ބ. ދޮންފަނު ފަރުގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މަނާކުރި ނިންމުން ބާތިލްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނިކޮށް، ދޮންފަނާއި ހަނިފަރުބޭއާ ދެމެދު އޮންނަ ޑައިވިން ސައިޓަށް މިއަދު ހެނދުނު ފައިބަން ދިޔަ ބަޔަކު ހުއްޓުވައި ޑައިވް ކުރަން ހުރަސްއަޅައިފި އެވެ.
ބ. ދޮންފަނު ފަރުގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މަނާކުރި ނިންމުން ބާތިލްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނިކޮށް، ދޮންފަނާއި ހަނިފަރުބޭއާ ދެމެދު އޮންނަ ޑައިވިން ސައިޓަށް މިއަދު ހެނދުނު ފައިބަން ދިޔަ ބަޔަކު ހުއްޓުވައި ޑައިވް ކުރަން ހުރަސްއަޅައިފި އެވެ.
ޓޫރިސްޓުންގެ މަގްބޫލް މަންޒިލެއްގެ ގޮތުގައި އޮތް ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން އިއްޔެ މަނާކުރީ ދޮންފަނުގެ ބިން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވާތީ ކަމަށް ބުނެ އެވެ. އެކަމަކު އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެލްޖީއޭ އިން ވަނީ ކައުންސިލަށް އަންގައިފަ އެވެ. އަދި ކައުންސިލްގެ ނިންމުން ބާތިލް ކުރަން ވެސް އެލްޖީއޭގެ އެންގުމުގަިއ ވެ އެވެ.
ހަނިފަރުބޭ ސަރަހައްދު ކައިރީގައި މިއަދު ކަނޑުމަތީ މުޒާހަރާ ކުރަން ތިއްބައި ޑައިވްކުރަން އެ ސަރަހައްދަށް ދިޔަ ދޯނިތަކަށް ވަނީ ހުރަސްއަޅައިފަ އެވެ.
އެ ދޯނިތަކުން ދިޔަ މީހުން، ދޮންފަނާއި ބ. ހަނިފަރާ ދެމެދުން ހަނިފަރާ ކައިރިއަށް ޑައިވިންއަށް ފޭބިޔަ ނުދީ ހުއްޓުވި މަންޒަރު ސޯޝަލް މީޑިއާގައި ވެސް ވަނީ އާއްމުވެފަ އެވެ.
އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ޑައިވް ދޯންޏަކުން ދިޔަ ބަޔަކު ފައިބަން އުޅުމުން ދޮންފަނު ރައްޔިތުންތަކެއް އެ ސަރަހައްދާ ކައިރިކޮށް އެކަން ނުކުރަން އަންގާފައިވެ އެވެ. އެކަމުގެ ސަބަބުން އެ މީހުންނާ ދެމެދު ހޫނު ޒުވާބެއް ވެސް ހިނގާފައިވެ އެވެ.
އެ ފަރަށް ފައިބަން ހުރަސްއެޅި ދޯނީގައި ތިބި ދޮންފަނު މީހުން ގޮވަމުން ދިޔައީ އެ ސަރަހައްދު ދޫކޮށް ދިއުމަށެވެ. އެކަމާ ހިތްހަމަނުޖެހިގެން ޑައިވަރުން ވެސް ވަނީ އެގޮތަށް އެ މީހުން ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.
އެ ފަރަކީ ދޮންފަނު މީހުންގެ އެކަނި ތަނެއް ނޫން ކަމަށް އެކަކު ބުނާ އަޑު އާއްމު ވީޑީއޯގައި އިވެ އެވެ.
އެ ވީޑިއޯތަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، އެކަމުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވާނެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.
ނަމަވެސް، ބިން ހިއްކުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމުން ބަދަލު ކުރަންދެން އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރާނެ ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ކަނޑުމަތީ މުޒާހަރާ ކުރާނެ ކަން އިއުލާން ކޮށްފައިވަނިކޮށް އެހެން ބައެއް ރަށްރަށުން އައިސް މުޒާހަރާއަށް އުނދަގޫތައް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދޮންފަނު ކައުންސިލްގެ އިއުލާނާ ގުޅިގެން އެލްޖީއޭ އިން ރޭ ބުނީ، ލާމަރުކަޒީ ގާނޫނުގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ. "އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިހުތިސާސް ކައުންސިލަށް ލިބިގެން ނުވާތީ، ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާތިލް ކުރުމަށް އަންގަމެވެ،" ބަޔާނުގައި ބުންޏެވެ.
ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ރޭ ވަނީ ބުނެފަ އެވެ.
ދޮންފަނުގެ ފަރާއި ފަރުން ފެށިގެން 700 މީޓަރު ބޭރާ ހަމައަށް ފީނުމާއި ޑައިވް ކުރުން މަނާކުރުމުން ކަންބޮޑުވުން ފާޅުކޮށް މަޓާޓޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ގޮތަށް 700 މީޓަރުގެ ސަރަހައްދެއް މަނާކުރުމުން ބަންދުވީ ހަމަ އެކަނި ދޮންފަނު ފަރު ނޫން ކަމަށާއި އޭގެ ސަބަބުން އެ ބަންދުވީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާދާއިރާއެއްގައި ބޭނުންކުރާ ވިލުތައް ވެސް ހިމެނޭ ސަރަހައްދެއް ކަމަށެވެ.
"... ހަމަ އެކަނި އެންމެ މުޖުތަމައަކަށް ވުރެ ދުރަށް، ކަނޑުގެ މި ސަރަހައްދަށް ބަރޯސާވާ އެތައްް ހާސް ވަޒީފާއަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓްތަކަށް އަދި ރިސޯޓްތަކަށް ވެސް މިކަމުގެ ގެއްލުން ފޯރާ،" މާޓާޓޯގެ ބަޔާނުގައި ކަންބޮޑުވުމާ އެކު ބުންޏެވެ.
ދޮންފަނުގެ މައްސަލަ މި ހަފުތާގައި ހޫނުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު، އެއްބަސްވުން ބާތިލް ކުރުމުންނެވެ. ޖުމުލަ ތޭރަ ހެކްޓަރުގެ ބިން ހިއްކުމުގެ އެ މަޝްރޫއު ހުއްޓާލަން ސަރުކާރުން ނިންމީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ނަމަވެސް، ބިން ހިއްކުން ހުއްޓާލަން ނިންމުމާއެކު ދޮންފަނުގައި މުޒާހަރާތައް ކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ރަށާ ކައިރީގައި ފީނުން މަނާކުރީ ވެސް ކަނޑުމަތީގެ މުޒާހަރާ ކުރުމަށް ކަމަށް ކައުންސިލުން ބުންޏެވެ.
ދޮންފަނުފަރުގައި ޑައިވްކުރުން މަނާކުރުން ގާނޫނާ ހިލާފު
ދޮންފަނުފަރަށް ޑައިވްކުރުން މަނާކުރުމުން ބޮޑު ގެއްލުމެއް
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
ބިން ނުހިއްކަން ނިންމުމުން ދޮންފަނުގައި މުޒާހަރާކުރަނީ
ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް
ހަނިފަރު ބަލަހައްޓާ ވޮޗްޓަވާއެއް ދަރަވަންދޫގައި
ހަނިފަރު ބެލެހެއްޓުން ހަވާލުކޮށްދޭން ދޮންފަނުން އެދިއްޖެ
ދޯންޏެއް އަރައި ހަނިފަރަށް ބޮޑެތި ގެއްލުންތަކެއް
މުޒާހަރާކުރަން ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކޮށްފި
ފެހުރިހި ބަލަން ވަންނަ ދޯނީގައި ދިދަ ނަގަން ޖެހޭނެ