Roadha Mihaaru
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުން ތިމާވެއްޓަށް ލިބޭނެ: ޖަމިއްޔާތައް

15 ފެބުރުއަރީ 2022

އައްޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ފަށަން އުޅޭ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ސަބަބުން އެ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ފަށަން އުޅޭ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ސަބަބުން އެ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.

އައްޑޫން 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ. އެ މަޝްރޫއު މިހާރު ވެސް އޮތީ ބަޔަކަށް އެވޯޑުކޮށް މަސައްކަތް ފަށައިގަންނަ ހިސާބުގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ބިން ހިއްކުމާ ދެކޮޅަށް ތެދުވީ ޓްރާންސްޕޭރެންސީގެ އިތުރުން ސޭވް މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި މޯލްޑިވްސް ރިސިލިއަންޓް ރީފްސް އާއި ލޭންޑް ސީ މޯލްޑިވްސް އަދި އިކޯކެއާ މޯލްޑިވްސް އިންނެވެ.

އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ މި މަޝްރޫއު އަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ އިރު، މިކަމަށް ބޭނުންވާ ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުން ކަމަށެވެ. އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓް ސަރަހައްދަކަށް ވުމުން، އޭގެ ސަބަބުން އައްޑޫ އަތޮޅު ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

ޖަމިއްޔާތަކުގެ ކަންބޮޑުވުމަކީ އެހާ ގިނަ އަދަދެއްގެ ވެލި ނަގައި ބިން ހިއްކުމުން އެ ސަރަހައްދު މުޅިން ކިލަނބުވެ، ކަނޑުގައިވާ މުރަކަ ފަރުތަކާއި މަސްމަހާމެހީގެ ވެށިތައް ހަކާލުވެ، ދިރުންތައް މަރުވުމުގެ ބިރު އޮތުމެވެ.

އެ އަތޮޅު އުފެދިފައިވާ ގޮތުން މާކަނޑަށް ވަދެ ނުކުމެވޭ ހަތަރު ކަނޑުއޮޅި އޮންނައިރު ދެ މޫސުމުގައި ވެސް އަތޮޅުގެ އޮއިވަރު އޮންނަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމުން، ވެލި ނަގާ ސަރަހައްދުގައި އުފެދޭ ކިލަނބުގަނޑު ސާފުނުވެ ދިގު މުއްދަތެއް ވަންދެން އޮތުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އީއައިއޭ ރިޕޯޓްގެ މައްޗަށް ބިނާކޮށް، ބަޔާނުގައި ވަނީ އެ ޖަމިއްޔާތަކުގެ ގިނަ ކަންބޮޑުވުންތަކެއް އޮއްސާލައިފަ އެވެ.

ޖަމިއްޔާތަކުގެ ކަންބޮޑުވުންތައް

- އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި މި މަޝްރޫއުގެ ސަބަބުން 21 ހެކްޓަރުގެ މުރަކައަށާއި 120 ހެކްޓަރުގެ މޫދު ވިނައިގެ މައްޗަށް ކިސަޑު އެޅޭނެ.

- އައްޑޫގެ ބަޔޮސްފިޔާ ރިޒާވް ހަލާކުވެ، ވެލި ނަގާ ސަރަހައްދުތަކާ ކައިރީގައި ހިމަޔާތްކޮށްފައިވާ ތަންތަން ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް) އާއި ކޯމަހާއި ވެލަޔާއި މަޑި ފަދަ ދިރުންތައް ކުޑަކަނޑުގެ ސަރަހައްދަށް ގެއްލުން ވާނެ.

- ޑައިވް ޕޮއިންޓެއް ކަމަށްވާ ބްރިޓިސް ލޯޔަލްޓީ ޝިޕްރެކް ސަރަހައްދުން ފެންނަ މިޔަރު ފަދަ ދިރުންތައް މަދުވާނެ

- ކަނޑުގެ ދިރުންތަކަށް ގެއްލުންވުމުން މިހާރު ވެސް ވަރަށް ހާލުގައި އޮތް އައްޑޫގެ ޓޫރިޒަމަށް 17 އާއި 27.4 މިލިއަން ޑޮލަރާ ދެމެދުގެ އަދަދު ގެއްލުން ވާނެ ކަމަށް އަންދާޒާކުރެވޭ.

މީގެ ކުރިން ވެސް އައްޑޫގައި ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ގެއްލުންތައް ވެފައިވާ ކަމަށާއި އެގޮތުން ފޭދޫގެ ބިން ހިއްކުމުގެ ފަހުން އެ ސަރަހައްދުގެ އެތެރެވަރި ކިލަނބުވެ، މަސްވެރިކަން ދަތިވި ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ ސަރަހައްދުން އެންވެރިކަން ދަށްވެ، މަސްވެރިން އެންވެރިކަމަށް ހުވަދޫ އަތޮޅަށް ދާން ޖެހުނު ކަމަށާއި މި މަޝްރޫއުގެ ސަބަބުން ވެސް އެފަދަ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރަށް މި ހުރިހާ ކަމެއް އެނގެ ތިބެ، މި މަޝްރޫއު ކުރިއަށް ގެންދިއުމަކީ ރައްޔިތުން ނޭނގުމެއްގެ ތެރޭގައި ބައިތިއްބާ ފަހުން އޭގެ ދަތި އުނދަގޫ ތަހައްމަލުކުރަން ޖެހޭނެ ކަމެއް ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

އައްޑޫން ބިން ހިއްކަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ހިއްކަން ހަމަޖެހިފައިވާ 90 ހެކްޓަރު، މަރަދޫ/މަރަދޫފޭދޫން 75 ހެކްޓަރު އަދި ހުޅުދު އާއި މީދޫން 38 ހެކްޓަރުގެ ބިމެވެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓޫރިޒަމަށް އައްޑޫ ހުޅުވާލަން ބޭނުންވާ ބިން ހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުން 25 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ.

އައްޑޫ ފޭދޫގައި ހުރި ޗަސްބިންތަކަށް ވެލި އަޅައިގެން ހިއްކުމުގެ މަސައްކަތް ވެސް މި މަހު ވަނީ ފަށައިފަ އެވެ.