Roadha Mihaaru

އެއްބަސްވުން އުވާލައި އެމްޓީސީސީއާ ހަވާލުކޮށްގެން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި

ބ. ތުޅާދޫ އެއާޕޯޓް އަޅަން ހަވާލުކުރި ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރާތީ، އެއްބަސްވުން އުވާލުމަށް ފަހު، އެމްޓީސީސީއާ ހަވާލުކޮށްގެން މިއަދު މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 އޯގަސްޓް 2025

ބ. ތުޅާދޫ އެއާޕޯޓް އަޅަން ހަވާލުކުރި ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރާތީ، އެއްބަސްވުން އުވާލުމަށް ފަހު، އެމްޓީސީސީއާ ހަވާލުކޮށްގެން މިއަދު މަސައްކަތް ފަށައިފި އެވެ.

އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން އުވާލައި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އިއްޔެ އެވެ. އެއްބަސްވުން އުވާލުމާ ހަމައަށް ބިން ހިއްކުމުގެ މަސައްކަތެއް އެ ކުންފުނިން ނުކުރެ އެވެ.

ކުރީގެ ސަރުކާރުން ޖުލައި 2023 ގައި އެ މަސައްކަތް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތު އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވިޔަސް އެ މަސައްކަތް ކުރިއަކަށް ނުގެންދެ އެވެ.

އެއީ، އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ހަދަން ނޮވެމްބަރު 22 ގައި އިބޫގެ ސަރުކާރުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

ތުޅާދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު މިއަދު ފައްޓަވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ތުޅާދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު މިއަދު ފައްޓަވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ތުޅާދޫ ރައްޔިތުން ބޭނުންވާ ގޮތަށް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ، އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އޮގަސްޓް މަހު ތުޅާދު އަށް ވަޑައިގެން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެހާ ހިސާބަށް ވެސް މަސައްކަތް ކުރިއަށް ނުދާ އެއާޕޯޓް އެ މަނިކުފާނުގެ ވެރިކަމެއްގައި ނިންމާނެ ކަމަށެވެ.

އެމްޓީސީސީއާ އިއްޔެ އެ މަސައްކަތް ހަވާލުކުރީ 570,260,350.80ރ. އަށެވެ. ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމަން ޖެހޭ މުއްދަތަކީ 660 ދުވަހެވެ.

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވަނީ ތުޅާދޫގައި ހަދަނީ 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ކަމަށެވެ. އަދި އެއީ ކޯޑް 3C ގެ ރަންވޭއެއް ކަމަށް ވެސް ބުންޏެވެ.

"އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމްކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1،677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހިގެން ދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ބުނީ، ތުޅާދޫގައި އެއާޕޯޓެއް އަޅަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ގައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގަ ފުޅާކުރަން ކަމަށެވެ.