Roadha Mihaaru

ފަޔަ ލޮރީ ހަލާކުވެ ފުވައްމުލަކު އެއާޕޯޓުގެ ދަތުރުތައް މެދުކެނޑިއްޖެ

ފަޔަ ލޮރީއަށް މައްސަލައެއް ދިމާވެ ފުވައްމުލަކު އެއާޕޯޓު ވަގުތީގޮތުން ބަންދުކޮށްފި އެވެ.

ފަޔަ ލޮރީ ހަލާކުވެ ފުވައްމުލަކު އެއާޕޯޓް ހުއްޓުމަކަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

02 ސެޕްޓެމްބަރ 2025

ފަޔަ ލޮރީއަށް މައްސަލައެއް ދިމާވެ ފުވައްމުލަކު އެއާޕޯޓު ވަގުތީގޮތުން ބަންދުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް އުވާލުމުގެ މަސައްކަތް ފެށުމުން މިހާރު އެމްއޭސީއެލް އިން ހިންގަން ފަށާފައިވާ އެ އެއާޕޯޓަށް ދަތުރުކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަނުން އެކަންޏެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން އިއްޔެއިން ފެށިގެން ބަންދުކުރަން ނިންމީ ފަޔަ ލޮރީއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް އުވާލުމުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ވެސް ގްރައުންޑް ހޭންޑްލިން އާއި ފަޔަ ފައިޓިން ހޭންޑްލިން ސާމާނުގެ ހާލަތު ބަލަން ފަށާފައިވާ ކަމަށެވެ.

"އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. އަޅުގަނޑުމެން ގެންދިޔައީ އިމަޖެންސީކޮށް އެއްޗެހި ގަތުމުގެ ޕްރޮސެސްއެއް ފައްޓައިގެން. އެކަމަކު ފަޔަ ފައިޓިން އެއްޗެހި ގަންނައިރު ވަރަށް ބައިވަރު ކަންކަން އެބަ ބޭނުންވޭ ކަސްޓަމައިޒް ކުރަން،" ޝަރީފް ވިދާޅުވި އެވެ.

އެއާޕޯޓުތަކާ ހަވާލުވި ގޮތަށް އެ ތަކެތި ގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު އެއާޕޯޓަށް ދިމާވެގެން އުޅޭ މައްސަލަ ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެ އެއާޕޯޓުގައި އޮންނަ ފަޔަ ޓްރަކް، ރަންވޭ މަތީގައި އޮއްވައި އިންޖީނު ހަލާކުވެގެން ހުއްޓުނީ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްގެ ޓެކްނިކަލް ޓީމް ރޭ އައްޑޫމަގުން ފުވައްމުލަކަށް ފޮނުވާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލަ ހައްލު ކުރެވޭނެ އިރެއް ނޭނގޭ ކަމަށާއި މަސައްކަތްކުރަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށް ހިދުމަތް ދޭން ކަމަށެވެ.

މޯލްޑިވިއަންއިން ވަނީ ފުވައްމުލަކުގެ ދަތުރުތައް ހުއްޓުމަކަށް އައިސްފައިވާތީ، އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް އެދިފަ އެވެ.