Roadha Mihaaru

ހަނިފަރު ސަރަހައްދު ބެލެހެއްޓުން ދޮންފަނު ކައުންސިލާ ހަވާލުކޮށްދޭން އެދިއްޖެ

ސަރުކާރުން ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރުގެ ސަރަހައްދު ބެލެހެއްޓުން ބ. ދޮންފަނު ކައުންސިލާ ހަވާލުކޮށްދޭން އެ ރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިއަދު އެދިއްޖެ އެވެ.

ހަނިފަރު ބެލެހެއްޓުން ހަވާލުކޮށްދޭން ދޮންފަނުން އެދިއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 އޯގަސްޓް 2025

ސަރުކާރުން ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރުގެ ސަރަހައްދު ބެލެހެއްޓުން ބ. ދޮންފަނު ކައުންސިލާ ހަވާލުކޮށްދޭން އެ ރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިއަދު އެދިއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު ދޮންފަނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ކައުންސިލް ރައީސް އަހުމަދު އިރުޝާދު ވިދާޅުވީ ހަނިފަރަކީ ބ. އަތޮޅުގެ އެއް "ޖަވާހިރު" ކަމަށެވެ.

ހަނިފަރު ސަރަހައްދުގެ ބެލެހެއްޓުން ދޮންފަނު ކައުންސިލާއި ހަވާލުކުރުމަކީ މިދިޔަ ކޮންމެ ސަރުކާރެއްގައި ވެސް އެދިފައިވާ ކަމެއް ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްދީފައި ނުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދޮންފަނުގެ އިރުމަތި ފަރާތުގައި އޮންނަ ހަނިފަރާއި އެ ރަށުގެ ބޮޑު ފަޅުގެ ސަރަހައްދު މިހާރު ބަލަހައްޓަނީ ބ. އަތޮޅު ބަޔޮސްފިޔާ އޮފީހުންނެވެ.

ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ނުވަ ސަރަހައްދެއް ސަރުކާރުން ހިމާޔަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން ތިން ސަރަހައްދެއް މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަލަހައްޓަނީ ބަޔޮސްފިއާ އޮފީހުންނެވެ. އެއީ ހަނިފަރު ސަރަހައްދާއި މެންދޫ ސަރަހައްދުގެ އިތުރުން އޮޅުގިރި އެވެ.

ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ޖަލްސާގައި ވާހަކަަ ދައްކަވަނީ

ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ޖަލްސާގައި ވާހަކަަ ދައްކަވަނީ

"ކޮންމެ ސަރުކާރެއްގައި ވެސް ދޮންފަނު ރައްޔިތުން އެދޭ އެންމެ ބޮޑު އެއް އެދުމަކީ ހަނިފަރު ދޮންފަނުގެ އިހުތިސާސްގައި ހިމަނައިދިނުމަށް. ނުވަތަ ހަނިފަރު ބެލެހެއްޓުން ދޮންފަނު ކައުންސިލާ ހަވާލުކުރުން،" އިރުޝާދު ވިދާޅުވި އެވެ.

"ދޮންފަނަކީ ކުޑަ ރަށެއް ވީމަ، ދޮންފަނުގެ އަޑު ނާހާ އަތޮޅުން ބާކީކޮށްލެވޭތަން އަބަދުވެސް ފެނޭ."

ހަނިފަރާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށަކީ އެ ރަށް ކަމަށާއި އެތަން ބެލެހެއްޓުމުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ ވެސް ދޮންފަނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި އެ ރަށު ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ހަނިފަރު ސަރަހައްދު ދޮންފަނަށް ލިބުމަކީ ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވިދާޅުވެ، އެ ސަރަހައްދު އެ ރަށުގެ އިހުތިސާސްގައި ހިމަނައިދިނުމަށް ރައީސްގެ އަރިހުގައި ކައުންސިލްގެ ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ 12 އަހަރު ކުރިން 2013 ގައި އުފެއްދި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ހަނިފަރު ސަރަހައްދަށް ފީނަން ދާ ޓޫރިސްޓުންގެ އަތުން 10-20 ޑޮލަރުގެ ފީއެއް އެ އޮފީހުން ނަގަ އެވެ. ދިވެހިންގެ އަތުން ނަގަނީ ދެ ޑޮލަރެވެ.

ގިނަ އަދަދެއްގެ މަންތާ އާއި ފެހުރިހި ފެންނަ އެ ސަރަހައްދަށް ދާ މީހުންގެ އަތުން ނަގާ ފީ ބޭނުންކުރަނީ ބ. އަތޮޅުގެ ވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށެވެ.