Roadha Mihaaru

ރަސްމާލެ ހިއްކުމުގެ މަޝްރޫއުއާ ގުޅިގެން އެމްޓީސީސީ އަށް 1.6 މިލިއަން ޑޮލަރު ދޭން ސީއެމްސީސީއަށް ހުކުމެއް

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ހިއްކި 10 ހެކްޓަރުގެ ބިން ހިއްކުމުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު (24 މިލިއަން ރުފިޔާ) އެމްޓީސީސީ އަށް ދެއްކުމަށް އެ މަސައްކަތާ ހަވާލުވި ބޭރުގެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެމްޓީސީސީއަށް 1.6 މިލިއަން ޑޮލަރު ދިނުމުގެ ހުކުމެއް

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ހިއްކި 10 ހެކްޓަރުގެ ބިން ހިއްކުމުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު (24 މިލިއަން ރުފިޔާ) އެމްޓީސީސީ އަށް ދެއްކުމަށް އެ މަސައްކަތާ ހަވާލުވި ބޭރުގެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރަސްމާލެ ނަމުގައި ތަރައްގީކުރާ ކ. ފުށިދިއްގަރު ފަޅުން ބިން ހިއްކުމަށް ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ) އާ ހަވާލުކޮށްގެން ޑިސެމްބަރު، 2023 ގައި ފެށި އެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކީ އެމްޓީސީސީންނެވެ.

ސީއެމްސީސީސީއާ އާއި އެމްޓީސީސީއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން އެ މަސައްކަތުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު ސީއެމްސީސީސީން ނުދައްކާތީ އެމްޓީސީސީން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ސީއެމްސީސީން އެއްބަސްވެފައިވާތީ އެއީ ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން އެއް މަސް ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށް ހުކުމުގައި އަންގާފައި ވެ އެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އޭރު ސަރުކާރުން ބުނެފައިވަނީ 8 މަސް ތެރޭގައި އެ ތަން އެއްކޮށް ހިއްކައި، ނިމޭނެ ކަމަށެވެ. އެޗްޑީސީން އެންމެ ފަހުން ހާމަކުރި ގޮތުން ނަމަ މިދިޔަ އޭޕްރީލް 13 ވަނަ ދުވަހާ ހަމައަށް ހިއްކައި ނިމުނީ 100 ހެކްޓަރުގެ ބިމެވެ. އެއީ ހުޅުމާލެ 1 ގެ ދެބައިކުޅަ އެއްބަޔަަށް ވުރެ ބޮޑު ސަރަހައްދެކެވެ.

ސީއެމްސީސީސީއާ ހަވާލުކޮށްގެން ސައިޓް ޖޭގެ 29 ހެކްޓަރުގެ ބިން އަދި އެމްއެމް އެކްސްޕޯޓާ ހަވާލު ކޮށްފައިވާ ސައިޓް ޑީ، އެފް، ޖީ، އަދި އެލްގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން 72 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެޗްޑީސީން މިދިޔަ އޭޕްރީލް މަހު ވަނީ ބުނެފަ އެވެ.

ފުށިދިއްގަރުފަޅު ތަރައްގީ ކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތް ކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ. އެއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުހެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ ތަރައްގީކޮށް އެ ތަނުން 11،000 ގޯއްޗާއި 26،000 އަށް ވުރެ ގިނަ ފްލެޓު ދޫކުރާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އެއީ 240،000 އަށް ވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް އެކި މަސައްކަތް ކުރާނެ އެވެ.

ކ. ފުށިއްގަރުފަޅު، "ރަސް-މާލެ"ގެ ނަމުގައި ތަރައްގީކުރަން، ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. އެކަމަކު، ތަފާތު ދަތިތައް ދިމާވެ، އެންމެ އެކަށީގެންވާ ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ނުގެންދެވެ އެވެ.