ބ. ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދު، ކަނޑުމަތީގައި މުޒާހަރާކުރަން ތައްޔާރުވަމުން އަންނާތީ، އެ ރަށުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މިއަދު މަނާކޮށްފި އެވެ.
11 ސެޕްޓެމްބަރ 2025
ބ. ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދު، ކަނޑުމަތީގައި މުޒާހަރާކުރަން ތައްޔާރުވަމުން އަންނާތީ، އެ ރަށުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މިއަދު މަނާކޮށްފި އެވެ.
މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮންފަނަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ރައްޔިތުން އެދިގެން ވަނީ، އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުން، ދޮންފަނާ ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ހުއްޓާލައިފަ އެވެ.
އެކަމަކު، މިއީ ދޮންފަނަށް ލިބެން އޮތް ބޯހިޔާވަހިކަން ހުއްޓުން ކަމަށް ބުނެ، ރައްޔިތުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއު އަލުން ފަށައި ވީހާވެސް އަވަހަށް އެކަން ނިންމަން ވެސް އެ މުޒާހަރާގައި ގޮވާލި އެވެ.
ބިން ހިއްކުމުގެ މައްސަލާގައި ދޮންފަނު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރި ޕްރޮޖެކްޓުން ބިން ހިއްކުމުގެ ބައި އުނިކޮށް ބިން ނުހިއްކާ ގޮތަށް ސަރުކާރުން ހަމަޖެއްސުމުން އެ ރަށުގައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އެ ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ވެސް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންވެ، މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެ ދޮންފަނު ކައުންސިލުން ވަނީ އެ ސަރަހައްދުގައި ޑައިވްކުރުމާއި ފީނުން ވަގުތީގޮތުން މަނާކޮށްފަ އެވެ.
ދޮންފަނު ކައުންސިލުން ބުނީ މުޒާހަރާ ކުރިއަށްދާ ވަގުތު ފީނުމާއި ޑައިވްކުރުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށްވާތީ ވަކި ގޮތެއް ކަނޑައަޅައި އަންގަންދެން މިއަދުން ފެށިގެން އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން މަނާ ކަމަށެވެ.
އެ އެންގުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގަމުންދާނެ ކަމަށް ވެސް ދޮންފަނު ކައުންސިލުން ބުންޏެވެެ.
މިދިޔަ އަންގާރަ ދުވަހު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަން އެގްރީމަންޓްގައި މިދިޔަ މަހު ސޮއިކުރި ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން އެ މަޝްރޫއު ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށެވެ.
އެގޮތަށް ނިންމި ކަން ރައީސް އިއުލާންކުރެއްވީ ހަނިފަރު ސަރަހައްދު ސަލާމަތްކުރަން ގޮވާލައި ބަޔަކު ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންދަނިކޮށެވެ.
ސަރުކާރުން 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުގައި، ދުނިޔެއިން ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުންތައް ވެސް އުޅޭތީ އެއީ މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ. ގުދުރަތީ މާހައުލު އެހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. އަދި އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.
އެހެންވިޔަސް ދޮންފަނު ކައުންސިލުން ބުނާ ގޮތުގައި ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގައި ބޯހިޔާވަހިކަން ބޭނުންވާ 100 އެއްހާ މީހުން މިވަގުތު އެބަ ތިއްބެވެ. ދޮންފަނުގެ ބިން ފުރި ގޯތި ނުދެވޭ ހިސާބަށް ގޮސްފައި ވާތީ، ސަރުކާރުން އެ އެންމެނަށް ކޮންމެވެސް ގޮތެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ބިން ނުހިއްކަން ނިންމުމުން ދޮންފަނުގައި މުޒާހަރާކުރަނީ
ހަނިފަރު ފަރަށް ޑައިވްކުރަން ފޭބިޔަ ނުދީ ހުރަސްއަޅައިފި
ދޮންފަނުފަރުގައި ޑައިވްކުރުން މަނާކުރުން ގާނޫނާ ހިލާފު
ދޮންފަނުފަރަށް ޑައިވްކުރުން މަނާކުރުމުން ބޮޑު ގެއްލުމެއް
ދޮންފަނުގެ ބިން ހިއްކަން ފަށަން ކައުންސިލުން ގޮވާލައިފި
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް
ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގައުމީ ދިރާސާއެއް ބޭނުންވޭ!
ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ބާތިލްކޮށްފި
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި