Roadha Mihaaru
މަޝްރޫއުތައް ދާނީ ގާހުދުވުމުގެ މައްސަލަ އަށް ބަލައިގެން

މަޝްރޫއުތައް ކުރިއަށްދާނީ ގާހުދުވުމުގެ މައްސަލަ އަށް ވިސްނައިގެން: އެމްޓީސީސީ

15 މެއި 2019

އެމްޓީސީސީން ބިން ހިއްކައި ފަޅުފުންކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ ގާ ހުދުވުމުގެ މައްސަލަ ވިސްނައިގެން ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޓީސީސީން ބިން ހިއްކައި ފަޅުފުންކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ ގާ ހުދުވުމުގެ މައްސަލަ ވިސްނައިގެން ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

ގާހުދުވުމުގެ ނުރައްކަލާ އެކު ތަރައްގީގެ މަޝްރޫއުތައް ވަގުތީގޮތުން މަޑުޖައްސާލަން މެރިން ރިސާޗް ސެންޓަރުން އިލްތިމާސްކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ފަޅުފުންކުރުމާއި ބިންހިއްކުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

އެ މަޝްރޫއުތައް އެންމެ ގިނައިން ކުރިއަށްގެންދާ ކުންފުނީގެ ސީއީއޯ ވިދާޅުވީ، ގާހުދުވުމުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ މަސައްކަތްތައް އަދި މަޑުޖައްސާލައިފައި ނުވާ ކަމަށެވެ. ނަމަވެސް ޓައިމްލައިނެއް ހަދައިގެން މަސައްކަތް ކުރަނީ، އެންވަޔަރްމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގައި ބަޔާންކުރާ ގޮތަށްކަން ފާހަގަަކުރެއްވި އެވެ.

އެ ކުންފުނިން މިހާރު ވެސް އަންނަނީ ހއ. ހޯރަފުށީގެ އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ގދ. މާވަރުލު އެއާޕޯޓުގެ މަސައްކަތާއި ހދ. ކުޅުދުއްފުށީ ހާބަރު ބޮޑުކުރުމާއި އއ. ރަސްދޫގައި ވެސް ބޮޑުހިލަ ޖެހުން ހިމެނެ އެވެ.

އޭނާ ވިދާޅުވީ މަހާޖައްރާފު ބޭނުންކޮށްގެން ވެލި ނަގަނީ ގާތްގަނޑަކަށް 25 މީޓަރު އަޑިން ކަމަށެވެ. ހޮޅި ލައިނުން ވެލިނަގައިގެން، ހިއްކަން ބޭނުންވާ ތަނަކަށް ވެލި އަޅަނީ ބަންޑުވޮލް ޖަހައިގެންނެވެ. އޭގެ ސަބަބުން، އެ މަސައްކަތުން އެހެން ސަރަހައްދުތަކަށް ކުރާ އަސަރު ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފަރެއް ހުދުވެފައި.-- ފޮޓޯ: އެކްސެލް ކެޓްލިން ސީވިއު ސާވޭ

ރާއްޖޭގެ ފަރެއް ހުދުވެފައި.-- ފޮޓޯ: އެކްސެލް ކެޓްލިން ސީވިއު ސާވޭ

ވެލި ނަގައިގެން ރަށާ ކައިރިން ވެލި ޖަހަނީ 700-800 މީޓަރުގެ ހޮޅިލައިނަކުންނެވެ.

"އެގޮތަށް މަސައްކަތް ކުރިކަމުގައި ވިއަސް ގެއްލުން ލިބޭނެ. އެކަމަކު ގެއްލުން ލިބޭ ވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" ޝާހު ވިދާޅުވި އެވެ.

މެރިން ރިސާޗް ސެންޓަރުން މިިދިޔަ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ)އާ ހަވާލާދީ ބުނީ ނޮއާއިން ހިންގާ ނޭޝަނަލް އެންވަޔަރަންމެންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮމޭޝަން ސާވިސް ޕްރޮގްރާމުން ބަލާ މިންގަނޑުން ގާ ހުދުވުމުގައި ރާއްޖެ މިހާރު އޮތީ ވޮޗް ލެވެލްގައި ކަމަށެވެ.

އެއީ ގާ ހުދުވުމުގެ ދެވަނަ ގިންތި އެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާތަކުގައި ރާއްޖެ "ވޯނިން ލެވެލް" އަށް އަރާނެ ކަމަށް ލަފާ ކުރާ އިރު ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދު ތައް އެލާޓް ލެވެލް 1 އަށް އަރާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.