Roadha Mihaaru
20 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލެއް ފަރެސްމާތޮޑާގައި

20 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލެއް ފަރެސްމާތޮޑާގައި އަޅަނީ

28 މެއި 2024

ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދުގައި ހަދާ ޓޫރިޒަމް ޒޯންގައި ސިޓީ ހޮޓަލެއް އަޅަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބަޔަކާ ހަވާލުކޮށްފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދުގައި ހަދާ ޓޫރިޒަމް ޒޯންގައި ސިޓީ ހޮޓަލެއް އަޅަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބަޔަކާ ހަވާލުކޮށްފި އެވެ.

އާރްއޭސީއެލް އިން އެ ޕްރޮޖެކްޓް ހަވާލުކުރީ، ސިލްވާ ލޭންޑް ހޮޓެލްސްއާ އެވެ. އެ އެއްބަސްވުމުގައި އާރްސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖްމެންޓް ހެޑް އިބްރާހިމް މުހައްމަދެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން، އެއާޕޯޓާ އިންވެގެން އޮންނަ ހުސްބިމުގައި އިމާރާތްކުރާނީ 100 ކޮޓަރީގެ ހޮޓަލެކެވެ. އެ ސިޓީ ހޮޓަލުގެ ސަބަބުން ފަރެސްމާތޮޑާގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ 200 މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން މުބީން ވިދާޅުވީ، ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ޕްރޮޖެކްޓްގެ މަސައްކަތް ފަށާނެ ކަމަށެވެ. މި ހޮޓަލަށް ގާތްގަނޑަކަށް 20މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މުބީން ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރު ވެސް ހަތް އެއާޕޯޓެއް ހިންގަމުން އަންނަ އިރު، އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި ސިޓީހޮޓާތައް އަޅައި ރައްޔަތުންނަށް އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދޭން އެކުންފުނިން މަސައްކަތް ކުރާނެ އެވެ.