމުގެ ކުރިން 21 އަހަރު ވަންދެން އެތަން ހިންގީ ވެސް ފެންސް ހަރުނުކޮށް ކަމަށެވެ. އެހެންވެ، އޭރު އެކަން މައްސަލައަކަށް ނުވީ ކީއްވެގެންތޯ ވަކީލުން ސުވާލު އުފެއްދެވި އެވެ. އަދި އެއާޕޯޓުގައި ފަޔާ ވެހިކަލް ނެތުމުގެ މައްސަލަ ދައުލަތުން ފާހަގަ ކުރިޔަސް، އެއީ އެއާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރުވާނެ ކަމަށް ލަފާކޮށް، އިތުރު ފަޔާ ވެހިކަލެއް ގެނައުން ކަމަށް ވިލާގެ ވަކީލުން ބުންޏެވެ. އަދި ރަންވޭ ހަލާކުވުމުގެ މައްސަލަ ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ވެސް ދިމާވާ ކަމަށާއި އެހެންވެ، އެތަން އަތުނުލަނީ ކީއްވެގެންތޯ ވިލާގެ ވަކީލުން ސުވާލު އުފެއްދެވި އެވެ.
ވިލާ ކުންފުނީގެ ވަކީލުން ވިދާޅުވީ އެ ކުންފުންޏަށް 156 މިލިއަން ޑޮލަރު ގެއްލުމެއް ލިބިފައި ވިޔަސް، ގެއްލުމުގެ ބަދަލު މި މައްސަލާގެ ތެރެއިން ހޯދަން ވިލާއިން ބޭނުންނުވާ ކަމަށާއި އެ ކުންފުނިން ބޭނުންވަނީ ގެއްލުމުގެ ބަދަލަށް ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ. އަދި ދަށު ކޯޓާއި ހައި ކޯޓުގައި ވެސް އެ ކުންފުނިން އެދުނީ އެގޮތަށް ކަމަށް ވިލާގެ ވަކީލުން ބުންޏެވެ.
ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ ވިލާ އަށް އެ ފުރުސަތު ނުދެވޭނެ ކަމަށް ދައުލަތުން ބުނާ ބުނުމަށް ރައްދުދީ، ވިލާގެ ވަކީލުން ބުނީ ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމި މައްސަލައެއްގައި ވެސް ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ ފުރުސަތު ދޭން ހުރަހެއް ނެތް ކަމަށް އެ ވަކީލުން ބުންޏެވެ.
ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ބައްލަވާ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ. އެ ބެންޗުގެެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.
ކާޑެއްދޫ މައްސަލާގައި ވިލާއަށް ސުޕްރީމް ކޯޓުން ކާމިޔާބު
ކާޑެއްދޫ އެއާޕޯޓުގެ ބަދަލު ނުހޯދަން ނިންމައިފި
ގާސިމްގެ ރައްދު:ކާޑެއްދޫ އެ ހިންގަނީ ކުރީގެ ހާލަތުގައި
އެއާޕޯޓް ނެގުން ހުއްޓުވުމުން ނުރައްކާވެދާނެ: ދައުލަތް
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި
ދައުވާކުރީ ނުހައްގު އެއްޗެއް ހޯދާކަށް ނޫން: ގާސިމް
ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސުޕްރީމް ކޯޓަށް
ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭން ކުރި ހުކުމް ރަނގަޅު
ކާޑެއްދޫ އެއާޕޯޓުގެ މަރާމާތަށް ބޮޑު ހޭދައެއް ކުރަނީ
ކާޑެއްދޫ އެއާޕޯޓު ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި