Roadha Mihaaru

ބިން ނުހިއްކަން ނިންމުމުން ދޮންފަނު ރައްޔިތުން މުޒާހަރާ ކުރަނީ

ބ. ދޮންފަނުގެ ބިން ހިއްކަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، އެރަށުގެ ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމާ އެކު ދޮންފަނުގެ ރައްޔިތުން ނިކުމެ އެރަށުގައި މުޒާހަރާކުރަން ފަށައިފި އެވެ.

ބިން ނުހިއްކަން ނިންމުމުން ދޮންފަނުގައި މުޒާހަރާކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

09 ސެޕްޓެމްބަރ 2025

ބ. ދޮންފަނުގެ ބިން ހިއްކަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، އެރަށުގެ ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމާ އެކު ދޮންފަނުގެ ރައްޔިތުން ނިކުމެ އެރަށުގައި މުޒާހަރާކުރަން ފަށައިފި އެވެ.

ދޮންފަނު ކައުންސިލުގެ ރައީސް އަހުމަދު އިރުޝާދު، "މިހާރު" އަށް ވިދާޅުވީ ރައީސްގެ އެ ނިންމެވުމާ އެކު ކައުންސިލް އިދާރާ ދޮށަށް އެރަށުގެ ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރަމުންދާ ކަމަށެެވެ. އެމީހުން ގޮވާލަމުން ދަނީ ބިން ހިއްކުން އަވަސް ކުރުމަށެވެ.

އޭނާ ވިދާޅުވީ ރަށުގެ ބިން ނުހިއްކަން ނިންމުމުގެ ކުރިން އެރަށުގެ ރައްޔިތުންނާއި ކައުންސިލާ ވެސް ސަރުކާރުން މަޝްވަރާ ކޮށްފައިނުވާ ކަމަށާއި އަދި މުޒާހަރާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ އެހެންވެ ކަމަށެވެ.

މިއަދު ހެނދުނު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަން އެގްރީމަންޓްގައި މިދިޔަ މަހު ސޮއިކުރި ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން އެ މަޝްރޫއު ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށެވެ.

"ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެންކަމުން، އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ޕޯސްޓުގައިވެ އެވެ.

މިދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ދޮންފަނަށް ވަޑައިގެން އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ހަނިފަރު އޮންނަނީ ދޮންފަނާއި ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ކައިރީގަ އެވެ. ސަރުކާރުން 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުގައި، ދުނިޔެއިން ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުންތައް ވެސް އުޅޭތީ އެއީ މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.

ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ. ގުދުރަތީ މާހައުލު އެހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. އަދި އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.

އެފަދަ މުހިއްމު ސަރަހައްދެއް އޮއްވާ ދޮންފަނުގެ ބިން ހިއްކައިފި ނަމަ، ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ ޕްރޮޖެކްޓް ހިންގުން ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި ވެސް ގެންދިޔައީ ސޮއި ކުރަމުންނެވެ. އަދި ބ. އަތޮޅުގައި ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކާއި ތިމާވެށީގެ ޖަމިއްޔާތަކުން ވެސް އައީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިރުޝާދު ވިދާޅުވެފައިވާ ގޮތުގައި ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގައި ބޯހިޔާވަހިކަން ބޭނުންވާ 100 އެއްހާ މީހުން މިވަގުތު އެބަ ތިއްބެވެ. ދޮންފަނުގެ ބިން ފުރި ގޯތި ނުދެވޭ ހިސާބަށް ގޮސްފައި ވާތީ، ސަރުކާރުން އެ އެންމެނަށް ކޮންމެވެސް ގޮތެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.