Roadha Mihaaru

ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ފަށަން ކައުންސިލުން ގޮވާލައިފި

ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށާއި އެ މަސައްކަތް ފަށަން އެ ރަށު ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

ދޮންފަނުގެ ބިން ހިއްކަން ފަށަން ކައުންސިލުން ގޮވާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

09 ސެޕްޓެމްބަރ 2025

ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށާއި އެ މަސައްކަތް ފަށަން އެ ރަށު ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

މިދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދޮންފަނަށް ވަޑައިގެން އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ނަމަވެސް، 2009 އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭ އޮންނަނީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި ކަމަށް ވާތީ އެ މަޝްރޫއު ހުއްޓާލުމަށް ގޮވާލައި އާއްމުންނާއި ޖަމިއްޔާތަކުން ދިޔައީ ގޮވާލަމުންނެވެ. އެތައް ބައެއްގެ ކަންބޮޑުވުންތަކާ ހެދި ރައީސް ވަނީ ދޮންފަނުގެ ބިން ނުހިއްކާނެ ކަމަށް މިއަދު އިއުލާންކުރައްވައިފަ އެވެ. އެކަމާ ގުޅިގެން ދޮންފަނުގައި މިއަދު މުޒާހަރާ ޥެސް ކުރި އެވެ.

ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބިން ހިއްކަން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން އެ މަނިކުފާނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކަމަކު، އެމްޑީޕީގެ ތިން މެމްބަރުންނާއި އަމިއްލަ ދެ މެމްބަރުން ހިމެނޭ ދޮންފަނު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ނިންމީ އާއްމުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ.

ބިން ހިއްކަން ރަށުގެ އާއްމުން ބޭނުން ނުވާ ކަމަށް ވިދާޅުވެފައިވާތީ ރައީސް އިތުރުފުޅު ހެއްދެވީ ކަމަށް ބުނެ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

"ދޮންފަނުގެ ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއެއް ކަމަށްވާއިރު ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށް މި ފަދަ ނިންމުމެއް ނިންމުމަކީ ރައްޔިތުންނާއި މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

"ރައްޔިތުންނާއި ކައުންސިލްގެ އެދުމާ ދެކޮޅަށް މި ނިންމެވި ނިންމެވުން އަނބުދާ ގެންދިއުމަށާއި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްވެސް ދަތިކަމެއްވާނަމަ އެކަމެއް ހައްލުކޮށްދެއްވައި ރައްޔިތުން އެދިފައިވާ ގޮތަށް ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

ދޮންފަނުން އެންމެ ފަހުން ގޯތި ދޫކުރީ 2011 ގަ އެވެ. ރައްޔިތުން އެދުމުގެ މަތިން ސަރުކާރުން ނިންމީ، އެ ރަށުގައި 13 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މިއީ ގާތްގަނޑަކަށް ރަށުގެ ސައިޒަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.