Roadha Mihaaru
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ

އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސައެއް ނުލާނެ: މުއްތަލިބު

30 ޖުލައި 2024

އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މަސައްކަތްތައް ފަށާފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. އެކަމަކު ސޮއިކޮށް، އަމަލީ މަސައްކަތް ފަށާފައި ނުވާ މަޝްރޫއުތައް މި ވަގުތު ނުފަށައި، އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި އެގޮތަށް ސަރުކާރުން ނިންމީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާތީ އެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ބަޖެޓު އެކުލަވާލިއިރު، އޭރުގެ ސަރުކާރުން ހިޔާލު ހޯދި ނަމަވެސް މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނާފައި ނެތެވެ. އެހެންވެ، ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރި ކަމަށް އެ މަނިކުފާނު ވެސް ވިދާޅުވެފައި ވެ އެވެ.