14 ފެބުރުއަރީ 2024
ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ސިވިލް ކޯޓަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ. އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދުނަސް، ސިވިލް ކޯޓުން އޭރު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ނަމަވެސް ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލާގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު، އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
"ތިމާވެށްޓަށް ލިބޭ ގެއްލުމަކީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކަމަށް ބެލުމަށް މި ހިނދަށް ފުދޭ އަދި ދައުލަތަށް ލިބިދާނެ މާލީ ގެއްލުމަކަށް ވުރެ ބޮޑެތި ހަމަ އެހެންމެ، ދިގު މުއްދަތަކަށް ދެމިގެން ގޮސްދާނެ ގެއްލުންތަކެއް،" ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން އަންގާ ކަމަށެވެ.
ނަމަވެސް މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ހައި ކޯޓުން އިތުރަށް ގޮތެއް ނިންމަންޖެހޭ ކަމެއް އެ މައްސަލާގައި ނެތް ކަމަށެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ ތިމާވެށްޓަށް ގެއްލުން ލިބޭ މަޝްރޫއުއެއް ނަމަ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް އެކަން އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެކަމާ މެދު މިނިސްޓަރު ނިންމި ނިންމުމެއް ނެތި ކޯޓުން އެފަދަ މައްސަލަތައް ބެލުމަކީ ތަރުތީބު އޮޅިގެންދާނެ ކަމެއް ކަމަށް ވެސް އެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވާ ގޮތުން ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުން ހުއްޓުވާލަން އާންމު ފަރުދަކަށް މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތެއް ނެތެވެ. ސަބަބަކީ އެ މަޝްރޫއުގެ ސަބަބުން ލިބޭނެ ފައިދާތައް ވެސް އާންމު މީހެއްގެ ފަރާތުން ފާހަގަ ކުރުމުގެ ފުރުސަތު އޮތުމުން ކަމަށް އެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވާ ގޮތުން އާންމު މަސްލަހަތާ ގުޅޭ ދުސްތޫރީ މައްސަލައެއް ނަމަ މުޅި މުޖްތަމައު ތަމްސީލު ކުރުމުގެ ގޮތުން އާންމު މީހަކަށް ވެސް އެފަދަ މައްސަލައެއް ހުށަހެޅިދާނެ އެވެ. އެކަމަކު ގުޅިފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މުޅި މުޖުތަމައުގެ ފަރާތުން ކަން ނުވަތަ ފަރުދީ ގޮތުންކަން ސާފުނުވާ ކަމަށް އެ ރައުޔުގައިވެ އެވެ. ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ އެފަދަ މައްސަލަތަކަކީ "އެއް ކޯޓުން އަނެއް ކޯޓަށް ދުވުމުގެ ބަދަލުގައި" ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެންމެ މަތީ މަރުހަލާއިން ދާއިމީ ހައްލެއް ހޯދޭނެ މައްސަލަތަކެއް ކަމަށާއި ނަމަވެސް އެ މައްސަލަ ހުށަހަޅާފައިވަނީ އެގޮތަށް ނޫން ކަމަށް ވެސް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ބާތިލްކޮށްފި
ގުޅީފަޅު ހިއްކުމުގެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅައިފި
އަމާޒަކީ ވީހާ އަވަހަކަށް ގުޅިފަޅު ނިންމުން: މުއްތަލިބް
ވޯޓާ ތީމް ޕާކް އަތުލުން ހައިކޯޓުން ހުއްޓުވައިފި
ނަރުދަމާގެ މަޝްރޫއުތަކެއް ފަސްކުރުމުގެ އަމުރެއް ނުދިން
އެމްޑަބްލިއުއެސްސީއަށް 37 މިލިއަން ދިނުން ހުއްޓުވައިފި
ގުޅިފަޅު ހިއްކައި ނިމޭއިރު 1.8 ބިލިއަން ހަރަދުވާނެ
ބޮސްކާލިސް، އިހުތިޔާރުކުރީ ނެދަލެންޑްސްގެ ލޯނެއް ނަގާތީ
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި